Advertisement

އިހުސާން މަގާމުން ދުރުކޮށް ޖިނާއީ ތަހުގީގެއް ހިންގަން ގޮވާލައިފި

ނެޝަނަލް ރެޖިސްޓްރޭޝަންގެ ޑޭޓާ ބޭސް ބޭނުންކޮށްގެން ޕީޕީއެމް އަށް ވަގު ފޯނު ފުރަމުން ދާއިރު، މިނިސްޓަރު އިހްސާން ހުންނެވީ ބައްލަވަން.


އިހުސާން މަގާމުން ދުރުކޮށް ޖިނާއީ ތަހުގީގެއް ހިންގަން ގޮވާލައިފި

ސަރުކާރުގެ ރަސްމީ ލިޔެކިޔުމާއި ޑޭޓާބޭސްތަކުން މައުލޫމާތު ވަގަށް ނަގައިގެން ވެރިކަން ކުރާ, ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މެމްބަޝިޕް ފޯމު އެކިއެކި މީހުންގެ ނަމުގައި ވަގަށް ފުރާފައިވާ މައްސަލައިގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މަގާމުން ވަކިކޮށް، ސީރިއަސް ޖިނާއީ މައްސަލައެއްގެ ގޮތުގައި އެކަން ތަހުގީގުކުރަން ދަ ޑިމޮކްރެޓްސްއިން ގޮވާލައިފި އެވެ.

ޑިޕާޓްމެންޓު އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) ގައި ޕީއެންސީގެ ފޯމުތައް ފުރަތަމުން ދާއިރު އެ މަންޒަރު ބައްލަވަން މިނިސްޓަރު އިހްސާން ހުންނަވާ ފޮޓޯތަކެއް އިއްޔެ ވަނީ ލީކްވެފަ އެވެ.

"މިއީ ދާހިލީ ވަޒީރުގެ ބެއްލެވުމުގެ ދަށުން ރޭވިގެން ހިންގާފައިވާ ކުށުގެ އަމަލެއް ކަމަށް ވިޔަސް ނުވަތަ ވަޒީރުގެ ޒިންމާއާއި މަސްއޫލިއްޔަތު އަދާނުކުރެވުމުގެ ސަބަބުން ހިންގާފައިވާ އަމަލެއް ކަމަށް ވިޔަސް އެކަމުގެ ސަބަބުން ދާހިލީ ވަޒީރު މަގާމުން އިސްތިއުފާ ދެއްވަންޖެހޭ ވަރުގެ ސަބަބެއް ކަމަށް މި ޕާާޓީން ދެކެމެވެ," ޑިމޮކްރެޓްސްއިން ރޭ ނެރުނު ބަޔާނުގައިވެ އެވެ.

ހޯމްލޭންޑް ސެކިއުރިޓީއަކީ، ޑީއެންއާރުގެ އިތުރުން ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް، ފުލުހުން އަދި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ވެސް ބެލެނިވެރި ފަރާތަށް ވާއިރު، އެ މިނިސްޓްރީ ހިންގަވާން ހުންނެވި ވަޒީރުގެ ފެނުމާއި އެނގުމުގެ ތެރެއިން އައިޑެންޓީޓީ ވަގަށް ނަގައިގެން ޕީއެންސީގެ ފޯމު ފުރުމުގެ ޖިނައީ އަމަލު ހިންގާފައިވާކަން މި ދަނީ އެނގި ހާމަވަމުން ކަމަށް ޑިމޮކްރެޓްސްގެ ބަޔާނުގައިވެ އެވެ.

އެހެންވެ އެ އިދާރާތަކުގެ ޒިންމާއާ ހަވާލުވެ ހުރުމުގެ މޯރަލް އޮތޯރިޓީ ނުވަތަ އަހުލާގީ ފަންވަރު އިހުސާނުގެ ކިބައިން ގެއްލިފައިވާ ކަމާއި އެ ޒިންމާތަކުން އިހުސާން ދުރުކޮށް ތަހުގީގު ހިންގުމަށާއި ސީރިއަސް ޖިނާއީ މައްސަލައެެއްގެ ގޮތުގައި އެކަން ތަހުގީގުކުރުމަށް ވެސް ޑިމޮކްރެޓްސްއިން ގޮވާލާފައިވެ އެވެ.

"ރައްޔިތުންގެ ޒާތާއި އާއިލާ އާއި ދިރިއުޅުމާއި އަދި ޖާނާއި މާލާބެހޭ އެންމެ އަސާސީ މައުލޫމާތު ބަލަހައްޓާ ފަރާތުގެ އަމާނާތްތެރިކަމާއި ނަޒާހަތްތެރިކަން އިތުބާރާއި އިންސާފު ގެއްލި ދިޔުމަކީ ދައުލަތެއްގެ ނިޒާމު ފޫދިޔުން،" ބަޔާނުގައިވެ އެވެ.

ޑީއެންއާރުގައި ހުރި އާންމު ރައްޔިތުންގެ ޒާތީ މައުލޫމާތު ވަގަށް ނަގައިގެން އަމިއްލަ ޒާތީ ސިޔާސީ މަންފާއަށް ބޭނުން ކުރުމަކީ ނުކުރައްތާކެތިކަން ބޮޑު ހިޔާނާތެއް ކަމާއި އެއީ މަކަރާއި ހީލަތުގެ އަމަލެއް ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.

އެ އަމަލަކީ، އައިޑެންޓިޓީ ފޯޖުކުރުމާއި ސައްހަ ނޫން ލިޔެކިޔުން ދައުލަތުގެ އިދާރާއަކަށް ގަސްދުގައި އޮޅުވާލައިގެން ހުށަހެޅުން ހިމެނޭ ޖިނާއީ ކުށެއް ކަމަށް ޑިމޮކްރެޓްސްއިން ދެކެ އެވެ.

މި މައްސަލައިގައި މިނިސްޓަރު އިހުސާން މަގާމުން ދުރުކުރުމަށް އެންމެ ބޮޑު އިދިކޮޅު ޕާޓީން ވެސް ގޮވާލާފައިވެ އެވެ. އަދި އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް، އެމްޑީޕީން ވަނީ ނިންމައިފަ އެވެ.

ބޮޑު ކުށެއްގެ ތުހުމަތު އިހުސާންގެ މައްޗަށްކޮށް އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅިޔަސް، ޕީއެންސީގެ ސުޕަ މެޖޯރިޓީ މަޖިލީހުގައި އޮތުމުން، އެ މައްސަލަ ފާސްވާނެ ކަމަސް ނުބެލެވެ އެވެ.