14 ޖަނަވަރީ 2025 - 10:50 0
14 ޖަނަވަރީ 2025 - 10:50 0
މެންޗެސްޓާ (ޖެނުއަރީ 14) - މި ސީޒަން ފެށުމުގެ ކުރިން މެންޗެސްޓާ ސިޓީގެ މެނޭޖްމަންޓުން ކުޅުންތެރިން ގަންނަން ލަފާދިން ކަމަށާއި އެ ގޮތަށް ކަންތައް ނުކުރެވުނީތީ މިހާރު ހިތާމަކުރާ މޭރުމުން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވާހަކަދައްކައިފި އެވެ.
މި ސީޒަނުގައި ސިޓީގެ ފޯމަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާއިރު، އެ ޓީމުން އަންނަނީ ކުޅުންތެރިން ގަތުމަށް ޓްރާންސްފާ މާކެޓްގައި ހަރަކާތްތެރިވަމުންނެވެ. އެ ގޮތުން، ލެންސަށް ކުޅޭ އުޒްބެކިސްތާންގެ ޑިފެންޑަރު، އަބްދުކޮދީރު ހުސާނޯވް އާއި އައިންޓްރަކްޓް ފްރޭންކްފާޓްގެ މިސްރު ފޯވާޑް، އޮމަރު މާމޫޝް އަދި ޕަލްމެއިރާސް އަށް ކުޅެމުން އަންނަ ޒުވާން ޑިފެންޑަރު، ވިޓޯ ރެއިސް ވެސް ސިޓީއާ މި މަހުގެ ޓްރާންސްފާގައި ގުޅޭނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
މިއީ، 2018 ވަނަ އަހަރުގެ ޖެނުއަރީ ޓްރާންސްފާގައި އައިމެރިކް ލަޕޯޓް ގަތް ފަހުން ސިޓީން ފިނި މޫސުމުގެ ޓްރާންސްފާ ބާޒާރެއްގައި އެންމެ ހަރަކާތްތެރިކޮށް ފެންނަ ފަހަރެވެ.
"ސީޒަން ފެށުމުގެ ކުރިން ކްލަބުން އަހަންނަށް ހުށަހެޅި އިތުރު ޓްރާންސްފާތަކެއް ކުރަން. ދެން، އޭރު އަހަރެން ބުނީ، އެއީ ބޭނުމެއް ނޫން ކަމެއް ކަމަށް. އެކަމަކު، ސީޒަން ފަށައިގެން މިހާތަނަށް މި އައި ކަންތައްތަކަށް ބަލާއިރު އަހަންނަށް ވިސްނޭ ހަގީގަތުގައި ކްލަބުން އެދުނު ގޮތަށް ކަން ކުރެވުނު ނަމަ ރަނގަޅުވާނެއޭ،" ލީގުގައި މިރޭ ބްރެންޓްފޯޑް ދަނޑުގައި އެ ޓީމާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ނޫސްވެރިންގެ ބައްދަލުވުމުގައި ގާޑިއޯލާ ބުންޏެވެ.
ސިޓީ އަށް މި ސީޒަނުގައި ކުރިމަތިވި އަނިޔާގެ މައްސަލަތަކަށް ބަލާއިރު، 15 މައްސަލައެއްގައި، ގިނަ ކުޅުންތެރިންނަށް ދެ ހަފްތާ އަށް ވުރެ ދިގު މުއްދަތެއްގައި ކުޅުމާ ދުރުގައި ހުންނަން ޖެހުނެވެ. ސިޓީގެ އަނިޔާގެ މައްސަލަ ގުޅުވޭ އެއް ކަމަކީ، އެ ކްލަބްގައި 30 އަހަރުން މަތީގެ ކުޅުންތެރިން ގިނަވުމާއި ގާޑިއޯލާ ކުޅުވާ ސްޓައިލް ކަމަށް ގިނަ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.
"ސީޒަން ފެށިއިރު ވެސް އަހަރެމެންނަށް އެނގޭ 30 އަހަރުން މަތީގެ ކިތައް ކުޅުންތެރިންކަން ތިބީ. ދެން، ވަކި ހިސާބަކުން މި ބަދަލުތައް އަންނަން ޖެހޭކަން ވެސް އެނގިފައި އޮތީ،" ގާޑިއޯލާ ބުންޏެވެ.
ސިޓީގެ ދެ ޑިފެންޑަރުން ކަމަށްވާ ރުބެން ޑިއާޒް އާއި ޖޯން ސްޓޯންސް އަށް މިރޭ ބްރެންޓްފޯޑާ ދެކޮޅަށް އަނިޔާގެ ސަބަބުން ނުކުޅެވޭއިރު، ސިޓީ ދޫކޮށްލަން ކްލަބްގައި އެދިފައިވާ، ކައިލް ވޯކާ ޓީމުގައި ހިމެނުމާ މެދު ގާޑިއޯލާ ވަކި ގޮތެއް ނުނިންމަ އެވެ.
Comment