Advertisement

އެއްވެސް ސިޔާސީ ޕާޓީއެއްގައި މިވަގުތު އަމަލީ މަސައްކަތް ކުރާކަށް ނެތިން: ނަޝީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު : އެމަނިކުފާނު ވިދާޅުވީ މިވަގުތަށް އެއްވެސް ސިޔާސީ ޕާޓީއެއްގައި އަމަލީ މަސައްކަތް ކުރާކަށް ނެތިން ކަމަށް --- ފޮޓޯ: އަދަދު


އެއްވެސް ސިޔާސީ ޕާޓީއެއްގައި މިވަގުތު އަމަލީ މަސައްކަތް ކުރާކަށް ނެތިން: ނަޝީދު

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަދި ދަ ޑިމޮކްރެޓްސްގައި ވެސް މިވަގުތު އަމަލީ ގޮތުން އެއްވެސް ސިޔާސީ މަސައްކަތެއް ނުކުރައްވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިފަދައިން ވިދާޅުވެ އެކްސްގައި ނަޝީދު ދިގު ޕޯސްޓެއް ކުރައްވާފައި މިވަނީ، އެމަނިކުފާނު އެނބުރި އެމްޑީޕީއަށް ވަޑައިގަންނަވާފާނެ ކަމުގެ އަޑުތަކެއް ފެތުރިފައިވަނިކޮށެވެ.

އެ އަޑުތައް ގަދަވީ ނަޝީދު އާއި އަރިސް ބޭފުޅުން ކަމުގައިވާ ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފު، ނައިބު ރައީސް މުހައްމަދު ޝިފާޒު، ހުސެއިން އަމްރު، އަދި އަލީ އާޒިމް އެނބުރި އެމްޑީޕީއަށް ސޮއި ކުރެއްވުމާ ގުޅިގެންނެވެ.

ނަޝީދުގެ ޕޯސްޓުގައި ވިދާޅުވެފައިވަނީ އެމަނިކުފާނަކީ ސިޔާސީ ޕާޓީއަކާ އިދިކޮޅުވާނެ މީހެއް ނޫން ކަމަށެވެ. އަދި އެމްޑީޕީއަކީ އެމަނިކުފާނުގެ "ދަރިއެއް ފަދަ ޕާޓީއެއް" ކަމަށް ވެސް ނަޝީދު ލިޔުއްވާފައިވެ އެވެ.

"މީގެން އެއްވެސް ޕާޓީއެއްގައި އަމަލީ މަސައްކަތް ކުރާކަށް މިވަގުތު އަޅުގަނޑު ނެތިން އެހެން ނަމަވެސް ރާއްޖޭގެ ސިޔާސީ ހަރަކާތުން މުޅިން ދުރުވާކަށްވެސް ނެތިން،" އެމަނިކުފާނު ލިޔުއްވާފައިވެ އެވެ.

ސޯޝަލް މީޑިއާ ޕޯސްޓާ ގުޅިގެން ޑިމޮކްރެޓްސް އިން ވަކިވީތޯ ސުވާލު ކުރުމުން، މި ނޫހާ ވާހަކަ ދައްކަވަމުން ނަޝީދު ވަނީ ޕާޓީން ވަކިނުވާކަން ކަށަވަރުކޮށްދެއްވާފަ އެވެ. އިތުރު ތަފުސީލެއް ނުދެއްވަ އެވެ.

"އަޅުގަނޑުގެ ހަޔާތުގެ ބޮޑު ބައެއް ހޭދަކުރީ ދިވެހި ރާއްޖޭގައި ގިނަ ޕާޓީ އެކުލެވޭ ނިޒާމެއް ގާއިމު ކުރުމުގެ މަސައްކަތުގައި،" ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ދިގު ވެރިކަން ނިންމާލާ ގިނަ ޕާޓީ އެކުލެވޭ ނިޒާމެއް ގެންނަން ގިނަ މަސައްކަތްތަކެއް ކުރެއްވި ނަޝީދު ލިޔުއްވާފައިވެ އެވެ.

އެމްޑީޕީގެ މަޖިލިސް މެންބަރުންތަކަކާއި އެ ސަރުކާރުގެ އިސް މަގާމުތަކެއްގައި ތިބި ބޭފުޅުންތަކެއް އެމްޑީޕީން ވަކިވެ، ދަ ޑިމޮކްރެޓްސްގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފެށީ އާޒިމް އެމްޑީޕީން ވަކި ކުރުމުންނެވެ.

އެމްޑީޕީގެ އެތެރެ ރޫޅިގެން ދިޔައީ ރިޔާސީ ކެންޑިޑޭޓުގެ ވާދަވެރިކަމުގަ އެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަށް ކުރިމަތިވި ނާކާމިޔާބީ ގަބޫލު ނުކުރައްވައި، އެ މަނިކުފާނާއި އެ މަނިކުފާނުގެ ސަޕޯޓަރުން ނުކުތީ، އެމްޑީޕީގެ ކެންޑިޑޭޓު ‘އިބްރާހިމް މުހައްމަދު ސޯލިހު ނޫން ގޮތެއް’ ހޯދުމަށެވެ.

ރިޔާސީ އިންތިހާބު އެމްޑީޕީ އަށް ގެއްލިގެން ދިޔަ މައިގަނޑު އެއް ސަބަބަކީ އެއީ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.