12 ޖަނަވަރީ 2025 - 14:11 0
ރޭގެ މެޗުގެ ތެރެއިން ބޮންޑާ ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: އިމޭޖަސް.އެމްވީ
12 ޖަނަވަރީ 2025 - 14:11 0
ގޯލްޑަން ފުޓްސަލް ޗެލެންޖު 2025 ގައި ރޭ ސ. ހިތަދޫ ޓީމުން މި ފަހަރުގެ މުބާރާތުގައި ކުޅުނުއިރު، އެ ޓީމުގައި ހިމެނި ތަޖުރިބާކާރު ކުޅުންތެރިޔާ، ޝަމްވީލް ގާސިމް (ބޮންޑާ) ނަމޫނާ ދައްކައިފި އެވެ.
މިދިޔަ އަހަރު ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ކުއާޓާ ފައިނަލުގައި ކުޅުނު ހިތަދޫ ޓީމުން މި ފަހަރުގެ މުބާރާތް ފެށީ ރޭ މަރަދޫ އަތުން 3-0 އިން ހޯދި މޮޅާ އެކު އެެވެ. ރޭގެ މެޗަށް ބަލާއިރު، މިދިޔަ އަހަރުގެ ހިތަދޫ ޓީމުން މި ފަހަރު ފެންނަ ތަފާތަކީ، 42 އަހަރުގެ ބޮންޑާ އެވެ.
ރޭގެ މެޗަށް ފަހު، "އަދަދު ސްޕޯޓްސް" އަށް ދިން އިންޓަވިއުގައި ބޮންޑާ ބުނީ، ގޯލްޑަން ފުޓްސަލް ޗެލެންޖަކީ މިހާރު ރާއްޖޭގައި އެންމެ ނަން ހިނގާ އެއް މުބާރާތް ކަމަށާއި މި މުބާރާތުގައި އެންމެން ވެސް ބައިވެރިވާން ބޭނުންވާ ކަމަށެވެ.
އެ ގޮތުން، އައްޑޫ ސިޓީ އަށް ބަލާއިރު، މިދިޔަ އަހަރު އައްޑޫގެ ތިން ޓީމުން ވާދަކުރި މި މުބާރާތުގައި މި ފަހަރު އައްޑޫގެ ހުރިހާ ރަށަކުން ވާދަކުރާ ކަމަކީ، މީގެ މުހިންމުކަން އައްޑޫން ވެސް ބަލައިގެންފައިވާކަން ދޭހަވާ ކަމެއް ކަމަށް ބޮންޑާ ވަނީ ބުނެފަ އެވެ.
"ކުޅުންތެރިންނަށް ބަލާއިރު ވެސް އަދި މުބާރާތް އިންތިޒާމްކުރާ މީހުންނަށް ބަލާއިރު ވެސް ވަރަށް ބޮޑަށް ކުރިއަރަމުން މި ދަނީ މި މުބާރާތް، އެކަމަށް ވަރަށް ބޮޑަށް ޝުކުރުވެރިވަން،" ބޮންޑާ ބުންޏެވެ.
މި ފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖަށް ބަލާއިރު، ބޮންޑާއާ އެކުގައި ރާއްޖޭގެ ފުރަަތަމަ ޑިވިޝަނުގައި ކުޅުނު ކުޅުންތެރިން ތިބީ ޓީމުތަކުގެ ކޯޗުކަމާ ހަވާލުވެ އެވެ. ނޫނީ މެޗުތައް ޝަރަފްވެރިކުރުމުގެ ކަންކަމުގައި ވެސް ބައިވެރިވެ އެވެ.
ބޮންޑާ ބުނީ މެޗުތަކުގައި އޭނާ ކުޅެން އެރުވުމަކީ ކޯޗު ނިންމާ ނިންމުމެއް ކަމަށެވެ. ހަގީގަތުގައި ބޮންޑާގެ ވިސްނުމަކީ، ޓީމުގެ އެދުމާ އެއްގޮތަށް ޒުވާން ކުޅުންތެރިން ކުރާ މި ފަދަ ފުޓްބޯޅައިގެ ކަންކަމުގައި ބައިވެރިވެ، އޭނާގެ ފަރާތުން އަރަމުން އަންނަ ކުޅުންތެރިންނަށް ދަސްކުރެވޭނެ ގިނަ ކަންތައްތަކެއް ހުރުމުން އެކަންކަމުގައި ވެސް އެހީތެރިވެ ދިނުމެވެ.
އެންމެ ބޮޑު ކަަމަކީ، ބޮންޑާގެ އެ ހުރި ކުޅިވަރުގެ ޑިސިޕްލިން ކުޅުންތެރިންގެ ގައިގައި އަށަގެންނެވުމެވެ.
ހިތަދޫ ކުޅޭ ދެ ވަނަ މެޗުގައި މި މަހު 20 ވަނަ ދުވަހު ބައްދަލުކުރާނީ މީދޫއާ އެވެ. އެ މެޗަށް ނުކުންނައިރު ވެސް ހިތަދޫ އަށް ސެމީގެ ޖާގައެއް ކަށަވަރުވެފައި އޮތުމުގެ ފުރުސަތު އެބައޮތެވެ. އެއީ، މީދޫ އާއި މަރަދޫ މި މަހު 16 ވަނަ ދުވަހު ކުޅޭ މެޗުން މީދޫ މޮޅުވެއްޖެނަމަ އެވެ.
Comment