Advertisement

ގޯލްޑަން ފުޓްސަލް ޗެލެންޖް: މަގޫދޫ އާއި ބިލެއްދޫ އެއްވަރު، ދަރަނބޫދޫ ފެށީ މޮޅަކުން

12 ޖަނަވަރީ 2025 - 10:28 0

ދަރަނބޫދޫ ޓީމުގެ ސާޖިދު ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް،އެމްވީ


ގޯލްޑަން ފުޓްސަލް ޗެލެންޖް: މަގޫދޫ އާއި ބިލެއްދޫ އެއްވަރު، ދަރަނބޫދޫ ފެށީ މޮޅަކުން

12 ޖަނަވަރީ 2025 - 10:28 0

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ފ. އަތޮޅު ބުރުގައި ރޭ ދަރަނބޫދޫން 5-4 އިން ނިލަންދޫ ބަލިކުރިއިރު، އެންމެ ފަހުގެ ޗެމްޕިއަން، ބިލެއްދޫން ކުޅުނު މެޗު 3-3 އިން މަގޫދޫއާ އެއްވަރުވެއްޖެ އެވެ.

މި ފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ފ. އަތޮޅުން ފަސް ޓީމެއް ކުޅޭއިރު، ކުރިއަށްދަނީ ލީގު ބުރެކެވެ. ރޭ ކުޅުނީ ބައެއް ޓީމުތަކުގެ ދެ ވަނަ މެޗެވެ. މަގޫދޫ އާއި ބިލެއްދޫ މި ވަގުތު އޮތީ ހަތަރު ޕޮއިންޓާ އެކު އެވެ. ދަރަނބޫދޫން ތިން ޕޮއިންޓް ހޯދިއިރު، ފީއަލީ އާއި ނިލަންދޫ އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

އެ ގޮތުން، އެންމެ ފަހުގެ ޗެމްޕިއަން، ބިލެއްދޫގެ ތަރި، މުހައްމަދު ޒީދާން ޒުހުރީ ވަނީ މަގޫދޫ ކޮޅަށް ދެ ގޯލު ޖަހައިފަ އެވެ. މިއާ އެކު، މިދިިޔަ އަހަރުގެ ރަން ބޫޓު ހޯދި ޒީދާން ވަނީ މި ފަހަރުގެ މުބާރާތުގައި ދެ މެޗުން ހަތަރު ގޯލު ޖަހައިފަ އެވެ. އެ ޓީމުގެ އަނެއް ގޯލު ޖެހީ، ރިމާން އަލީ އެވެ. މަގޫދޫގެ ލަނޑުތައް ޖެހީ، އައްމާރު ބިން މުހައްމަދު މުސްތަފާ ދެ ގޯލާއި މޫސާ އައްސަދު އަންވަރު ގޯލެކެވެ.

ނިލަންދޫ އަތުން ދަރަނބޫދޫ މޮޅުވި މެޗުގައި، އެ ޓީމުގެ މުޒްދާން ހަސަން ހެޓްރިކެއް ހެދި އެވެ. އަނެއް ދެ ގޯލު ޖެހީ، ސާޖިދު އަހުމަދު އިބްރާހިމް އާއި މުއައްލިމް އުމަރު އެވެ. ނިލަންދޫގެ ލަނޑުތައް ޖެހީ، އީޖާޒު އަބްދުލް ގާދިރު އާއި އަހުމަދު ރިޒްވާން އިސްމާއިލް، ކޮންމެ ކުޅުންތެރިއަކު ދެ ގޯލެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިރޭ ކުޅޭ މެޗުތައް:

20:00: ލ. މާވަށް - ލ. ގަން

20:00: ލ. މުންޑޫ - ލ. ކަލައިދޫ

21:00: މ. މުލައް - މ. ވޭވަށް

21:00: މ. މަޑުއްވަރީ - މ. ދިއްގަރު

22:00: ގއ. ދާންދޫ - ގ. ކަނޑުހުޅުދޫ

22:00: ގއ. ގެމަނަފުށި - ގއ. ނިލަންދޫ

23:00: ގއ. ދެއްވަދޫ - ގއ. ކޮލަމާފުށި

23:00: ގއ. މާމެންދޫ - ގއ. ވިލިނގިލި