Advertisement

ދަރަންޏާ ހެދި ޗައިނާގެ ގަދަބާރު ގުއަންޒޫ އަށް ރަސްމީ ފުޓްބޯޅަ އިން ފުރުސަތު ގެއްލިއްޖެ

8 ޖަނަވަރީ 2025 - 10:33 0


ދަރަންޏާ ހެދި ޗައިނާގެ ގަދަބާރު ގުއަންޒޫ އަށް ރަސްމީ ފުޓްބޯޅަ އިން ފުރުސަތު ގެއްލިއްޖެ

8 ޖަނަވަރީ 2025 - 10:33 0

ބެއިޖިން، ޗައިނާ (ޖެނުއަރީ 8) - ދަރަނީގެ މައްސަލަތައް އިންތިހާ އަށް ބޮޑުވެ، ޗައިނާ ފުޓްބޯޅައިގެ ގަދަބާރު ގުއަންޒޫ އެފްސީ އަށް ރަސްމީ ފުޓްބޯޅަ މުބާރާތްތަކުން ފުރުސަތު ނުދޭން ޗައިނާގެ ފުޓްބޯޅަ އެސޯސިއޭޝަނުން ނިންމައިފި އެވެ.

ގުއަންޒޫ އެވަގްރާންޑޭގެ ނަމުން މީގެ ކުރިން ވާދަކުރަމުން އައި ޓީމު ގުއަންޒޫ އެފްސީ އަށް ބަދަލުކުރަން ޖެހުނީ، ޗައިނާ ފުޓްބޯޅަ އެސޯސިއޭޝަނުން ލީގުގެ ސިސްޓަމަށް މުސާރަ ކޮންޓްރޯލް ކުރާ ސެލަރީ ކެޕެއް ތައާރަފްކޮށް، ސްޕޮންސަރުންގެ ނަން ޓީމުތަކުގައި ނުހިމެނޭ ގޮތަށް ގަވާއިދު ހެދުމުންނެވެ.

އަށް ފަހަރު ޗައިނީސް ސުޕަ ލީގުގެ ޗެމްޕިއަންކަން ހޯދި ގުއަންޒޫ އިން ވަނީ އޭޝިއާގެ އެންމެ ބޮޑު ކްލަބް ފުޓްބޯޅަ މުބާރާތް، އޭއެފްސީ ޗެމްޕިއަންސް ލީގު 2013 އާއި 2015 ވަނަ އަހަރު ކާމިޔާބުކޮށްފަ އެވެ. އަދި ކްލަބް ވޯލްޑް ކަޕްގެ ހަތަރު ވަނަ ވެސް ހޯދައިފައިވެ އެވެ.

ގުއަންޒޫ އެވަގްރާންޑޭގެ ނަމުން މި ކްލަބުން ފުޓްބޯޅަ އަށް އަތްގަދަ ކުރަން ފެށީ، 2010 ވަނަ އަހަރު އެ ޓީމު ދެ ވަނަ ޑިވިޝަނުގައި އޮތްއިރު، ޗައިނާ ވިޔަފާރީގައި ނުފޫޒުގަދަ ޗައިނާ އެވަގްރާންޑޭ އިން އެ ޓީމުގެ ކަންކަން ހިންގަން ފެށުމުންނެވެ.

އިޓަލީ އަށް 2006 ވަނަ އަހަރު ފީފާ ވޯލްޑް ކަޕް ކާމިޔާބުކޮށްދިން މާސެލޯ ލިއްޕީ އާއި 2002 ގެ ވޯލްޑް ކަޕް ބްރެޒިލަށް ހޯދައިދިން ލުއިސް ފިލިޕޭ ސްކޮލާރީ ވެސް ކޯޗުކޮށްދިން ގުއަންޒޫން ޗައިނާ ފުޓްބޯޅަ އާއި އޭޝިއާ ފުޓްބޯޅަ ވެސް ޑޮމިނޭޓްކުރި އެވެ.

ބްރެޒިލްްގެ ޕައުލީނިއޯ އާއި އޮސްކާ، ކޮލަމްބިއާގެ ޖެކްސަން މާޓިނޭޒް އަދި އިޓަލީގެ އަލްބާޓޯ ޖިލަޑީނޯ ކުޅެފައިވާ ގުއަންޒޫ އަށް މާލީ މައްސަލަތައް ދިމާވާން ފެށީ ކޮވިޑް-19ގެ ތެރޭގަ އެވެ. އޭގެ ފަހުން، އެ ކްލަބް އަޑިއަޅާލީ، ޗައިނާ އެވަގްރާންޑޭ ކުންފުންޏަށް ވެސް މާލީ އެތައް މައްސަލައެއް ދިމާވުމުންނެވެ. އަދި 2022 ވަނަ އަހަރު އެ ކުންފުނި ބަނގުރޫޓުވި ކަމަށް އިއުލާނުކުރުމުން، އެ ފަހުން، ގުއަންޒޫ އަށް ދަރަނި އަދާކުރެވޭނެ މަގެއް ނުފެނި މި ހިނގި ދެ އަހަރަށް ފަހު، އެ ޓީމުގެ ލައިސަންސް ބާތިލްކުރަން ޗައިނާ ފުޓްބޯޅަ އެސޯސިއޭޝަނުން ނިންމީ އެވެ.