Advertisement

މިދިޔަ އަހަރަށް ކަނޑައެޅި ހުރިހާ ލަނޑުދަނޑިތައް މި އަހަރަށް!

3 ޖަނަވަރީ 2025 - 07:22 0

މަހްފޫޒް ސައީދު

މަހްފޫޒް ސައީދު


މިދިޔަ އަހަރަށް ކަނޑައެޅި ހުރިހާ ލަނޑުދަނޑިތައް މި އަހަރަށް!

3 ޖަނަވަރީ 2025 - 07:22 0

ކޮންމެ އައު އަހަރަކަށް ލަނޑުދަނޑިތަކެއް ކަނޑައެޅުމަކީ އަޅުގަނޑުމެން އެންމެންވެސް ކުރާ ކަމެކެވެ. މާލީ ހަމަޖެހުން ހޯދުމާއި، ބަރުދަން ލުއިކުރުމާއި އައު ހުނަރުތައް ދަސްކުރުން ފަދަ ކިތަންމެ އަމާޒެކެވެ. އާންމު ފަރުދުންގެ ފަރާތުން އައު އަހަރަށް އިއުލާނުކުރެވޭ ލަނޑުދަނޑިތަކުގެ ތެރެއިން އެންމެ އާންމު ލަނޑުދަނޑިއަކީ ބަރުދަން ލުއިކޮށް، ފިޓުވުމަށް ކަނޑައެޅޭ ލަނޑުދަނޑި އެވެ.

ޖެނުއަރީ ފުރަތަމަ ދުވަހުގެ ބަންދަށްފަހު ވިދިގެން އަންނަ ދުވަހަކީ އެންމެންވެސް ކަސްރަތާއި މިންހެޔޮ ކެއުމަށް އާދަކުރުން އިފްތިތާހުކުރާ ދުވަހެވެ. އެ ދުވަސް ފެށޭނީ ނުހަނު ބާއްޖަވެރިކޮށެވެ. ފަތިހު ހޭލައިގެން ދުވެލައި ކަސްރަތުކޮށް މުޅި ދުވަސް ތާޒާކަމުގައި ނިންމާލެވެ އެވެ. ޖެހިގެން އަންނަ ދުވަހާއި އަހަރުގެ ފުރަތަމަ ހަފުތާވެސް ހޭދަވަނީ ރަނގަޅަށް، ކަނޑައެޅި އަޒުމާ އެއްގޮތަށެވެ. އެހެންނަމަވެސް ދެވަނަ ހަފުތާގެ މެދުތެރެއިން ވަރަށް ގިނަ މީހުންގެ އަޒުމަށް ލޮޅުން އަރައި ނުއަތަށް ޖަހާން ފަށަ އެވެ. ދެތިން މަސް ވެއަތުވާއިރު އޮންނަނީ ވީވަރަކުން ވީކަމެއް ކޮށްލާ ގޮތަށް ހަމަޖެހިފަ އެވެ. މިއީ އަޅުގަނޑުމެން އާންމު ފަރުދުންގެ ތެރެއިން ގިނަ މީހުންނަށް ވާވަރެވެ. އެކަމަކު މިއީ އަޅުގަނޑުމެންނަށް އެކަނި ވާ ގޮތެއް ކަމަށް ހީނުކުރާށެވެ. އިންތިޒާމުވެގެން ހިންގޭ ބިޔަބޮޑެތި ސަރުކާރުތަކަށްވެސް ވަނީ ހަމަ އެވަރެވެ.

ފުށިދިއްގަރު ފަޅު ހިއްކައި، މާލެ ވަރުގެ 11 މާލެ ތައްޔާރުކުރަން ސަރުކާރުން އަމާޒު ކަނޑައަޅައި އެ މަސައްކަތް ފެށްޓެވީ ޑިސެމްބަރު 18، 2023 ދުވަހު އެވެ. ބޮޑު ރަސްމިއްޔާތެއް ބާއްވައި ރައީސް އިއުލާނުކުރެއްވީ ދައުލަތުން އެންމެ ރުފިޔާއއްވެސް ހަރަދު ނުކުރައްވައި، އަށް މަސް ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމަވާނޭ ކަމަށެވެ. އޮގަސްޓް 2024 އަށް 1153 ހެކްޓަރުގެ ބިން އޮންނާނީ ހިއްކާ ނިމިފަ އެވެ.

"މިއަދު މި ފެށޭ ގޮތަށް ގޮސް، މެދުނުކެނޑި ގޮސް، ގާތްގަނޑަކަށް 8 މަސް ދުވަހުގެ ތެރޭގައި ނިންމާލާއިރުގައި އޮންނާނީ ހިކިފައި، 1153 ހެކްޓަރުގެ ބިމަކީ، ބޮޑުމިނަށް ބަލާނަމަ، ހުޅުމާލެ ދެ ފިޔަވަހި އެއްކޮށްލީމާ ވާވަރުގެ ގާތްގަނޑަކަށް ތިންގުނަ،" ފުށިދިއްގަރު ފަޅުކައިރި އަޅާފައި އޮތް ބާޖެއްގައި ހުންނަވައި ރައީސް އެ ދުވަހު ވިދާޅުވި އެވެ. އެތަނުގައި ތިބި އެންމެން ކޮނޑުހުޅުން އަތް ލުހެންދެން އަތްޖެހި އެވެ.

ދެހާސް ސައުވީސް ވަނަ އަހަރަށް ސަރުކާރުން ކަނޑައެޅި އެންމެ ބޮޑު ލަނޑުދަނޑިއަކީ އެއީ އެވެ. އެހެންނަމަވެސް ވީގޮތެއް ވެގެން ކުއްލިއަކަށް އެ މަސައްކަތް ހުއްޓިއްޖެ އެވެ. މަސައްކަތް ކުރިއަށް ނުދާތީ އެކަމާ ގުޅިގެން ސުވާލުކުރުމުން ސަރުކާރުން ފުރަތަމަ އެވާހަކަ ދޮގުކުރި އެވެ. ވިދާޅުވީ އެ މަސައްކަތް މެދުނުކެނޑި ކުރިއަށްދާ ކަމަށެވެ.

އޭ ކޮބާ މިހާރު ޖިމް ހުއްޓާލީހޭ މީހަކު އަހާ އިރަށް ބުނަމެއް ނޫން ހެއްޔެވެ. އަސްތާ ހުއްޓާލީކީ ނޫނެވެ. ޖިމަށް ދިއުން ހުއްޓައެއް ނުލާނެ ނޫންހެއްޔެވެ؟ އެކަމަކު ހަރާން ބަޅުމަހެވެ. ޖިމް ހުރި މަގަށް އަރާނުލާތާވެސް މަހަކާ ފޮއިދުވަސް ވެއްޖެ އެވެ.

ރައީސްއަށްވެސް މިގޮތުގައި ހިފަހައްޓާލެވުނީ ދުވަސްކޮޅަކު އެވެ. އެންމެފަހުން ވިދާޅުވި އެވެ. އާނއެކެވެ. އެ މަސައްކަތް އޮތީ ހުއްޓިފަ އެވެ. އެއީ ރައްޔިތުންގެ މަޖިލީހުން އެކަމަށް ހުރަސް އަޅާތީ އެވެ. އެކަމަކުވެސް މިއަހަރު ތެރޭގައި އެ މަސައްކަތް ނިމޭނެ އެވެ. ރައްޔިތުންގެ މަޖިލީހުން އެޅީ ކޮން ހުރަހެއް ކަމެއް ހުރަސް އަޅާން ކުރީ ކީއްކަމެއް ވިދާޅެއް ނުވެ އެވެ. އެ މަސައްކަތް ފެށިއިރުވެސް މަޖިލީހުން ބަޖެޓު ފާސްކޮށްފައި އޮތީ އެ މަޝްރޫއުގެ ހަރަދު ނުހިމަނަ އެވެ. ރައީސް ވެސް ވިދާޅުވެފައި އޮތީ އެ މަސައްކަތަށް ދައުލަތުން އެއްވެސް ފައިސާއެއް ހޭދަކުރަން ނުޖެހޭނޭ ކަމަށެވެ. އެހެންވީމާ ރައްޔިތުންގެ މަޖިލީހަށް އެޅޭނީ ކޮން ހުރަހެއް ހެއްޔެވެ؟

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ނިމި، އެ މަޖިލީހުގެ ސުޕަމެޖޯރިޓީ ރައީސް މުއިއްޒުގެ ތުއްތުތުއްތު ޕާޓީއަށް ލިބިއްޖެ އެވެ. ދެނެއް ގައިމު އެ މަޖިލީހަކުން އެ މަޝްރޫއަށް ހުރަހެއް ނާޅާނެތާ އެވެ. އެކަމަކު ދެންވެސް ކުރިއަށް ކަނޑާގޮތެއް ނުވި އެވެ. ބަހަނާއަކަށްފަހު ބަހަނާ އެކެވެ. ކަނޑުއަޑީން ދަތުރުކޮށްފައި ދެވޭގޮތަށް އަޅާން ބުނި ޓަނަލް ވެގެން ދިޔައީ ހަނދަށް ދިއުން ފަދަ ހުވަފެނީ އަދި އުއްމީދީ ހިޔާލަކަށެވެ. އެ ފަޅުން އަދި ހިއްކުނު ބިމަށްވުރެ، ހިއްކި މީހާއަށް ދޭންޖެހޭ ބައި ބޮޑެވެ. އެކަންވެސް ސަރުކާރުން އިއުލާނުކުރީކީ ނޫނެވެ. ފަޅާއެރީ އެވެ.

ދައުލަތުގެ ބަޖެޓުން އެއްވެސް ހަރަދެއް ނުކޮށް ހިއްކައި ނިންމަން ފުރަތަމަ ހަވާލުކުރި ކޮންޓްރެކްޓަރުގެ ކިބައިން އެ ޕްރޮޖެކްޓް ވަކިކޮށްފި އެވެ. އެ ކުންފުނިން ހިއްކި ތަންކޮޅަށް އަގު ދޭން ހަމަޖައްސައި 77 މިލިއަން ރުފިޔާ ދީފި އެވެ. މިހާރު މަޝްރޫއު ކުރިއަށް ގެންދަނީ އެޗްޑީސީން ލޯނު ނަގައިގެންނެވެ. ލޯނުގެ އަދަދާއި އަނބުރާ ދައްކަންޖެހޭ މުއްދަތާއި ރަހުނު ކުރެވުނު ތަކެތީގެ މައުލޫމާތުވެސް ސިއްރެވެ. އެވަރުކޮށްލީމާވެސް އަދި އެ މަޝްރޫއުގެ ފަންސަވީހަކަށް އިންސައްތަ ނުނިމެ އެވެ.

ސަރުކާރުންވެސް އަހަރުމެން އާންމު ފަރުދުންގެ ކިބައިން ކަމެއް ދަސްކޮށްފި އެވެ. އެއީ ކޮންމެ އަހަރަކަށް ކަނޑައަޅާ އަމާޒުތައް އަނެއް އަހަރަށް ފަސްކުރުމެވެ. ވެރިކަމުގެ ފުރަތަމަ އަހަރު ނިމުނުއިރު ހަމަ އެއްވެސް ވައުދެއް ނުފުއްދެވުމުން ރައީސް ވަނީ ކުރީ އަހަރަށް ކަނޑައެޅުއްވި ހުރިހާ ލަނޑުދަނޑިއެއް މިއަހަރަށް ފަސްކުރައްވާފަ އެވެ.

މި އަހަރަކީ ތަފާތު އަހަރަކަށް ހަދަމާ ހިނގާށެވެ. ބަރުދަން ލުއިކުރަން ކަނޑައެޅި އަޒުމު ހާސިލުވޭތޯ ގަދައަޅައި މަސައްކަތްކުރާންވީ އެވެ. އަހުލާގަށާއި އުޅުމަށް ހެޔޮ ބަދަލު ގެންނަން ކަނޑައެޅި މީހުން އެ އަމާޒަށް ވާސިލުވެ އެކަމުގައި ދެމި ތިބެވޭތޯ ބަލާންވީ އެވެ. ފުށި ދިއްގަރު ހިއްކޭތޯ އުޅޭ ކުދިން އިތުރު ބަހަނާއެއް ނުހޯދައި އެކަންވެސް މިއަހަރު ކޮށް ނިންމާލެވޭތޯ ބަލާންވީ އެވެ. މިއަހަރަށް ކަނޑައެޅި ލަނޑުދަނޑިތައް އަނެއް އަހަރަށް ފަސްކޮށްފިކަން އިއުލާނުކުރަން ޖެހުން ވާނީ ލަދު ކަމަކަށެވެ.