1 ޖަނަވަރީ 2025 - 15:14 0
އަހުމަދު އާއިދު
މި ސަރުކާރަށް އަހަރެއް ފުރުން ފާހަގަކުރަން ސޯޝަލް ސެންޓަރުގައި ބޭއްވި އިވެންޓުގެ ތެރެއިން ރައީސް ވާހަކަދައްކަވަނީ --- ފޮޓޯ: މިރާޝް ނާޝިމް / އަދަދު
1 ޖަނަވަރީ 2025 - 15:14 0
އާ އަހަރުގެ ތަހުނިޔާއާއެކު، މިއަދު ފެށުނު 2025 ވަނަ އަހަރަކީ ތިޔާގި ކަމުގެ އަހަރުގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ސިފަކުރައްވައިފި އެވެ.
މީލާދީ އާ އަހަރުގެ ހެޔޮއެދުމާއި ތަހުނިޔާ ރައްޔިތުންނަށް އަރިސްކޮށް ނެރުއްވި ހިތާބެއްގައި އެމަނިކުފާނު ވިދާޅުވީ މި އަހަރުގެ ތެރޭ ތަރައްގީގެ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށެވެ. އަދި މިއީ އެންމެން ގުޅިގެން ތަރައްގީގެ އެއް އަމާޒަކަށް ދަތުރުކުރަން ޖެހޭ އަހަރު ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ 2025ވަނަ އަހަރަކީ ތިޔާގިކަމުގެ އަހަރެވެ. މަޝްރޫއުތަކުގެ އަމަލީ މަސައްކަތުގެ އަހަރެވެ. އެންމެން ގުޅިގެން ގައުމީ ތަރައްގީގައި އެއް އަމާޒަކަށް ދަތުރުކުރުމުގެ އަހަރެވެ،" ރައީސް އޮފީހުން އާންމުކުރި އެމަނިކުފާނުގެ ހިތާބުގައިވެ އެވެ.
ދިވެހި ދައުލަތް މިހާރު ދަތުރުކުރަނީ ކަނޑައެޅިފައިވާ ވަކި އަމާޒުތަކަކަށް ވާސިލްވުމަށް ކަމަށް ވިދާޅުވެ ރައީސް ވަނީ ސަލާމަތީ، އިޖުތިމާއީ އަދި އިގުތިސޯދީ ގޮތުން ގެނެވޭނެ ތަރައްގީތަކުގެ ވާހަކަވެސް މިއަދުގެ ހިތާބުގައި ހިމަނުއްވާފަ އެވެ.
"މި ހުރިހައި ކަމަކާއެކީގައި ތަރައްގީވެފައިވާ ގައުމުތަކުގެ ސަފަށް ހިޖުރަކުރުމަށް ކުރަހާލެވިފައިވާ ސާފު މަގުޗާޓެއް. ދިވެހިރާއްޖޭގެ ތަރައްގީގެ ދަތުރުގެ މިއަދުގެ އަމާޒަކީ މިއީ،" އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.
ނޮވެމްބަރު 2023، ގައި ވެރިކަމަށް ރައީސް ވަޑައިގެންނެވި ނަމަވެސް ވޭތުވެދިޔަ 2024 ވެގެން ގޮސްފައިވަނީ ތަރައްގީގެ މަޝްރޫއުތައް މަޑުޖެހިފައި އޮތް އަހަރެއްގެ ގޮތުގަ އެވެ. ނުސީދާ ގޮތެއްގައި އެކަމަށް ރައްދު ދެއްވައި ރައީސް ވިދާޅުވީ މި އަހަރު ހުރިހާ ކަމެއްގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށެވެ.
އެގޮތުން، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތަރައްގީގެ މަޝްރޫއުތައް ފެށި އިގުތިސޯދަށް ފުދުންތެރިކަން އަންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މަސައްކަތްތެރިންނަށް ފުުރުސަތު އިތުރުވެ އާންމުންގެ އަތްމަތި ތިޔާގިވާނެ ކަމަށްވެސް ރައީސް ލަފާކުރައްވާފައިވެ އެވެ.
"ސަރުކާރުގެ އަޒުމަކީ، ރައްޔިތުންނަށް ހިދުމަތްކުރުމުގައި ރެޔާއި ދުވާލު އިހުލާސްތެރިކަމާއެކު ދެމި އޮތުން. ވަޢުދުތައް ފުއްދުން. އިތުބާރު ދެމެހެއްޓުން. އަބަދު ވެސް ރައްޔިތުންނާ އެންމެ ގާތުގައިވުން. މައްސަލަތަކަށް ދާއިމީ ހައްލު ހޯދައިދިނުން،" އާ އަހަރާއެކު ސަރުކާރުން ކަނޑައަޅާ ކަންކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment