29 ޑިސެންބަރު 2024 - 16:32 0
ލީވާން އަލީ ނާސިރު
އެމްޑީޕީން ކާނިވާ ސަރަހައްދުގައި މި މަހު ބޭއްވި ޖަލްސާގެ ތެރެއިން. އެމްޑީޕީގެ މެންބަރުން އެހެން ޕާޓީތަކަށް ވައްދާތީ އީސީއަށް މައްސަލަ ހުށަހަޅާނެ ކަމަށް ވަނީ ބުނެފައި -- ފޮޓޯ: މިރާޝް ނާޝިމް/އަދަދު
29 ޑިސެންބަރު 2024 - 16:32 0
އިދިކޮޅު މައި ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ދަފްތަރުގައި ތިބި މެންބަރުން ވަގަށް އެހެން ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމަނަމުންދާ މައްސަލަ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާނެ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.
އެމްޑީޕީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ ޕާޓީގެ މެންބަރުން ވަކިން ހާއްސަކޮށް ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގައި ހިމަނައި ސަރުކާރުގެ މުއައްސަސާތަކުގައި ރައްކާކޮށްފައި ހުރި އާންމު ރައްޔިތުންގެ ޒާތީ މައުލޫމާތު ބޭނުން ކޮށްގެން ޕީއެންސީއަށް ފޯމު ފުރައި މެމްބާޝިޕް އިތުރު ކުރަމުންދާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ގާނޫނީ ފިޔަވަޅު އެޅުމަށް ގޮވާލާ ކަމަށެވެ.
"ޕީއެންސީއަށް ވަނުމަށް ފޯމު ފުރާފައި ނުވާ މި ޕާޓީގެ ބައެއް އާންމު މެމްބަރުންނާއި ގައުމީ މަޖިލީހުގެ މެމްބަރުން ވެސް އެމްޑީޕީގެ ދަފްތަރުން އުނިކޮށް ޕީއެންސީގެ ހިމަނާފައިވާތީ އެ މައްސަލަ އެންމެ ހަރުކަށި އިބާރާތުން މި ޕާޓީން ކުށްވެރި ކުރަން،" އެ ޕާޓީން ބުންޏެވެ.
އެހެނިހެން ބައެއް ޕާޓީތަކުގެ ދަފްތަރުގައި ވެސް އެމްޑީޕީގެ މެމްބަރުން ހިމަނާފައިވާއިރު، މި މައްސަލަތައް ބަލައިދިނުމަށް އިލެކްޝަންސް ކޮމިޝަނަށް ރަސްމީކޮށް ހުށަހަޅާނެ ކަމަށް އެމްޑީޕީން ބުންޏެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މަނަދޫ ދާއިރާގެ ރައީސް މުހައްމަދު ތޯރިގު ޕީއެންސީގެ މެންބަރެއްގެ ގޮތުގައި ހިމަނައި އެކަން އެމްޑީޕީއަށް ވަނީ އަންގާފަ އެވެ. އެ މައްސަލަ ބަލައިދިނުމަށް ތޯރިގު ވަނީ އީސީއަށް ހުށަހަޅާފަ އެވެ.
އެމްޑީޕީން ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ގޮތަށް ޕީއެންސީއަށް އެއް ލައްކަ މެންބަރުން ހަމަ ކުރަން މީހުންގެ ސޮއި ފޯޖު ކޮށްގެން އީސީއަށް ފޯމު ހުށަހަޅައި، ދައުލަތުގެ ހުރިހާ އިދާރާއަކަށް ނުފޫޒު ފޯރުވައި އެކަން ފޮރުވުމަށް ސަރުކާރުން މަސައްކަތް ކުރާތީ އެކަމާ ކަންބޮޑުވާ ކަމަށެވެ.
"ސޮއި ފޯޖުކޮށްގެން ޕީއެންސީގެ ދަފްތަރުގައި މީހުން ރަޖިސްޓްރީ ކުރަމުންދާ މައްސަލަތައް ތަހުގީގު ކުރުމަށް ވެސް މުއައްސަސާތަކަށް ގޮވާލަން،" އެ ޕާޓީން ބުންޏެވެ.
އޭގެއިތުރުން ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމާއި ވަކިކުރުމަށް މިހާރު ކަނޑައަޅާފައިވާ އުސޫލުތަކާއި އިޖުރާއަތްތައް އިތުރަށް ހަރުދަނާކޮށް، ވަގު ފޯމު ފުރައިގެން ޕީއެންސީގެ ދަފްތަރަށް މީހުން އިތުރުކުރަން ހުރި ދޮރުތައް ބަންދުކުރުމަށް އީސީއަށް އެމްޑީޕީން ގޮވާލި އެވެ.
Comment