about 16 hours 0
އަހުމަދު އާއިދު
އާޓް ވޯކް: އިސްމާއިލް އިމްދާދު / އަދަދު
about 16 hours 0
ރާއްޖެ އެތެރެކޮށް މާލޭގައި ހުންނަ ބޮންޑެޑް ވެއާހައުސްއެއްގައި ރައްކާކޮށްފައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓުތަކެއް ގެއްލިއްޖެ އެވެ.
މި ނޫހާ ވާހަކަދެއްކި ސަރުކާރުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ގެއްލިފައިވަނީ ގާތްގަނޑަކަށް 575 ކޭސް ސިނގިރޭޓެވެ. އެ އަދަދުން ބަލާނަމަ އެއީ 34،500 ކާޓޫނެވެ. ވަކިވަކިން ބަލާނަމަ އެއީ ހަތް މިލިއަނެއްހާ ސިނގިރޭޓެވެ. މީގެތެރޭގައި ރާއްޖޭގައި އާންމުކޮށް ބޭނުންކުރާ ތިން ބްރޭންޑެއްގެ ސިނގިރޭޓު ހިމެނެ އެވެ.
ގެއްލުނު ސިނގިރޭޓުތަކަށް އިމްޕޯޓު ޑިއުޓީ އާއި ރެވެނިއު ސްޓޭމްޕުގެ ގޮތުގައި ދައުލަތަށް ދައްކަން ޖެހޭ ފައިސާގެ އަދަދު މަދުވެގެން 60 މިލިއަން ރުފިޔާއަށް އަރާ ކަމަށްވެ އެވެ.
މި ނޫހަށް އެނގިފައިވާ ގޮތުގައި ސިނގިރޭޓުތައް ގެއްލިފައިވަނީ ގާނޫނަށް ބަދަލު ގެނެސް ސިނގިރޭޓާއި ދުންފަތުގެ އުފެއްދުންތަކުން ނަގާ އިމްޕޯޓު ޑިއުޓީ ބޮޑުކުރަން ނިންމި ފަހުންނެވެ. އެހެންކަމުން އެ ތަކެއްޗަށް ޑިއުޓީ ދައްކަން ޖެހޭނީ ބޮޑުކުރި ރޭޓުގަ އެވެ.
ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓު ޑިއުޓީ 8ރ. އަށް ބޮޑުކުރަން ފާސްކުރި ގާނޫނު ތަސްދީގުކުރީ ނޮވެމްބަރު 1، ގަ އެވެ. އެހެންކަމުން މި ސިނގިރޭޓުތައް ގެއްލިފައިވަނީ ވޭތުވެދިޔަ ދެ މަހެއްހާ ދުވަހުގެ ތެރޭގަ އެވެ.
ގާނޫނު ބުނާގޮތުން ބޮންޑު ކޮށްފައި ހުންނަ މުދަލަކަށް ޑިއުޓީ ދައްކަން ޖެހޭނީ އެ މުދަލެއް ނެރުމުން ނުވަތަ ހަލާކުވެ، ގެއްލޭ ފަދަ ހާލަތެއް މެދުވެރިވުމުންނެވެ. މި ސިނގިރޭޓުތައް ގެއްލުނީ ޑިއުޓީ ބޮޑުކުރަން ގާނޫނު ބަދަލުކުރި ފަހުންނެވެ.
ފުލުހުން މި މައްސަލަ ތަހުގީގުކުރަމުންދިޔަ ނަމަވެސް މިހާތަނަށް މިކަމާ ގުޅިގެން ރަސްމީ ބަހެއް ބުނެފައެއް ނުވެ އެވެ. ތަހުގީގުގައި ކަސްޓަމްސްއިން ވެސް ބައިވެރިވެ އެވެ.
ބޮންޑެޑް ވެއާހައުސްގައި ދުންފަތާއި، ދުންފަތުގެ ބާވަތްތަކާއި އިލެކްޓްރޯނިކް ސިނގިރޭޓާއި، ވޭޕް ކުރުމަށް ބޭނުން ކުރާ ތަކެތި ނުބެހެއްޓޭ ގޮތަށް ކަސްޓަމްސްގެ އާންމު ގަވާއިދު ވެސް މީގެ ދެ މަހެއްހާ ދުވަސް ކުރިން ވަނީ އިސްލާހު ކޮށްފަ އެވެ.
Comment