ައަމޮރިމް ބުނީ ޔުނައިޓެޑްގެ ހާލަތު ބަަދަލުވަންދެން އޮތީ "ކެތްކުރުން" ކަމަށް

27 ޑިސެންބަރު 2024 - 09:18 0


ައަމޮރިމް ބުނީ ޔުނައިޓެޑްގެ ހާލަތު ބަަދަލުވަންދެން އޮތީ "ކެތްކުރުން" ކަމަށް

27 ޑިސެންބަރު 2024 - 09:18 0

ބާމިންހަމް، އިންގްލެންޑް (ޑިސެމްބަރު 27) - މެންޗެސްޓާ ޔުނައިޓެޑުން އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް ބަލިވެފައިވާއިރު، އެ ކްލަބްގެ ކަންކަން ރަނގަޅުކޮށް ހާލަތު ބަދަލުވަންދެން އޮތީ "ކެތްކުރުން" ކަމަށް އެ ކްލަބްގެ ކޯޗު ރުބެން އަމޮރިމް ބުނެފި އެެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ރަށުންބޭރުގައި ވުލްވްސްއާ ދެކޮޅަށް ކުޅެ 2-0 އިން ޔުނައިޓެޑް ބަލިވިއިރު، މި ނަތީޖާއާ އެކު ޔުނައިޓެޑް ވަނީ ލީގުގެ 14 ވަނަ އަށް ވެއްޓިފަ އެވެ. ރޭގެ މެޗުގެ ދެ ވަނަ ހާފުގެ ބޮޑުބައި ޔުނައިޓެޑުން ކުޅުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ، ދެ ވަނަ ރީނދޫ ކާޑަކާ އެކު، ބްރޫނޯ ފެނާންޑޭސް އަށް ރަތެއް ދެއްކުމުންނެވެ.

މިއީ، އިނގިރޭސި ޕްރިމިއާ ލީގުގެ ސީޒަނެއްގައި މިހާ ހިސާބަށް އައިއިރު، ޔުނައިޓެޑް އޮތް އެންމެ ދަށް ހިސާބެވެ. އަދި މި ވަގުތު ލީގުގެ ކުރީގައި އޮތް ޓީމުތަކަށް ވުރެ، ޔުނައިޓެޑަށް ކައިރީ ރެލިގޭޝަން ޒޯންއާ އެވެ.

"އާ ވިސްނުންތަކާ އެކު ކުރިއަށްދާން ވަގުތު ނަގާނެ. މި ހާލަތު އަންނާނެކަން، މި ދަތި އުނދަގޫތައް އަންނާނެކަން ކުރިން ވެސް އެނގޭ، އެ ވާހަކަ ވެސް އަހަރެން ދެއްކިން، ދެން، މި ހާލަތު ބަދަލުކުރެވޭތޯ މަސައްކަތް ކުރުން، އަދި އެހާތަނަށް ކެތްކުރުން މި އޮތީ،" ކުރިން ސްޕޯޓިން ލިޒްބަން އަށް ކޯޗުކޮށްދިން އަމޮރިމް ބުންޏެވެ.

ޔުނައިޓެޑަށް ދެން އޮތީ އަމިއްލަ ދަނޑުގައި ނިއުކާސަލް ޔުނައިޓެޑާއި ރަށުންބޭރުގައި ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗެވެ.

ޔުނައިޓެޑްގައި އޭނާ ބޭނުންވާ ކަންކަން ހާސިލްކުރަން ކިހާ މުއްދަތެއް ނަގާނެކަމަށް ލަފާކުރެވޭތޯ ނޫސްވެރިއަކު ކުރި ސުވާލަށް ދިން ޖަވާބުގައި އަމޮރިމް ބުނީ، ސީދާ ވަގުތެއް ބުނަން ދަތި ކަމަށެވެ.

"ނަގާނީ މިހާ މުއްދަތެއްތޯ ވިސްނަން ހުއްޓާ އަހަންނަށް ގެއްލޭނީ ވަގުތު، މިހާރު އަހަންނަށް އެންމެ މުހިންމީ ކޮންމެ ވަގުތެއްގައި ވެސް މަސައްކަތް ކުރުން، ވީޑިއޯތައް ބެލުން، ގޯސްކޮށް ދިޔަ ކަންކަން ދެނެގަނެ ރަނގަޅުކުރުން،" އަމޮރިމް ބުންޏެވެ.

ޖެހިޖެހިގެން ހަތަރު ވަނަ މެޗުގައި ޔުނައިޓެޑުން ވަނީ މާކަސް ރެޝްފޯޑް ސްކޮޑުގައި ނުހިމަނައި ކުޅެފަ އެވެ. އަމޮރިމް ބުނީ، މެޗު ކުޅެން މެންޓަލީ އަދި ފިޒިކަލީ ރަނގަޅު ހާލަތެއްގައި ހުންނަ ކުޅުންތެރިއަކު ނަމަ ޓީމުގައި ހުންނާނެ ކަމަށާއި ނެތް ކުޅުންތެރިއަކީ އެ ގޮތަށް މެޗަށް ފޯކަސްކޮށް ނެތް ކުޅުންތެރިން ކަމަށެވެ.