about 18 hours 0
ރާއްޖެއަށް ޒިޔާރަތްކުރި ދެ މިލިއަން ވަނަ ޓޫރިސްޓާއި އޭނާގެ އާއިލާ: މިއީ މިހާ ގިނަ އަދަދަކަށް މި ގައުމަށް ޓޫރިސްޓުން ޒިޔާރަތްކުރި ފުރަތަމަ އަހަރު -- ފޮޓޯ: ވިސިޓް މޯލްޑިވްސް
about 18 hours 0
މިއަހަރު ރާއްޖެ އަންނާނެ ކަމަށް ކަނޑައެޅި ދެ މިލިއަން ޓޫރިސްޓުންގެ އަމާޒު އިއްޔެ ހާސިލުވިއިރު، އަންނަ އަހަރު ރާއްޖެއަށް 2.3 މިލިއަން ޓޫރިސްޓުން ޒިޔާރަތް ކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އަމާޒު ކަނޑައަޅައިފި އެވެ.
މި އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ދެ މިލިއަން ވަނަ ޓޫރިސްޓަށް މަރުހަބާ ދެންނެވުމަށް ބޭއްވި ރަސްމިއްޔާތުގައި ފައިސަލް ވިދާޅުވީ އަންނަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ނިސްބަތް 15 ޕަސަންޓު އިތުރު ކުރެވި އާމްދަނީން ބޮޑު ކުރިއެރުމެއް ހޯދޭނެ ކަމަށެވެ.
"އަޅުގަނޑަށް ވަރަށް ޔަގީންކަން އެބައޮތް އަޅުގަނޑުމެންގެ މި އަމާޒު 15 ޕަސަންޓުގެ އިތުރު ކުރިއެރުމެއް އަންނަ އަހަރު ހޯދޭނެ ކަމަށް. ރެވެނިއުއަށް ބަލާއިރު ވެސް އެ ވާނީ ވަރަށް ބޮޑު ކުރިއެރުމަކަށް،" މިނިސްޓަރު ވިދާޅުވި އެވެ.
އަންނަ އަހަރަށް އެމްއެމްޕީއާރްސީން ޓޫރިޒަމަށް އާ މާކެޓްތައް ހޯދުމަށް މަސައްކަތް ކުރާނެކަން ފާހަގަކުރައްވާ ފައިސަލް ވިދާޅުވީ އެކަމަށް ބޭނުންވާ ޕްލޭންތައް އެމްއެމްޕީއާރްސީން އެކުލަވާލާފައިވާ ކަމަށެވެ.
ރާއްޖެއަށް މި އަހަރު ޒިޔާރަތްކުރި ދެ މިލިއަން ވަނަ ޓޫރިސްޓަކީ އޮސްޓްރީއަށް ނިސްބަތްވާ އަންހެނެކެވެ. އޭނާގެ އާއިލާއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހޫނު މަރުހަބާއެއް ވަނީ ކިޔާފަ އެވެ.
އެ ޓޫރިސްޓާއި އޭނާގެ އާއިލާއަށް ސައި ލެގޫން މޯލްޑިވްސްގައި ހަ ދުވަހުގެ ޗުއްޓީއެއް ހޭދަ ކުރުމުގެ ފުރުސަތު ވަނީ ދީފަ އެވެ.
ރާއްޖޭގެ ޓޫރިޒަމްގެ 52 އަހަރުގެ ދިގު ތާރީހުގައި މީގެ ކުރިން އަހަރު ދުވަހުގެ ތެރޭގައި ދެ މިލިއަން ޓޫރިސްޓުން ޒިޔާރަތް ކޮށްފައި ނެތެވެ. އެގޮތުން މިއީ ރާއްޖެއަށް ދެ މިލިއަން ޓޫރިސްޓުން ޒިޔާރަތް ކުރި ފުރަތަމަ ފަހަރެވެ. މި އަހަރަކީ ރާއްޖެއިން އެންމެ އަވަހަށް އެއް މިލިއަން ޓޫރިސްޓުންގެ އަމާޒަށް ވާސިލުވީ އަހަރު ވެސް މެ އެވެ.
ނިމިގެން ދިޔަ އަހަރު ރާއްޖެ އަށް 1.8 ޓޫރިސްޓުން ޒިޔާރަތް ކުރިއިރު، 2022 ގައި ޒިޔާރަތް ކުރީ 1.6 މިލިއަން ޓޫރިސްޓުންނެވެ. މި އަހަރު ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތް ކުރީ ޗައިނާ، ރަޝިއާ އަދި އިނގިރޭސި ވިލާތުންނެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލާއެކު އަންނަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ އަދަދު އިތުރުވާނެ ކަމަށް ސަރުކާރުން ބުނެ އެވެ.
Comment