ވޭޕާއި ވޭޕު ކުރުމަށް ބޭނުން ކުރާ ތަކެއްޗާއި އޭގެ ވަކިވަކި ބައިތައް ރާއްޖެއަށް އެތެރެ ކުރުމާއި ބޭނުން ކުރުމާއި ވިޔަފާރި ކުރުން މަނާކުރުމަށްޓަކައި ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ގެނައި ބަދަލާ އެކު ވޭޕްކުރުން ރޭ 12 އިން ފެށިގެން މަނާ ވާނެ އެވެ.
މީގެ 14 އަހަރު ކުރިން 2010 ވަނަ އަހަރު އެކުލަވާލައި ތަންފީޒުކުރަން ފެށި ދުންފަތް ކޮންޓްރޯލްކުރުމުގެ ގާނޫނަށް ގެނައި ފުރަތަމަ އިސްލާހާއެކު އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕްކުރުމަށް ބޭނުންކުރާ އެފަދަ އާލާތްތަކާއި އެ އެއްޗެއްސާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ދިވެހިރާއްޖެއަށް އެތެރެކުރުމާއި، ވިއްކުމާއި، ހިލޭ ބެހުމާއި، އެ ތަކެތި ބޭނުންކުރުން މަނާކޮށްފައިވެ އެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ގެނައި ބަދަލާ އެކު ރޭ 12 އިން ފެށިގެން ހިލޭ ވޭޕެއް މީހަކަށް ދިނަސް 10،000ރ. ގެ ޖޫރިމަނާއެއް އަދި ބޭނުންކުރާ ކޮންމެ މީހަކަށް 5،000ރ. ގެ ޖޫރިމަނާއެއް އަންނާނެ އެވެ.
ވޭޕު ވިއްކައިފި މީހަކު ނަމަ 20،000ރ. އިން ޖޫރިމަނާ ކުރުމާއެކު، ވިއްކި ކޮންމެ ވޭޕަކަށް 10،000ރ. ގެ ޖޫރިމަނާއެއް ވެސް ގާނޫނުގެ ދަށުން އަންނާނެ އެވެ.
މިދިޔަ ނޮވެމްބަރު 15، އިން ފެށިގެން ވޭޕް ކުރުމަށް ބޭނުން ކުރާ އާލާތްތަކާއި އެ އެތަކެތި ބޭނުން ކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް އެތެރެކޮށްފި ނަމަ، 50،000ރ. އިން ޖޫރިމަނާ ކުރެވޭއިރު، އެތެރެކުރި ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕް ކުރުމަށް ބޭނުން ކުރާ އާލާތަކަށް 10،000ރ. ގެ މަގުން ޖޫރިމަނާ ކުރެވެ އެވެ.
މުހުލަތެއް ނުދީ މި ގާނޫނު ތަންފީޒުކުރާތީ ވޭޕްގެ ވިޔަފާރިކުރާ މީހުންނަށް ބޮޑު ގެއްލުމެއް ލިބޭނެ އެވެ. އަދި މަރުހަލާތަކަކަށް ބަހާ ނުލައި ވޭޕް މަނާކުރާތީ ބައެއް މީހުން ހިތްހަމަނުޖެހުން ފާޅުކުރެ އެވެ. ނަމަވެސް، މި ބަދަލަށް ބައެއް މީހުން ތާއިދު ވެސް ކުރެ އެވެ.
Comment