Advertisement

ކޮމާޝަލް ސްޕައިން މަޝްރޫއުއަށް 117 މިލިއަން ރުފިޔާ ދީފި، މަސައްކަތެއް ނުހިނގާ

about 19 hours 0

އަމަން ހަލީމް

އަމަން ހަލީމް

ހުޅުމާލޭ އާބަންއައިލްގައި ކޮންސެޕްޓުގެ ކުރެހުމެއް.


ކޮމާޝަލް ސްޕައިން މަޝްރޫއުއަށް 117 މިލިއަން ރުފިޔާ ދީފި، މަސައްކަތެއް ނުހިނގާ

about 19 hours 0

ވިޔަފާރިތަކަށް ހާއްސަ ކޮށްގެން ހުޅުމާލޭގައި ތަރައްގީކުރަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފައިވާ "ކޮމާޝަލް ސްޕައިން" މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރިތާ އަހަރަކަށް ވުރެ ގިނަ ދުވަސްވީއިރު ވެސް އެ މަސައްކަތް ނުފަށާ ކަން "އަދަދު" އަށް އެނގިއްޖެ އެވެ.

ގާތްގަނޑަކަށް 50 މިލިއަން ޑޮލަރު (771 މިލިއަން ރުފިޔާ) ހަރަދުކޮށްގެން ހިންގާ މި މަޝްރޫއުގެ ކޮންޓްރެކްޓަރަކީ ޗައިނާގެ "ހުނާން ނަމްބާ ސިކްސް އިންޖިނިއަރިން ކޯޕަރޭޝަން ލިމިޓެޑް" އާ އެވެ.

ޗައިނާ ކުންފުންޏާ އެކީ މި މަސައްކަތް ކުރުމުގެ ފަހުމުނާމާގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ސޮއިކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުގެ ތެރެއިން ބޭއްވި އިންވެސްޓާ ފޯރަމްގައި، މި އަހަރުގެ ޖެނުއަރީ 9، ގަ އެވެ.

އިތުބާރު ހުރި މަސްދަރުތަކުން މި ނޫހަށް މައުލޫމާތު ދިން ގޮތުގައި، ޗައިނާ ކުންފުންޏާއެކީ އެއްބަސްވުމައިގެން ކުރިއަށް ދާން އެޗްޑީސީގެ ބޯޑުން ނިންމީ އޭގެ ދެ ދުވަސް ކުރިން، ޖެނުއަރީ 7، ގަ އެވެ.

އެޗްޑީސީ އާއި ޗައިނާ ކުންފުންޏާއެކީ އެއްބަސްވެވުނީ އެޑްވާންސުގެ ގޮތުގައި މަޝްރޫއުގެ ޖުމްލަ އަގުގެ 15 ޕަސެންޓު، އެއީ 7.6 މިލިއަން ޑޮލަރު (117 މިލިއަން ރުފިޔާ)، ދީގެން މަސައްކަތް ފަށާށެވެ. ބާކީ 86 ޕަސެންޓު، އެއީ 43 މިލިއަން ޑޮލަރު ދޭން އެއްބަސްވީ މަސައްކަތް ނިމުނީމަ އެވެ. މަސައްކަތް ނިންމަން ދިނީ ދެ އަހަރުގެ މުއްދަތެކެވެ.

އެއްބަސްވެވުނު ގޮތަށް އެޑްވާންސް ފައިސާ ދޫކުރި ނަމަވެސް މިއަދާ ހަމައަށް މި ތަނުގައި އެއްވެސް މަސައްކަތެއް ނުކުރެ އެވެ. މިކަމާ ގުޅޭ ގޮތުން އެޗްޑީސީއާ ސުވާލުކުރުމުން އެ ކުންފުނީގެ އޮފިޝަލަކު ވަނީ މަސައްކަތް ނުފަށާކަން ކަށަވަރުކޮށްދީފަ އެވެ. މަސައްކަތް ގޮސްފައިވާ ހިސާބުގެ ތަފުސީލުތައް ހިއްސާކުރަން އެދުމުން އެ އޮފިޝަލް ބުނީ "ޖެހޭނީ އަޕްޑޭޓެއް ބަލާލަން" ކަމަށެވެ.

ގާތްގަނޑަކަށް 9500 އަކަމީޓަރުގެ ސަރަހައްދެއްގައި ތަރައްގީކުރާ ތަރައްގީކުރާ ކޮމާޝަލް ސްޕައިންގައި ތިން ފަންގިފިލާގެ ހަތް އިމާރާތް ހުންނާނެ އެވެ. ވިޔަފާރިތަކާއި މުނިފޫހިފިލުވާ ތަންތަނާއި ރެސްޓޯރަންޓުތަކުގެ އިތުރުން ބްރޭންޑް އައުޓްލެޓުތަކާއި ވެލްނަސް ސެންޓަރަކަށް ހާއްސަ ޖާގަތައް ހިމެނޭހެން، މި އިމާރާތްތަކުގައި 30 ވިޔަފާރި އައުޓްލެޓު ހުންނާނެ ކަަމަށް އެޗްޑީސީއިން ބުނެފައި ވެ އެވެ.

މި ތަނުގައި އިމާރާތްކުރާ ތަންތަން ހުންނާނީ މައިބަދަ (ސްޕައިން) އެއް ގޮތަށް ގުޅިލާމެހިފަ އެވެ. އެ ސަރަހައްދަށް ކޮމާޝަލް ސްޕައިންގެ ނަން ދީފައި ވަނީ އެ ކޮންސެޕްޓަށް އިމާރާތްތައް ތަރައްގީކުރާތީ އެވެ.

ސަރުކާރުން ބުނާ ގޮތުގައި މި މަސައްކަތް ނިމުމުން މި ސަރަހައްދު ވެގެންދާނީ މިހާތަނަށް ރާއްޖޭގައި ތަރަައްގީކުރެވޭ އެންމެ ބޮޑު ވިޔަފާރީގެ ސަރަހައްދަށެވެ. މިއާއެކީ ހުޅުމާލޭގައި ދިރިއުޅޭ މީހުންގެ އިތުރުން އާބަން އައިލްއަށް އަންނަ ޓޫރިސްޓުންނަށް ގިނަ ހިދުމަތްތަކެއް ފޯރުކޮށްދެވޭނެ ކަމަށް ވެސް ސަރުކާރުން ބުނެފައިވެ އެވެ.