9 ޑިސެންބަރު 2024 - 10:40 2
އަހުމަދު އާއިދު
ވެލާނާ އިންޓަނޭޝަނަލް ޓޫރިސްޓުންތަކެއް ފޮޓޯއެއް ނަގަން ހުއްޓިލައިގެން: މިހާރު ބިލު އޮތް ގޮތުން ދެ ގޮތުން ކުރެ އެއް ގޮތެއް އިހުތިޔާރު ކުރަން ލިބޭ -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު
9 ޑިސެންބަރު 2024 - 10:40 2
ރިސޯޓުތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު މާރުކުރުން މަޖުބޫރުކުރުމުގެ ބަދަލުގައި ޑޮލަރު މާރުކުރަން އިތުރު ގޮތެއް އިހުތިޔާރު ކުރެވޭ ގޮތަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެކުލަވާލާފައިވާ ބޭރު ފައިސާއާ ބެހޭ ބިލު ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.
މަޖިލީހަށް ހުށަހަޅާފައިވާ ބިލުގައި ވަނީ "ކެޓެގަރީ އޭ" ގެ ޓޫރިޒަމް އެސްޓެބްލިޝްމަންޓުތަކުގެ ތެރޭގައި ހިމެނޭ ރިސޯޓުތަކަށް ޑޮލަރު މާރުކުރަން ދެ ގޮތުގެ ތެރެއިން އެއް ގޮތެއް އިހުތިޔާރުކުރަން ހިމަނާފަ އެވެ. އެއީ އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު މާރުކުރުން ނުވަތަ މަހެއްގެ މައްޗަށް ލިބޭ އާމްދަނީގެ 20 ޕަސެންޓު މާރުކުރުމެވެ.
ރިސޯޓުތަކުގެ އިތުރުން "ކެޓެގަރީ ބީ" ގައި ހިމެނޭ ޓޫރިޒަމް އެސްޓެބްލިޝްމަންޓުތަކަށް، އެއީ ޓޫރިސްޓު އުޅަނދުތަކާއި ގެސްޓުހައުސްތަކާއި ހޮޓާތަކަށް، ވެސް އާމްދަނީގެ 20 ޕަސެންޓު މާރުކުރުމުގެ އިހުތިޔާރު ލިބެ އެވެ. ޑްރާފްޓު ކުރި ބިލުގައި އަދި މިހާރު އަމަލުކުރަމުން އަންނަ ބޭރު ފައިސާގެ ގަވާއިދުގައި އޮތީ އެއިން ތަނަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރު މާރުކުރަން ޖެހޭ ގޮތަށެވެ.
ބޭރު ފައިސާއާ ބެހޭ ބިލުގައި ފާހަގަކޮށްލެވޭ އިތުރު ބަދަލެއްގެ ގޮތުގައި ޓޫރިސްޓު ވިޔަފާރިތައް ނޫން ވިޔަފާރިތަކުގެ ތެރެއިން ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކުން މާރުކުރަން ޝަރުތުހަމަވާ ވިޔަފާރިތަކަށް ގެނައި ބަދަލެވެ.
އާންމުންނާއި މަސްލަހަތުވެރިންގެ ހިޔާލަށް ހުޅުވާލި ބޭރު ފައިސާއާ ބެހޭ ބިލުގެ ޑްރާފްޓުގައި އޮތީ 20 މިލިއަން ޑޮލަރުން މަތިން އާމްދަނީ ލިބޭ ވިިޔަފާރިތަކަށް މަހެއްގެ މައްޗަށް ލިބޭ އާމްދަނީގެ 25 ޕަސެންޓު މާރުކުރަން ހުށަހަޅާފަ އެވެ. ނަމަވެސް މަޖިލީހަށް ހުށަހަޅާފައި އޮތް ބިލުގައި އޮތީ 15 މިލިއަން ޑޮލަރުން މަތިން އާމްދަނީ ލިބޭ ހުރިހާ ވިޔަފާރިތަކުން އާމްދަނީގެ 20 ޕަސެންޓު މާރުކުރަން ޖެހޭ ގޮތަށެވެ.
ސަރުކާރުން މި ބަދަލުތައް ގެނެސްފައި މި ވަނީ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު މާރުކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަަމަށް ބުނެ ގިނަ ޓޫރިޒަމް ވިޔަފާރިތަކުން ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ. އެ ވިޔަފާރިތަކުން އޭރު ގޮވާލާފައި ވަނީ ބޭރު ފައިސާއާ ބެހޭ ގަވާއިދު ބަދަލުކުރުމަށް ނޫނީ އަމަލުކުރުން މަޑުޖައްސާލުމަށެވެ.
Comment