9 ޑިސެންބަރު 2024 - 07:58 2
މުހައްމަދު ޝަހްޒާން
ކުނި އުކުމުގެ މަސައްކަތް އެމްއޭސީއެލުން ހަވާލުކުރި އައި އެންޑް ސީ މެރިން ރެޖިސްޓަރީ ކޮށްފައި ވަނީ ވެސް މި އަހަރު، އޮކްޓޯބަރު ގައިކަން އިކޮނޮމިކް މިނިސްޓަރީގެ ބިޒްނަސް ޕޯޓަލުން އެނގޭ -- އާޓްވޯކް އިސްމާއިލް އިމްދާދު / އަދަދު
9 ޑިސެންބަރު 2024 - 07:58 2
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ކުނި އުކުމަށް ދުވާލަކު 250،000ރ. ގެ މަގުން 14 މިލިއަނެއްހައި ރުފިޔާ ފާއިތުވި ދޮޅު މަސްދުވަސް ތެރޭގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީން ހަރަދުކޮށްފި އެވެ.
"އަދަދު" ނޫހަށް ލިބިފައިވާ މައުލޫމާތުން އެނގޭ ގޮތުގައި އެ އަގުގައި މަސައްކަތް ހަވާލުކޮށްފައި ވަނީ އައި އެންޑް ސީ ޓްރޭޑިން ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކާ އެވެ. އައިއެންޑްސީ ކުންފުނިން އެ މަސައްކަތް ބެލީޒާ ޕްލަސް ކިޔާ ކުންފުންޏަކާ ހަވާލުކޮށްގެން ކުރުވަމުން ދިޔައީ ދުވާލަކަށް 230،000ރ. ރޭޓުންނެވެ.
އިކޮނޮމިކް މިނިސްޓަރީގެ ބިޒްނަސް ޕޯޓަލުން އައި އެންޑް ސީ ޓްރޭޑިން އެއް ފެންނާކަށް ނެތެވެ. އެ ނަމުގައި ފެންނާން އޮތީ މިދިޔަ އޮކްޓޫބަރު މަހު ރެޖިސްޓްރީ ކޮށްފައި އޮތް އައި އެންޑް ސީ މެރިން ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏެވެ. އައި އެންޑް ސީއާ ހަވާލުކުރި ކުނި އުކާލުމުގެ މަސައްކަތް ސަބް ކޮންޓްރެކްޓަށް ހަވާލުކުރި ބެލީޒާއަކީ، ސޯލް ޕްރޮޕްރައިޓަޝިޕްއެއްގެ ގޮތުގައި 2017 ވަނަ އަހަރު ރަޖިސްޓްރީކޮށްފައިވާ ވިޔަފާރި އެކެވެ.
ކުނި އުކާލުމުގެ މަސައްކަތާ ގުޅޭ ގޮތުން ބެލީޒާ ޕްލަސްގެ ވެރިޔާ، އިހުސާނާ އަބްދުﷲ އާ ގުޅުމުން އޭނާ އެކަން ދޮގެއް ނުކުރައްވަ އެވެ. ނަމަވެސް އެކަމުގެ މައުލޫމާތު ދިނުމަށް ބެލީޒާ ޕްލަސްގެ ފައިނޭންސް ބަލަހައްޓާ ވަހީދު ކިޔާ މީހަކަށް އޭނާ ގުޅައިދިނެވެ.
ވަހީދު ބުނީ އެއާޕޯޓުގެ ކުނި އުކުމުގެ މަސައްކަތް އެ ކުންފުނިން ކުރި ކަމަށެވެ. އެ މަސައްކަތް އެ ކުންފުނިން ކުރީ 30 ވަރަކަށް ދުވަސް ވަންދެން ކަމަށް އޭނާ ބުންޏެވެ.
"ވެމްކޯ އާއި އެ ބޭފުޅުންނާ [އެމްއޭސީއެލް އާ] އެ ޖެހުނު މައްސަލައެއްގައި މެދުކެނޑިގެން އެއާޕޯޓުގެ ޑޭޓުޑޭ ކުނި ބޭރު ނުކުރެވިގެން އެތަން އެއްކޮށް ކުނިން ފޯވެގެން އެ އުޅުނު ދަނޑިވަޅެއްގައި އަޅުގަނޑުމެންނަކީ އެތަނުގެ ރިޓެއިނާއެއް ވީމާ އެގޮތުން އަޅުގަނޑުމެންނަށް އެ ރިކުއެސްޓު އައީ އައީމާ ދެން އަޅުގަނޑުމެން އެކަން ކޮށްދިނީ،" ވަހީދު ބުންޏެވެ.
"އަޅުގަނޑުމެން ކުނި އުކިން އިނގޭތޯ، އަޅުގަނޑުމެން ކުނި އުކިން، މިދިޔަ މަހުގެ ދުވަސްކޮޅަކަށް، 30 ވަރަކަށް ދުވަހުގައި އަޅުގަނޑުމެން ކުނި އުކިން،"
އެއާޕޯޓުން އުކަންޖެހޭ ކުނީގެ ތެރޭގައި ފްލައިޓުތަކުން ބާލާ ކުންޏާއި އެއާޕޯޓުގައި އުފެދޭ އެހެން ހުރިހާ ކުންޏެއް ހިމެނެ އެވެ.
އޭނާ ބުނީ ކުނި އުކައިދިނުމުން ދޭ އަގުގެ ތެރޭގައި ވެމްކޯއަށް ދައްކަންޖެހޭ ފައިސާ އާއި ކުނި އުފުލާ ވެހިކަލްތަކުގެ އިތުރުން ލޭންޑިން ކްރާފްޓަށް ދައްކަންޖެހޭ ފައިސާ ހިމެނޭ ކަމަށެވެ.
ނަމަވެސް މިހާރު އެ މަސައްކަތް ކުރުން ހުއްޓާލާފައިވާ ކަމަށް ވަހީދު ބުންޏެވެ.
އެއާޕޯޓުގެ ކުނި އުކުމުގެ މަސައްކަތް ކުރިން ކުރަމުންދިޔައީ ވެމްކޯއިންނެވެ. އެ ކުންފުނިން އެކަން ކުރަމުން ދިޔައީ ކޮންމެ ކުނި ޓަނަކަށް 1060ރ. ގެ މަގުންނެވެ. ކުނި އުކުމުގެ ހިދުމަތް ވެމްކޯއިން ދެމުންދިޔައީ އެއާޕޯޓުގައި ހުންނަ ކުނި، އެމްއޭސީއެލްގެ ވެހިކަލްތަކުގައި ވެމްކޯގެ ހުޅުމާލެ ސްޓޭޝަނަށް ގެންދިޔުމުން، ވެމްކޯގެ ލޭންޑިން ކްރާފްޓުތަކުގައި ހުޅުމާލެއިން ތިލަފުށްޓަށެވެ.
ވެމްކޯގެ ލޭންޑިން ކްރާފްޓަކަށް ކުނި އަރުވަނީ --
އެ ހިދުމަތް ދިނުން ވެމްކޯއިން ހުއްޓައިލީ މިދިޔަ އޮކްޓޫބަރު 15، ގަ އެވެ. ކުނި އުކުމުގެ ހިދުމަތް ދިނުން ވެމްކޯއިން ހުއްޓައިލީ އެ ކުންފުންޏާއެކު ވެފައި އޮތް އެއްބަސްވުމުގެ ދަށުން ކުނި ޓަނަކަށް ނަގަމުންދިޔަ އަގު އެމްއޭސީއެލުން ބޮޑުކޮށް ނުދިނުމުންނެވެ. ވެމްކޯއިން އެދުނީ ކުނި ޓަނަކަށް ޗާޖު ކުރަމުންދިޔަ އަގު 2060ރ. އަށް ބޮޑު ކޮށްދިނުމަށެވެ.
"ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ކަނޑައަޅާފައިވާ އަގުތަކެއް އެއީ. ކުނި އުކުން އަގުބޮޑު ކުރަން ވެމްކޯއިން ބޭނުން ވުމުން އެކަން ހައްލު ކުރަން މަސައްކަތް ކުރިން. ނަމަވެސް ކުނި އުކުން ހުއްޓައިލީމާ އެހެން ބަޔަކާ އެ މަސައްކަތް ހަވާލުކުރަން ޖެހުނީ،" އެއާޕޯޓުގެ އޮފިޝަލަކު ވިދާޅުވި އެވެ.
އޭނާ ބުނި ގޮތުގައި ވެމްކޯއިން ބޭނުންވީ ކުނީގެ އަގު ބޮޑުކުރުމުގެ އިތުރުން، އެ ކުންފުނީގެ ވެހިކަލްތައް އެއާޕޯޓުގެ އާންމު ވެހިކަލްތައް ވަނުން މަނާ ސަރަހައްދަށް ވަދެވޭ ގޮތް ހަދައިދިނުމަށެވެ. ނަމަވެސް އެކަމަށް ހުއްދަ ނުދިނީ، އެއާޕޯޓަކީ ސަލާމަތީ ކަންކަން ވަރަށް މަތީ ތަނަކަށްވާތީ ކަމަށެވެ.
"ކިތަންމެ ބޮޑު އަގެއް ދައްކަން ޖެހުނު ކަމުގައިވީ ނަމަވެސް އެއާޕޯޓުގެ ސެކިއުރިޓީ ކޮމްޕްރޮމައިޒްއެއް ނުކުރެވޭނެތާ، އެހެންވެ އެކަމަށް އެއްބަސް ނުވީ، އެއާ ސައިޑަށް އެމީހުންގެ ވެހިކަލްތައް ވައްދަން،" އެއާޕޯޓުގެ އޮފިޝަލް ވިދާޅުވި އެވެ.
އެކަމާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން، ސަރުކާރުގެ ސީނިއާ ވެރިއަކު ވެސް އެ ވާހަކަ ތަކުރާރު ކުރެއްވި އެވެ. އޭނާ ވިދާޅުވީ ވެމްކޯއިން އެދުނު ގޮތަށް، ވެހިކަލްތަކަށް އެއާޕޯޓުގެ އެތެރޭ ސަރަހައްދުތަކަށް ވަނުމުގެ ހުއްދަ ދިނުމަކީ ރައްކާތެރި ގޮތެއް ނޫން ކަމަށާއި، ހުއްދަ ނުދިނީ އެހެންވެ ކަމަށެވެ.
ކުނި އުކުމުގެ ހިދުމަތް އޮކްޓޫބަރު 15، ގައި ވެމްކޯއިން ހުއްޓައިލުމާ ހަމައިން، މިއަދާ ހަމައަށް މި ފާއިތުވި 54 ދުވަހަށް އަގު ހަދާލާއިރު، ކޮންމެ ދުވަހަކަށް ދޭން އެއްބަސްވެފައި އޮތް 250،000ރ. އާއި ޖީއެސްޓީ 15،000ރ. 54 ދުވަހާ ގުނަ ކޮށްލުމުން ޖުމުލަ އަގު 14،310،000ރ. (ސާދަ މިލިއަން ތިން ލައްކަ ދިހަ ހާސް ރުފިޔާ) އަށް އަރަ އެވެ.
"ދުވާލަކަށް 250،000ރ. އަކީ އަޅުގަނޑުމެންނަށް ވެސް ބޮޑު އަދަދެއް. އެ މަސައްކަތް ދާއިމީ ގޮތެއްގައި ކުރިއަށް ނުގެންދެވޭނެތީވެ، ދާއިމީ އެއްބަސްވުމެއް ވެސް ނުހެދީ،" ކުނި އުކާލަން އަގުބޮޑުކޮށް ހަވާލުކުރިކަން ފަޅައި އެރުމުން އެކަމާ ގުޅޭގޮތުން ކުރިމަތިކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން، އެއާޕޯޓުގެ އޮފިޝަލް ވިދާޅުވި އެވެ.
އެއާޕޯޓުގެ ކުނި ނެގުމުގެ މަސައްކަތް ހަވާލުކުރި އައި އެންޑް ސީ ކުންފުނީގެ ލޭންޑިން ކްރާފްޓެއް --
ކުނި އުކުމުގެ މަސައްކަތް ވެމްކޯއިން ހުއްޓައިލުމުން ދެން ހަވާލު ކުރި ކުންފުނިން އެ މަސައްކަތް ކުރަމުންދިޔައީ އެޗްއައިއެޗްއާ ދިމާލަށް އައި އެންޑް ސީ ކުންފުނީގެ ލޭންޑިން ކްރާފްޓެއް ކައިރިކޮށްގެންނެވެ. ވެމްކޯއިން އެ ހިދުމަތް ދިންއިރު، އެއާޕޯޓުގެ ވެހިކަލްތަކުގައި ހުޅުމާލެއަށް ދިގު ދަތުރުތަކެއް ކުރަންޖެހުނު ނަމަވެސް އައި އެންޑް ސީ ކުންފުނީގެ ލޭންޑިން ކްރާފްޓު އެއާޕޯޓަށް ކައިރިކޮށްގެން ކުރުމުން ދަތުރުތަކުގެ ރާސްތާ ވަރަށް ބޮޑަށް ކުރުވެގެން ދިޔަ އެވެ.
އެއާޕޯޓުގެ އޮފިޝަލް ވިދާޅުވީ ދުވާލެއްގެ މައްޗަށް އެއާޕޯޓުން ހަތަރު ޓަނުގެ އަށެއްކަ ލޮރީގެ ކުނި އުކައިލަން ޖެހޭ ކަމަށެވެ. އަދި މީގެ ކުރިން ކުނި ޖަމާ ކުރަނީ އެއާ ސައިޑަށް ނަމަވެސް، ވެމްކޯއިން ކުނި އުކުން ހުއްޓައިލުމާ އެކު ކުނި ޖަމާ ކުރާ ސަރަހައްދު ލޭންޑް ސައިޑަށް ބަދަލު ކޮށްފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
އެއާޕޯޓުގައި އުފެދޭ ކުނި އުކަން ބޮޑު ހަރަދެއް ކުރަމުން ދިޔަކަން ފަޅައި އެރުމުން މައްސަލަ ހައްލުކުރަން ކަމާ ގުޅުން ހުރި ފަރާތްތަކުން ވަގުތުން މަސައްކަތް ފެށި އެވެ. އެއާއެކު ވެމްކޯއިން އަލުން ކުނި އުކަން އެއްބަސްވެފައިވާކަން ފިނޭންސް މިިނިސްޓްރީން އަންގާފައިވާ ކަމަށް އެމްއޭސީއެލްގެ އޮފިޝަލް ވިދާޅުވި އެވެ.
އެމްއޭސީއެލުން ވަނީ އެ މަސައްކަތް އަލުން ގެޒެޓުގައި އިއުލާނުކޮށްފަ އެވެ. އެއާޕޯޓުގެ ކުނި އުކަން ޝައުގުވެރިވާ ފަރާތްތަކަށް މައުލޫމާތު ދިނުމުގެ ބައްދަލުވުން ބާއްވާނީ މިއަދު އެވެ. އަދި "ޓެންޑަ ޕޯޓަލް" ތެރެއިން ބީލަންތައް ހުށަހެޅުމުގެ ސުންގަޑި އަކީ އަންނަ ބުރާސްފަތި ދުވަހުގެ 11:30 އެވެ.
މަސައްކަތާއި ނުބައްދަލު ބޮޑު އަގެއް ދިން މައްސަލަ ކަމާ ގުޅޭ ފަރާތްތަކުން ބަލާކަން އަދި ހާމައެއް ނުކުރެ އެވެ.
Comment