ލަންޑަން (ޑިސެމްބަރު 5) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލް އަތުން މެންޗެސްޓާ ޔުނައިޓެޑް ބަލިވި މެޗަށް ފަހު އެ ޓީމުގެ ކޯޗު ރުބެން އަމޮރިމް ދެއްކި ވާހަކަތަކަށް އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ރައްދުދީފި އެވެ.
ލީގުގައި ރޭ އާޓެޓާގެ އާސެނަލުން ވަނީ އަމިއްލަ ދަނޑުގައި ކުޅެ، ޔުނައިޓެޑް އަތުން 2-0 އިން މޮޅުވެފަ އެވެ. މި ސީޒަނުގައި ޖެހުންތަކުން ގިނަ ގޯލުތަކެއް ޖަހާފައިވާ އާސެނަލުން ރޭ ޔުނައިޓެޑް ބަލިިކުރުމުގައި ވެސް ޖެހުންތަކުން ލިބުނު ފުރުސަތުތަކުގެ ބޭނުންހިފި އެވެ.
އަމޮރިމް ބުނެފައިވަނީ، ރޭގެ މެޗުގައި އެންމެ ބޮޑު ތަފާތަކަށް ފެނުނީ އާސެނަލުން ޖެހުންތަކުން ހޯދި ކާމިޔާބު ކަމަށެވެ. އަދި ކުޅުމަށް ބަލާއިރު، ޔުނައިޓެޑުން އާސެނަލް ކައިރީގައި ރަނގަޅު ކުޅުމެއް ދެއްކި ކަަމަށާއި ހާއްސަގޮތެއްގައި ފުރަތަމަ ހާފުގެ ފަހުކޮޅުގައި އާސެނަލުން ޔުނައިޓެޑް ހާސްކޮށްލުމަށް މޮޅަށް ކުޅުނު ކަމަށް އަމޮރިމް ވަނީ ބުނެފަ އެވެ.
"މެޗުގެ ތަފާތަކީ ސެޓްޕީސްތައް (ޖެހުންތައް) ލަނޑުތައް އައީ އެ ގޮތަށް، އެ އަށް ފަހު މި ބަދަލުތައް މިއީ، އެ މީހުންގެ (އާސެނަލްގެ) ކުޅުން ޓާގެޓްކުރަނީ ވެސް ކޯނަރު ހޯދާ ގޮތަށް، މިހެން ދާ މެޗުތަކުގައި މުޅިން ކޮންޓްރޯލް ނަގައިގެން ނުކުޅެވޭނެ،" އަމޮރިމް ބުންޏެވެ.
އަމޮރިމްގެ މި ވާހަކަތަކަަށް އާޓެޓާ ވަނީ މީޑިއާގައި ރައްދުދީފަ އެެވެ. އާޓެޓާ ބުނީ، އާސެނަލަކީ ހަމައެކަނި "ސެޓްޕީސް" އިން އެޓޭކްކުރާ ގޮތަށް ވާހަކަ ދެއްކުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެެވެ.
"މިދިޔަ އަހަރަކީ މި ކްލަބްގެ ތާރީހުގައި ވެސް އެންމެ ގިނަ ގޯލު ޖެހި ފަހަރު. މިއީ ހަމައެކަނި ސެޓްޕީސް އިން އައި ގޯލުތަކެއް ނޫން، އަހަރެމެންގެ ރަނގަޅު ކުޅުމާއި ކުޅުންތެރިން ދެއްކި ޖާދުލާއި މި ހުރިހާ ހާއްސަ ވަގުތުތަކެއްގައި ކުރި ރަނގަޅު މަސައްކަތަކާއި ކުޅުނު ރަނގަޅު ފުޓްބޯޅައިން އައި ގޯލުތަކެއް،" އަމޮރިމްގެ ވާހަކަތަކާ ގުޅޭގޮތުން ކުރި ސުވާލަށް އާޓެޓާ ޖަވާބު ދިނެވެ.
އާޓެޓާ ބުނީ، އާސެނަލަކީ ހުރިހާ ސްޓައިލެއްގެ ފުޓްބޯޅަ އަށް ވެސް ހޭނިފައިވާ ދެމެހެއްޓެނިވި ގޮތެއްގައި ނަތީޖާ ނެރެ ކާމިޔާބު ހޯދަން މަސައްކަތްކުރާ ޓީމެއް ކަމަށެވެ.
Comment