3 ޑިސެންބަރު 2024 - 12:25 2
އަހުމަދު އާއިދު
ރައީސް އޮފީސް : އެ އޮފީހުގައި 17 އަހަރު ހިދުމަތްކުރި ދެ މުވައްޒަފަކު ވަނީ މި ފަހުން ވަކިކޮށްފަ --- ފޮޓޯ: އަދަދު
3 ޑިސެންބަރު 2024 - 12:25 2
ރައީސުލްހުމްހުރިއްޔާގެ އޮފީހުގައި 17 އަހަރު ހިދުމަތްކުރި ދެ މުވައްޒަފަކު މަގާމުން ވަކިކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ދެ މުވައްޒަފުން މަގާމުން ވަކިކުރީ، އިސްތިއުފާ ދިނުމަށް އަންގައި އެކަން ކޮށްފިނަމަ ސަރުކާރުގެ ކުންފުންޏަކުން ވަޒީފާ ހަމަޖައްސައިދޭނެ ކަމަށް ރައީސް އޮފީހުގެ މިނިސްޓަރަކު ބުނި ބުނުމަށް އިޖާބަ ނުދިނުމުންނެވެ.
އެގޮތަށް އެންގީ ހަރަދުކުޑަކުރުމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުގައި ކަމަށް، ރައީސް އޮފީހުގެ ވަޒީރު ވިދާޅުވި ނަމަވެސް މި ދެ މުވައްޒަފުން އިސްތިއުފާދޭން ދެކޮޅު ހެދި ކަމަށްވެ އެވެ. ދެކޮޅު ހެދުމާއެކު އެ ދެ މީހުން ވަޒީފާއިން ވަކިކުރީ ހޮނިހިރު ދުވަހު އެވެ.
ވަޒީފާއިން ވަކިކޮށް ފޮނުވި ސިޓީގައި ބުނެފައިވަނީ، ރައީސް އެގޮތަށް ނިންމެވީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާއިން އެމަނިކުފާނަށް ލިބިދޭ ބާރުގެ ދަށުން ކަމަށެވެ.
މިކަމާ ކަނބޮޑުވުން ފާޅުކުރައްވައި ކުރީގެ ފަސްޓް ލޭޑީ ފަޒުނާ އަހުމަދު ވެސް ވަނީ ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރައްވާފަ އެވެ. އެގޮތުން ވަޒީފާއިން ވަކިކުރި ދެ މުވައްޒަފުންނަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ދައުރުން ފެށިގެން އަމާނާތްތެރިކަމާ އެކު މަސްއޫލިއްޔަތުތައް އަދާކުރި ދެ މުވައްޒަފުންކަން ފަޒުނާ ފާހަގަކުރެއްވި އެވެ.
"މުވައްޒަފުން އައްޔަންކުރުމާއި ވަކިކުރުމުގެ ބާރު ގާނޫނުއަސާސީގެ 115 ވަނަ މާއްދާއިން ރައީސަށް ލިބިދިނަސް، އެކަންކަން ކުރައްވަނީ ހަމަހަމަކަމާއި ދެފުށްފެންނަ ގޮތަކަށްތޯ ސުވާލުކުރެވި، މިކަމުގައި ވެރިން ޒިންމާދާރުކުރެވެންޖެހޭ،" ފަޒުނާ ލިޔުއްވާފައިވެ އެވެ.
ގަބޫލުކުރެވޭވަރުގެ ސަބަބެއް ބަޔާންނުކޮށް މުވައްޒަފުން ވަޒީފާއިން ވަކިކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ވެސް އޭނާ ލިޔުއްވާފައިވެ އެވެ.
މި ޕޯސްޓު ޝެއާކޮށް، ވަޒީފާއިން ވަކިކުރި އެކަކު ވަނީ ރައީސަށް ބާރު ލިބިދިނަސް ވަޒީފާއިން ވަކިކުރަން ވާނީ ސަބަބެއް ބަޔާންކޮށްފައި ކަމަށާއި މިކަމުގައި ޒިންމާދާރުކަން ހުންނަން ޖެހޭ ކަމަށް ގަބޫލުކުރާ ކަމަށް ލިޔެފަ އެވެ. އަދި ވަޒީފާގެ މާހައުލުގައި ހަމަހަމަކަން ގާއިމުކޮށް އެކަކު އަނެކަކަށް އިހުތިރާމުކުރުމުގެ މުހިންމުކަން މި ތަޖުރިބާއިން އެނގިގެން ގޮސްފައިވާ ކަމަށް ވެސް އޭނާ ލިޔެފައިވެ އެވެ.
Comment