Advertisement

ލިބުނު އެހީއާ މެދު ސޯޝަލް މީޑިއާގައި ޝަކުވާ ކުރި މީހަކަށް ދިން އެހީގެ ތަފުސީލު އެންސްޕާއިން އާންމުކޮށްފި

2 ޑިސެންބަރު 2024 - 21:28 1

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

އެންސްޕާގެ ސީއީއޯ އަދި ސަރުކާރުގެ ތަރުޖަމާނު، ހީނާ ވަލީދު -- ފޮޓޯ: ރައީސް އޮފީސް


ލިބުނު އެހީއާ މެދު ސޯޝަލް މީޑިއާގައި ޝަކުވާ ކުރި މީހަކަށް ދިން އެހީގެ ތަފުސީލު އެންސްޕާއިން އާންމުކޮށްފި

2 ޑިސެންބަރު 2024 - 21:28 1

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ލިބުނު އެހީއާ މެދު އޮތް ހިތްހަމަނުޖެހުން ސޯޝަލް މީޑިއާގައި ހިއްސާކުރި މީހަކަށް މިދިޔަ އަހަރުން ފެށިގެން އެ އެޖެންސީން ދިން އެހީގެ ތަފުސީލުތައް އާންމުކޮށްފި އެވެ.

އެންސްޕާއިން ދާދި ދެންމެއަކު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ މައުލޫމާތު އާންމު ކުރީ ކެންސަރަށް ފަރުވާ ހޯދަމުންދާ މީހަކަށް އެ އެޖެންސީން އެހީ ހަމަޖައްސައިނުދިން ކަމަށް ބުނެ އެކްސްގައި ކޮށްފައިވާ ޕޯސްޓަކާ ގުޅިގެން ދެކެވެމުންދާ ވާހަތަކުގެ ހަގީގަތް ހާމަ ކުރުމަށް ކަމަށެވެ.

އެގޮތުން އެ މީހަކަށް، މިދިޔަ އަހަރުން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް ޖުމުލަ ނުވަ ފަހަރަކު އެންސްޕާއިން އެހީ ފޯރުކޮށްދީފައިވާ ކަމާއި، އެއިން ކޮންމެ ފަހަރަކު އެހީގެ ގޮތުގައި ދީފައިވާ ފައިސާގެ އަދަދު ވެސް ނޫސްބަޔާނުގައި އާންމުކޮށްފައިވެ އެވެ.

އެންސްޕާއިން ދިން އެހީއާ މެދު ހިތްހަމަނުޖެހިގެން އެކްސްގައި ޕޯސްޓު ކުރި މީހާ ބުނެފައި ވަނީ އޭނާގެ ބެލުމުގެ ދަށުގައި ހުރި ކެންސަރުގެ ބަލި މީހަކަށް މިދިޔަ ސަރުކާރުގެ ދުވަސްވަރު ރާއްޖެއިން ބޭރަށް ދާން އެހީގެ ގޮތުގައި 1000 ޑޮލަރު ލިބުނު ކަމަށެވެ. ނަމަވެސް މިފަހަރު، ރާއްޖެއިން ބޭރަށް ދާން އެހީއަށް އެދުމުން އެންސްޕާއިން ދިނީ 3084ރ. ކަމަށް އޭނާގެ ޕޯސްޓުގައި ބުނެފައިވެ އެވެ.

އެ ވާހަކަތަކަށް ރައްދު ދީ އެންސްޕާއިން ނެރުނު ނޫސްބަޔާނުގައި ބުނީ އެ މީހާއަށް އެއްވެސް އިރެއްގައި އެ އެޖެންސީން 1000 ޑޮލަރު، އެހީގެ ގޮތުގައި ދިން ކަމަށް ސިސްޓަމްތަކުން ވެސް އަދި ލިޔުމަކުން ވެސް ފެންނަން ނެތް ކަމަށެވެ.

އަދި އެ ޕޯސްޓާ ގުޅިގެން އެ ޕޯސްޓު ކުރި މީހާއާ ވެސް އެންސްޕާއިން ބައްދަލު ކުރި ކަމަށާއި ބައްދަލު ކުރުމުން، އޭނާއަށް ލިބުނު ކަމަށް ބުނާ ފައިސާއަކީ އެންސްޕާއިން ލިބިފައިވާ ފައިސާއެއް ނޫންކަން އޭނާއަށް ސާބިތުކޮށްދިން ކަމަށް އެންސްޕާގެ ބަޔާނުގައި ބުންޏެވެ.

އެއްވެސް ލިޔެކިޔުމަކުން ފެންނަން ނެތް ފައިސާއެއް ދޫކޮށްފައިވާނަމަ، އެއީ އެހީ ހަމަޖައްސައިދެވޭ އުސޫލާއި މިންގަނޑުތަކާ ހިލާފަށް އަދި އެހީދޭ ނިޒާމުން ބޭރުން ހިންގާފައިވާ އުސޫލުތަކާ ހިލާފު އަމަލެއް ކަމަށް އެންސްޕާގެ ބަޔާނުގައި ބުންޏެވެ.