ވަޒީރުންގެ މަޖިލީހަށް ބަދަލުތަކެއް ގެންނަން އުޅޭ ކަމަށް ބުނެ ދެކެވޭ ވާހަކަ ސަރުކާރުން ދޮގުކޮށްފި

1 ޑިސެންބަރު 2024 - 15:34 0

ކެބިނެޓް ބައްދަލުވުމެއްގެ ތެރެއިން: ކެބިނެޓަށް ބަދަލު ގެންނަން އުޅޭ ވާހަކަ ދެއްކީ އެކްސްގައި ހިންގާ އެކައުންޓަކުން -- ފޮޓޯ: ރައީސް އޮފީސް


ވަޒީރުންގެ މަޖިލީހަށް ބަދަލުތަކެއް ގެންނަން އުޅޭ ކަމަށް ބުނެ ދެކެވޭ ވާހަކަ ސަރުކާރުން ދޮގުކޮށްފި

1 ޑިސެންބަރު 2024 - 15:34 0

ވަޒީރުންގެ މަޖިލީހަށް ބަދަލުތަކެއް ގެންނަން އުޅޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައްކަމުންދާ ވާހަކަތައް ސަރުކާރުން މިރޭ ދޮގުކޮށްފި އެވެ.

ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ވަޒީރުންގެ މަޖިލީހަށް އެއްވެސް ބަދަލެއް ގެންނަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިނުވާ ކަމަށެވެ.

"ކެބިނެޓަށް އެއްވެސް ބަދަލެއް ގެންނަވަން ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިނުވާ ވާހަކަ ދަންނަވަން،" ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރި ޕޯސްޓެއްގައި ހީނާ ވިދާޅުވި އެވެ.

ކެބިނެޓަށް ބަދަލުތަކެއް ގެންނަން އުޅޭ ކަމަށް ވާހަކަ ދެކެވޭއިރު އެގްރިކަލްޗަރު މިނިސްޓަރު އައިޝަތު ރަމީލާ ވަނީ މިއަދު އިސްތިއުފާ ދެއްވައިފަ އެވެ. އޭނާ އިސްތިއުފާ ދެއްވީ ސިއްހީ ހާލަތު ގޯސްކަމުންނެވެ. ރަމީލާ ގެންދަވަނީ ކެންސަރަށް ފަރުވާ ކުރައްވަމުންނެވެ.

އެކްސްގައި މަސައްކަތް ކުރާ އެކައުންޓު "ހަސަން ކުރުުސީ" ގައި މިއަދު ބުނެފައި ވަނީ ކެބިނެޓް ރިޝަފަލްކޮށް މިނިސްޓަރަކު ވަކި ކުރަން ރައީސް މުއިއްޒު ނިންމާފައިވާ ކަމަށެވެ.

އޭގެ ތެރޭގައި، ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު މަގާމުން ވަކިކޮށް، ޓުއަރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ޔޫތު މިނިސްޓަރަކަށް ހަމަޖެއްސުމާއި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ޓުއަރިޒަމް މިނިސްޓަރަކަށް ހަމަޖެއްސުން ހިމެނޭ ކަމަށް ކުރުސީ އެކައުންޓުގައި ބުނެފައިވެ އެވެ.

ރައީސް މުއިއްޒުގެ ވެރިކަމަށް އަހަރެއް ފުރުމުގެ ކުރިން މީގެ ކުރިން ވަނީ ކެބިނެޓަށް ބަދަލުތަކެއް ގެނެސްފަ އެވެ. އެ ބަދަލުގެ ތެރެއިން ކުރިން ފޮރިން މިނިސްޓްރީގައި ހުންނެވި ޒަމީރު ވަނީ ފައިނޭންސް މިނިސްޓަރުގެ މަގާމަށް ބަދަލުކޮށްފަ އެވެ. ފައިނޭންސް މިނިސްޓަރަކަށް ހުންނެވި މުހައްމަދު ޝަފީގު ވަނީ ކެބިނެޓުން ވަކިކޮށްފަ އެވެ.

ޒަމީރު ބަދަލު ކުރުމަށްފަހު ފޮރިން މިނިސްޓްރީއަށް ހަމަޖެއްސީ ހެލްތު މިނިސްޓަރަކަށް ހުންނެވި އަބްދުﷲ ހަލީލެވެ. ހެލްތު މިނިސްޓަރުގެ މަގާމަށް އައްޔަން ކުރީ އަބްދުﷲ ނާޒިމް އެވެ. އޭނާ ކުރިން މަސައްކަތް ކުރެއްވީ ރައީސް އޮފީހުގަ އެވެ.