Advertisement

ހިޔާނާތުގެ ތުހުމަތު އަމާޒުވުމުން އެންސްޕާއިން ބުނީ އޮފީސް އިމާރާތެއް ހޯދީ އުސޫލުގެ ތެރެއިން ކަމަށް

30 ނޮވެންބަރު 2024 - 07:18 9

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ސަރުކާރުގެ ތަރުޖަމާނު އަދި އެންސްޕާގެ ސީއީއޯ ހީނާ ވަލީދު -- ފޮޓޯ: އޭސީސީ


ހިޔާނާތުގެ ތުހުމަތު އަމާޒުވުމުން އެންސްޕާއިން ބުނީ އޮފީސް އިމާރާތެއް ހޯދީ އުސޫލުގެ ތެރެއިން ކަމަށް

30 ނޮވެންބަރު 2024 - 07:18 9

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ހިންގަން އިމާރާތެއް ކުއްޔަށް ހިފާފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭ އިފުތިތާހުކުރި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މަސްލަހަތު އޮތް އެމްއެމްޓީވީ ހިންގާ ކުންފުނި "މޯލްޑިވްސް މީޑިއާ ހައުސް" މެދުވެރިކޮށް ކަމަށް ބުނެ އަމާޒުވި ތުހުމަތުތަކާ ގުޅިގެން ނެރުނު ނޫސްބަޔާނުގައި، އޮފީސް އިމާރާތެއް ހޯދާފައި ވަނީ "އޮންނަ އުސޫލުގެ ތެރެއިން" ކަމަށް ބުނެފި އެވެ.

އެންސްޕާ އިން ރޭ ނެރުނު އެ ބަޔާނުގައި ބުނީ އެ އެޖެންސީއާ ބެހޭ ގޮތުން ފަތުރަމުންދާ ވާހަކަތަކަކީ ދޮގެއް ކަމަށެވެ. ނަމަވެސް އެއީ ސީދާ ކޮން ކަމެއްކަން ބަޔާނުގައި ސާފުކޮށްދީފައެއް ނުވެ އެވެ.

"މި އޭޖެންސީ ހިންގަން އިމާރާތެއް ހޯދުމުގެ މުއާމަލަތަކީ މާލީ ވުޒާރާ އާއި މި އޭޖެންސީ އާ ދެމެދު އެކަން ކުރުމަށް ކަނޑައެޅިފައިވާ ގަވާއިދާއި އުސޫލުގެ ތެރެއިން ކުރެވިފައިވާ މުއާމަލާތެކެވެ، އެއީ މި އޭޖެންސީ އާއި އެހެން އެއްވެސް ފަރާތަކާ ދެމެދު ކުރެވިފައިވާ މުއާމަލާތެއް ނޫނެވެ، އަދި އެއީ އާންމު މައުލޫމާތުގެ ގޮތުގައި ހާމަކަން ބޮޑު ގޮތެއްގައި މާލީ ވުޒާރާގެ މަންސަތަކުގައި ފެންނަން ހުރި މައުލޫމާތުތަކެވެ،" އެންސްޕާގެ ބަޔާނުގައި ބުންޏެވެ.

އެންސްޕާއިން ބުނީ އެ އޭޖެންސީ ހިންގަން މުވައްޒަފުން ހޯދުމާއި އެ މުވައްޒަފުންގެ ޒިންމާތައް ހަވާލު ކުރުމަކީ ވެސް އެކަމަށް ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން ކުރަމުންދާ ކަންތައްތައް ކަމަށެވެ.

އެންސްޕާއިން މިފަދަ ބަޔާނެއް ނެރެފައި މިވަނީ "އެމްއެމް ޓީވީ" ޗެނަލް ހިންގުމަށް، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) މެދުވެރިކޮށް ދައުލަތުގެ ބަޖެޓުން މަހަކު ބައި މިލިއަނަށްވުރެ ގިނަ ރުފިޔާ ދޭން އެއްބަސްވެފައިވާކަމުގެ ތުހުމަތުތަކެއް އަމާޒުވެފައި ވަނިކޮށެވެ.

ނަމަވެސް އެ ތުހުމަތުތައް އެންސްޕާއަށް އަމާޒުވުމުން، އެކަމާ ގުޅިގެން މައުލޫމާތު ހޯދުމަށް އެންސްޕާގެ ސީއީއޯ، ހީނާ ވަލީދުއަށް ގުޅައި މެސެޖު ކުރުމުން މި ހަބަރު ޝާއިއު ކުރުމާ ހަމައަށް ވެސް ޖަވާބެއް ދެއްވައިފައެއް ނުވެ އެވެ.

ނޫސްތަކުން ފެތުރި ވަކި ހަބަރަކަށް ބަޔާނުގައި އިޝާރާތް ނުކުރި ނަމަވެސް، އެންސްޕާއާ ގުޅޭގޮތުން "ދޮގު" މައުލޫމާތު ފެތުރި ފަރާތްތަކުގެ މައްސަލަތައް ކަމާބެހޭ އިދާރާތަކަށް ހުށަހަޅާނެ ކަމަށް އެންސްޕާގެ ބަޔާނުގައި ބުންޏެވެ. އަދި އެންސްޕާ އާ ގުޅޭގޮތުން "ދޮގު" ވާހަކަތައް ފެތުރުން އެ އޭޖެންސީން ކުށްވެރި ވެސް ކުރި އެވެ.

އެންސްޕާއަށް އެކި ފަރާތްތަކުން އަމާޒު ކުރަމުންދާ ތުހުމަތުތަކާ ބެހޭ ކަންކަން ތަހުގީގު ކޮށްދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުގައި އެ އޭޖެންސީން ވަނީ އެދިފަ އެވެ.

ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުގައި ހުރި މައުލޫމާތުން އެނގޭ ގޮތުގައި އެންސްޕާގެ އޮފީސް އިމާރާތް ބަދަލުކުރަން، 12،000 އަކަފޫޓުގެ ތަނެއް، ހޯދަން ކުރި އިއުލާނުކުރީ ޓެންޑަ ބޯޑު މެދުވެރިކޮށެވެ. އެ އިއުލާނާ ގުޅިގެން އިމާރާތް ކުއްޔަށް ދޭން ހުށަހެޅީ ވެސް ހަމައެކަނި މޯލްޑިވްސް މީޑިއާ ހައުސިންނެވެ.

ފަނަރަ ބުރިއަށް ހަދާފައިވާ މއ. ސީރާޒީގެއިން ހަތަރު ފަންގިފިލާއެއް އެމްއެމްޓީވީ އަށް ކުއްޔަށް ނަގާފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ. އޭގެތެރެއިން އެންސްޕާއަށް ކުއްޔަށް ދިނީ ދެ ފަންގިފިލާ ކަމަށް އިތުބާރުކުރެވޭ މަސްދަރުތަކުން މައުލޫމާތު ދީފައިވެ އެވެ. ސީރާޒީގޭގެ ޖުމުލަ ބޮޑުމިނަކީ 4365 އަކަފޫޓެވެ.

އެންސްޕާއިން ބޭނުންވާ 12،000 އަކަފޫޓުގެ ޖާގަ ލިބޭނީ ސީރާޒީގޭގެ ތިން ފަންގިފިލާއިންނެވެ. ދެ ފަންގިފިލާ ކުއްޔަށް ނަގާފައި ވާނަމަ އެއީ 8730 އަކަފޫޓެވެ.

އެންސްޕާގެ އޮފީސް ހިންގަން، ރައީސް މުއިއްޒުގެ މަސްލަހަތު އޮތް މޯލްޑިވްސް މީޑިއާ ހައުސިން އޮފީސް އިމާރާތެއް ކުއްޔަށް ދީފައި ވަނީ މަހަކަށް 580،000 އަށެވެ. އެއީ ފަސް އަހަރަށް 34.8 މިލިއަން ރުފިޔާ އެވެ.

އެންސްޕާއިން ރޭ ނެރުނު ބަޔާނުގައި އޮފީސް އިމާރާތް ކުއްޔަށް ހިފުމުގެ މުއާމަލާތަކީ، އެ އޭޖެންސީ އާއި އެހެން އެއްވެސް ފަރާތަކާ ދެމެދު ކުރެވިފައިވާ މުއާމަލާތެއް ނޫން ނަމަށް ބުނެފައި ވިޔަސް، ޓެންޑަ ބޯޑު މެދުވެރުކޮށް އިއުލާނުކުރީ އެންސްޕާއިން އެކަމަށް އެދިގެންނެވެ.