Advertisement

ރެޝްފޯޑް ޕީކަށް ގެންނަން އަމޮރިމް އަމާޒުހިފައިފި

28 ނޮވެންބަރު 2024 - 09:06 0


ރެޝްފޯޑް ޕީކަށް ގެންނަން އަމޮރިމް އަމާޒުހިފައިފި

28 ނޮވެންބަރު 2024 - 09:06 0

މެންޗެސްޓާ (ނޮވެމްބަރު 28) - މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ އިނގިރޭސި ފޯވާޑް، މާކަސް ރެޝްފޯޑް ކުރިން ކުޅެމުން އައި ރަނގަޅު ފޯމަށް ގެނެސް ޕީކުގައި ބެހެއްޓުމަށް ފުރުސަތު ދޭނެ ކަމަށް ޔުނައިޓެޑްގެ އާ ކޯޗު ރުބެން އަމޮރިމް ބުނެފި އެވެ.

އަމޮރިމް، ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވެ އެ ޓީމުން ކުޅުނު ފުރަތަަމަ މެޗުގައި ލަނޑު ޖެހީ ރެޝްފޯޑް އެވެ. އެކަމަކު، ރެޝްފޯޑް، އޭނާގެ އަސްލު ފޯމުގައި ކުޅެފައިވަނީ، 18 މަސް ކުރިންނެވެ. އެއީ، ޔުނައިޓެޑްގެ ކުރީގެ ކޯޗު އެރިކް ޓެން ހާގްގެ ފުރަތަަމަ ސީޒަނުގަ އެވެ. އެ ފަހަރު ރެޝްފޯޑް 30 ގޯލު ޖެހި އެވެ.

ޔުނައިޓެޑާ ހަވާލުވެ، މިހާތަނަށް ކުރެވުނު މަދު މަސައްކަތަށް ބަލާއިރު، ރެޝްފޯޑް، 27، ގެ ލެވަލް ފެނިފައިވާ ކަމަށާއި އޭނާގެ މޮޅު ކުޅުން ދައްކަން އެހީވެދޭން ތައްޔާރަށް ހުރި ކަމަށް އަމޮރިމް ވަނީ ބުނެފަ އެވެ. އަމޮރިމް ބުނީ މި މަސައްކަތުގައި އެންމެ ބޮޑު އެހީތެރިކަމެއް ދޭން ފަށަން ޖެހޭނީ ވެސް ރެޝްފޯޑް ކަމަށެވެ.

"ރެޝްފޯޑް އަމިއްލަ އަށް ގަބޫލުކުރަން ޖެހޭ ކަންތައްތަކެއް އެބަހުރި. އަހަރެމެން ރަނގަޅު ހައްލު ހޯދަން ކުރާ މަސައްކަތުގައި އޭނާ އަމިއްލަ ނަފްސަށް ވެސް ވިސްނަންޖެހޭ، އަމިއްލަ ކަންކަން ވެސް ރަަނގަޅުކުރަން ޖެހޭ. އޭނަ އަކީ މެންޗެސްޓާގެ ކުއްޖެއް، މި ކްލަބް އެނގޭނެ، ސަޕޯޓަރުން އެނގޭނެ، ކުރަން ޖެހޭ މަސައްކަތަށް އަހަރެމެން އެހީވެދޭނަން،" އަމޮރިމް ބުންޏެވެ.

ރެޝްފޯޑްގެ ފޯމު ވަރަށް ބޮޑަށް ދަށްވުމާ ގުޅިގެން އޭނާ އަށް އިންގްލެންޑް ގައުމީ ޓީމުން ވެސް ވަނީ ފުރުސަތު ގެއްލިފަ އެވެ.

ޔުނައިޓެޑުން މިރޭ ޔޫރޮޕާ ލީގުގައި ބޯޑް/ގިލްމްއާ ދެކޮޅަށް ކުޅޭނެ އެވެ. މިއީ، މި ސީޒަނުގައި، އަމޮރިމް ކޯޗުކޮށްދޭން ޔޫރަޕްގެ ދެ ވަނަ މުބާރާތެވެެ. އަމޮރިމް ވަނީ ޔުނައިޓެޑާ ހަވާލުވުމުގެ ކުރިން ޗެމްޕިއަންސް ލީގުގައި ސްޕޯޓިން ލިޒްބަން އަށް ކޯޗުކޮށްދީފަ އެވެ.