Advertisement

އައިލެންޑު އޭވިއޭޝަނުން އެމްއޭސީއެލްއަށް ނުދައްކާ ފައިސާގެ އަދަދު އެއް ބިލިއަން ރުފިޔާއަށް އަރާ

26 ނޮވެންބަރު 2024 - 21:51 0

އަހުމަދު އާއިދު

އަހުމަދު އާއިދު

މޯލްޑިވިއަންގެ ބޯޓެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އޮތްއިރު އެމްއޭސީއެލްގެ މުވައްޒަފުން ހަރަކާތްތެރިވަނީ ---- ފޮޓޯ: އަދަދު


އައިލެންޑު އޭވިއޭޝަނުން އެމްއޭސީއެލްއަށް ނުދައްކާ ފައިސާގެ އަދަދު އެއް ބިލިއަން ރުފިޔާއަށް އަރާ

26 ނޮވެންބަރު 2024 - 21:51 0

ގައުމީ އެއާލައިން، މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަށް ނުދައްކާ ހުރި ފައިސާގެ އަދަދު 1.12 ބިލިއަން ރުފިޔާއަށް އަރާ ކަމަށް އެމްއޭސީއެލް އިން ބުނެފި އެވެ.

އެމްއޭސީއެލްގެ މާލީ ހާލަތު ދެނެގަތުމަށް ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމެޓީގެ ސަބް ކޮމިޓީއަކުން މިއަދު ވަނީ އެ ކުންފުނީގެ ވެރިން ހާޒިރުކޮށްފަ އެވެ.

އެ ބައްދަލުވުމުގައި ކުންފުނީގެ މާލީ ހާލަތާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން، މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު ވިދާޅުވީ އާންމު ގޮތެއްގައި އެމްއޭސީއެލް އަކީ ކޭޝްކޮށް ވިޔަފާރިކުރާ ކުންފުންޏެއް ކަމަށާއި މާލީ ދަތިތަކާ ދުރު ފައިދާ ނެރެދޭ ކުންފުންޏެއް ކަމަށެވެ.

ނަމަވެސް، އެ ކުންފުންޏަށް މާލީ ގޮތުން ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ސަރުކާރުގެ އެހެން ކުންފުނިތަކުން ދައްކަންޖެހޭ ފައިސާ ނުދައްކާ ލަސްވުން ކަން އޭނާ ފާހަގަކުރެއްވި އެވެ. އަދި، މިކަމުގެ ނަތީޖާއަކީ ކެޕިޓަލް ހަރަދުތައް ބެލެހެއްޓުމަށް ލޯނުތައް ނަގަން ޖެހުން ކަމަށްވެސް ޝަރީފު ވިދާޅުވި އެވެ.

"ހުރިހާ އެސްއޯއީސް ތަކެއް ނޫން. ހާއްސަކޮށް އައިލެންޑް އޭވިއޭޝަނުން 1.12 ބިލިއަން ރުފިޔާ އެބަހުރި އަންނަން އެމްއޭސީއެލް އަށް މިހާރުވެސް. އެއީ ގާތްގަނޑަކަށް އަހަރަކު 78 މިލިއަން ރުފިޔާގެ ޑިސްކައުންޓު ދޭއިރުވެސް 1.12 ބިލިއަން ރުފިޔާ އަޅުގަނޑުމެންނަށް އެބައޮތް އެބޭފުޅުން ދޭން."

އަދި، މިކަން ހައްލުވެއްޖެނަމަ ކުންފުންޏަށް ދިމާވެފައިވާ މާލީ މައްސަލަތަކެއް ލުޔެއް ލިބޭނެކަން ވެސް، މިދިޔަ އަހަރު އެމްއޭސީއެލް ހިންގުމާ ހަވާލުވި ޝަރީފު ވިދާޅުވި އެވެ.

މިއަދުގެ ބައްދަލުވުމުގައި ޝަރީފު ވަނީ އެމްއޭސީއެލް އިން މިދިޔަ އަހަރު އައިލެންޑް އޭވިއޭޝަނަށް ދިން ޑިސްކައުންޓުތަކުގެ ތަފުސީލުވެސް ހިއްސާކޮށްފަ އެވެ.

އޭގެ ތެރޭގައި ހިމެނެނީ ތެލުން ދިން 38.77 މިލިއަނުގެ ޑިސްކައުންޓާއި ޑޮމެސްޓިކް ގްރައުންޑް ހޭންޑްލިން އިން ދިން 12.73 މިލިއަނުގެ ޑިސްކައުންޓު، އަދި ގްރައުންޑު ޕަވާ ޔުނިޓުން ދިން 11.39 މިލިއަނުގެ ޑިސްކައުންޓުގެ އިތުރުން ޕާކް ކުރުމަށް ދިން 9.7 މިލިއަން ރުފިޔާގެ ޑިސްކައުންޓެވެ.

އެމްއޭސީއެލް އަކީ މިވަގުތު ސަރުކާރު ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު ފައިދާއެއްގައި ހިންގާ އެއް ކުންފުންޏެވެ. އެގޮތުން މިދިޔަ އަހަރު އެކަނިވެސް އެ ކުންފުނިން ފައިދާގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ހޯދި އެވެ.

ނަމަވެސް، އައިލެންޑް އޭވިއޭޝަން އަކީ މާލީ ގޮތުން އެންމެ ގޯސް ހާލަތުގައި އޮތް ސަރުކާރުގެ އެއް ކުންފުންޏެވެ. އެ ކުންފުންޏަށް މިދިޔަ އަހަރު އެކަނިވެސް 71 މިލިއަން ރުފިޔާގެ ގެއްލުންވި އެވެ.