Advertisement

ފުލެޓު ލިސްޓަށް މަޖިލިސް މެންބަރުންނާއި ސިޔާސީން ނުފޫޒު ފޯރުވާ ވާހަކަ ހައުސިން މިނިސްޓްރީން ދޮގުކޮށްފި

26 ނޮވެންބަރު 2024 - 19:19 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު : ފުލެޓު ލިސްޓަށް މަޖިލިސް މެންބަރުންނާއި ސިޔާސީން ނުފޫޒުފޯރުވާ ވާހަކަ ހައުސިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ދޮގުކޮށްފަ --- ފޮޓޯ: އަދަދު


ފުލެޓު ލިސްޓަށް މަޖިލިސް މެންބަރުންނާއި ސިޔާސީން ނުފޫޒު ފޯރުވާ ވާހަކަ ހައުސިން މިނިސްޓްރީން ދޮގުކޮށްފި

26 ނޮވެންބަރު 2024 - 19:19 0

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރި 4،000 ފްލެޓު ލިބޭ މީހުންގެ ލިސްޓު ރީ-އިވެލުއޭޓް ކުރުމަށް ހައުސިން މިނިސްޓްރީން ކުރާ މަސައްކަތުގެ ތެރެއިން އެ ލިސްޓުގައި ހިމެނުމަށް އެދި މަޖިލިސް މެންބަރުންނާއި ވެރިކަންކުރާ ޕީއެންސީގެ ސިޔާސީން ނަންތަކެއް ފޮނުވަމުންދާ ކަމަށް ބުނެ ދެކެވޭ ވާހަކަތައް ހައުސިން މިނިސްޓްރީން ދޮގުކޮށްފި އެވެ.

އިއްޔެ ބައެއް ނޫސްތަކުން ރިޕޯޓުކުރި ގޮތުގައި ހައުސިން މިނިސްޓްރީއަށް މަޖިލިސް މެންބަރުން ދަނީ ފުލެޓު ދޭން ޖެހޭ މީހުންގެ ލިސްޓުތަކެއް ފޮނުވަމުންނެވެ. އޭގެ ތެރޭގައި 50 އިން 100 އިން ނަން ހުރި ލިސްޓުތައް ހިމެނޭ ކަމަށް އެ ނޫސްތަކުން، މިނިސްޓްރީގެ އޮފިޝަލުންނާ ހަވާލާދީ ބުނެފައިވެ އެވެ.

މިކަމާ ގުޅިގެން ހައުސިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ނޫސްތަކުން އަދި ސޯޝަލް މީޑިއާ އެކައުންޓުތަކުން ފަތުރަމުންދަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ.

"މި ސްކީމާ ގުޅިގެން ކުރިއަށްދާ ރީ-އިވެލުއޭޝަނުގެ މަސައްކަތަށް އެއްވެސް ފަރާތަކުން ނުފޫޒެއް ނުފޯރުވޭނެކަމުގެ ފުރިހަމަ ޔަގީންކަން އެންމެހައި ރައްޔިތުންނަށް އަރުވަން. މި މިނިސްޓްރީގެ މަގުސަދަކީ މި ސްކީމުގެ ދަށުން ފުލެޓުތައް ލިބިގެންދާނީ އެންމެ ހައްގުވެރި ފަރާތްތަކަށްކަމުގައި ކަނޑައެޅިގެން ދިއުން،" ހައުސިން މިނިސްޓްރީން ބުންޏެވެ.

އަދި، މިކަމާ ގުޅިގެން ދޮގު މައުލޫމާތު ނުފެތުރުމަށް މިނިސްޓްރީގެ ބަޔާނުގައި ތަކުރާރުކޮށް އެދިފައިވެ އެވެ.

މިދިޔަ ސަރުކާރުން އެކުލާވާލާ ގެޒެޓުކުރި ފުލެޓު ލިސްޓުގައި މައްސަލަތަކެއް ހުރި ކަމަށް ބުނެ، އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނާއި ހައުސިން މިނިސްޓްރީންވެސް ވަނީ ބަލާފަ އެވެ. އެއަށްފަހު އަލަށް އެކުލަވާލާ ލިސްޓު އާންމުކުރަން ތިން ފަހަރު މަތިން ތާރީހު ދިނުމަށްފަހު، ލިސްޓު އާންމު ކުރުން މިފަހަރު މުއްދަތެއް ނެތް ގޮތަށް ފަސްކުރީ ނޮވެމްބަރު 16، ގަ އެވެ.

އެ ދުވަހު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ފްލެޓަށް އެދި ހުށަހަޅާފައިވާ 20،697 އެޕްލިކޭޝަން ފޯމު ބެލުމުގައި ކަށަވަރު ކުރަން ޖެހޭ ގިނަ ކަންކަން ހުރުމާ ގުޅިގެން އެ މަސައްކަތް ނިންމުމަށް އިތުރު ވަގުތު ބޭނުންވާ ކަމަށެވެ.

އެ ގޮތުން އެ ސްކީމުގެ ވަގުތީ ލިސްޓާއި ރީ-އިވެލުއޭޝަންއާ ގުޅިގެން ކުރިއަށް ގެންދެވުނު މަސައްކަތްތަކުގެ ތަފްސީލުތައް އެ މަސައްކަތްތައް ނިމުނުހާ އަވަހަށް އާންމުކުރާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ރީއިވެލުއޭޓު ކުރުމަށް ފަހު ފުލެޓު ލިސްޓު އިއުލާނު ކުރާނެ ކަމަށް ހައުސިިިން މިނިސްޓަރީން މީގެ ކުރިން ބުނީ އޮކްޓޫބަރު މަހުގެ ފަހު ހަފުތާގަ އެވެ.

ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު މީގެ ކުރިން ވިދާޅުވީ ފްލެޓުގެ ހައްގުވެރިންނަށް މި އަހަރު ތެރޭގައި އެ ފުލެޓްތައް ހަވާލުކޮށް ނިންމާނެ ކަމަށެވެ. ނަމަވެސް އެކަމާމެދުވެސް މިހާރު ވަނީ ސުވާލު އުފެދިފަ އެވެ.