Advertisement

ތިނަދޫގެ ސިޓީގެ ދަރަޖަ ބާތިލުކުރަން ކޯޓަށް ދިޔުމުން ޑެޕިއުޓީ މިނިސްޓަރު ރާގިބު މަގާމުން ވަކިކޮށްފި


ތިނަދޫގެ ސިޓީގެ ދަރަޖަ ބާތިލުކުރަން ކޯޓަށް ދިޔުމުން ޑެޕިއުޓީ މިނިސްޓަރު ރާގިބު މަގާމުން ވަކިކޮށްފި

ގދ. ތިނަދޫގެ އާބާދީގައި 10،000 ހަމަނުވާތީ އެ ރަށުގެ ސިޓީގެ ދަރަޖަ ބާތިލުކުރަން އެދި ހައި ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅުމުން އެންވަޔަރަމަންޓު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ރާގިބު އަހުމަދު މަގާމުން ވަކިކޮށްފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ނައިބު ވަޒީރުކަމުން ރާގިބު ވަކިކުރަން މިއަދު ނިންމެވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށެވެ.

ސަރުކާރުގެ މަގާމެއްގައި ރާގިބު ހުރެ ދައުލަތާ ދެކޮޅަށް ވަކާލާތު ކުރި މައްސަލަތަކެއް ވެސް ވަނީ ޖެހިފަ އެވެ. އެގޮތުން ކުޑަކުއްޖަކާ ބެހުނު މައްސަލައެއްގައި އޭނާ ދިފާއީ ވަކީލެއްގެ ގޮތުގައި ދިޔުމުން ހައި ކޯޓުން ވަނީ އެކަން ހުއްޓުވައިފަ އެވެ.

މިފަހުން، ކޮރަޕްޝަނުގެ ދައުވާތަކެއް ލިބޭ ހަސަން މަމްދޫހުގެ މައްސަލައިގައި ވެސް ދިފާއީ ވަކީލެއްގެ ގޮތުގައި އޭނާ ވަނީ ކޯޓަށް ގޮސްފަ އެވެ. ނަމަވެސް ދަށު ކޯޓުން ބުނީ އޭނާއަށް އެ މައްސަލައިގައި ވަކާލާތު ކުރެވޭވެ ކަމަށެވެ.

ވަކީލެއްގެ ގޮތުގައި ހަރަކާތްތެރިވާން ފެށުމުގެ ކުރިން ރާގިބު ހުރީ ކ. އަތޮޅު ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓުގެ މަގާމުގަ އެވެ. އޮކްޓޯބަރު، 2019، ގައި އެ މަގާމުން އޭނާ އިސްތިއުފާ ދިނީ ކޯޓުގެ އެކި އަންހެން މުވައްޒަފުންނަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ބުނާ މައްސަލައެއްގައި ވަކި ކުރަން ޖޭއެސްސީއިން ލަފާ ދިނުމުންނެވެ.