23 ނޮވެންބަރު 2024 - 16:46 0
އީގަލްސް އާއި މާޒިޔާ އިން ދިވެހި ޔޫތު ލީގުގައި ކުޅުނު މެޗެއްގެ ތެރެއިން.--- ފޮޓޯ: އިމޭޖަސް.އެމްވީ
23 ނޮވެންބަރު 2024 - 16:46 0
ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި މޯލްޑިވްސް ސޮކާ މޭޓްސް (އެމްއެސްއެމް) ގުޅިގެން ބާއްވާ ދިވެހި ޔޫތު ލީގުގައި އިއްޔެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ދެ މޮޅު ހޯދައި ރަނގަޅު ފެށުމެއް ހާސިލްކުރިއިރު، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ކައިރިން ހުރިއްޔާ ސްޕޯޓްސް ކްލަބް (ހުރާ) ރަނގަޅު ނަތީޖާއެއް ނެރެފި އެވެ.
އެ ގޮތުން، މާޒިޔާގެ 12 އަހަރުން ދަށުގެ ޓީމުން ވަނީ ކްލަބް އީގަލްސް (އެސްޕަޔާ ފުޓްބޯލް އެކެޑަމީ)ގެ 12 އަހަރުން ދަށުގެ ޓީމު 4-0 އިން ބަލިކޮށްފަ އެވެ. މި ދެ ޓީމުގެ 14 އަހަރުން ދަށުގެ އުމުރުފުރާގެ ކުރިމަތިލުން ނިމިގެންދިޔައީ، 2-1 އިން މާޒިޔާ މޮޅުވެގެންނެވެ.
ރޭ ކުޅުނު މެޗުތަކަށް ބަލާއިރު، 12 އަހަރުން ދަށު ބައިގައި، ސަސް އިން ވަނީ 1-0 އިން ހުރާ ބަލިކޮށްފަ އެވެ. އެކަމަކު، 14 އަހަރުން ދަށުގެ ކެޓަގަރީގައި މި ދެ ޓީމު ވަނީ 1-1 އިން އެއްވަރުވެފަ އެވެ.
މާޒިޔާގެ 12 އަހަރުން ދަށުގެ ޓީމަށް ލަނޑުތައް ޖަހައިދިނީ، އަހުމަދު ރާހިފް، މިޝްއާލް އަހުމަދު، އަހުމަދު ރާކިން އަދި އަހުމަދު ލުޝާން އެވެ. ސާދަ އަހަރުން ދަށުގައި މާޒިޔާ އިން ލީޑުނެގީ، ޝިބާލް އަބްދުލް އެވެ. އީގަލްސް އިން އެއްްވަރުކުރީ، މުހައްމަދު އާސް އަލީ ޖެހި ގޯލުންނެވެ. މާޒިޔާ މޮޅުކޮށްދިން ގޯލު ޖެހީ، ޖިހާދު އަލީ އެވެ.
ސަސް އިން 12 އަހަރުން ދަށުގެ ބައިގައި، ހުރާ ބަލިކުރި ގޯލު ޖެހީ، ޒާވީ ބިން މުހައްމަދު ޔޫސުފް އެވެ.
ސާދަ އަހަރުން ދަށުގެ ބައިގައި، ހުރާގެ މުހައްމަދު ޔޫނުސް ލީޑުނަގާފައިވަނިކޮށް، ސަސް އަށް އެއްވަރުކޮށްދިނީ، އިބްރާހިމް އަލްޔާން ޝާހިރު އެވެ.
ހެންވޭރު ދަނޑުގައި ކުރިއަށްދާ ދިވެހި ޔޫތު ލީގުގައި، މިއަދު ހަވީރު ކުޅޭނީ 12 އަހަރާއި 14 އަހަރުން ދަށުގައި، ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އާއި ކްލަބް ވެލެންސިއާ ބައްދަލުކުރާ މެޗުތަކެވެ. އަދި މިރޭ ކުޅޭނީ 12 އަހަރުން ދަށާއި 14 އަހަރުން ދަށުގައި، ޓީސީ ސްޕޯޓްސް ކްލަބާއި ވިކްޓަރީ ސްޕޯޓްސް ކްލަބް ބައްދަލުކުރާ މެޗުތަކެވެ.
ސޯޅަ އަހަރުން ދަށުގެ މެޗުތައް ފަށާނީ އަންނަ ހަފްތާގަ އެވެ.
ހެންވޭރު ދަނޑުގެ އިތުރުން، ގަލޮޅު ރަސްމީ ދަނޑުގައި ބާއްވާ މި މުބާރާތުގައި ބައިވެރިވެފައިވާ ކްލަބްތަކަކީ، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)، ޔުނައިޓެޑް ވިކްޓަރީ، ކްލަބް އީގަލްސް، ޓީސީ ސްޕޯޓްސް ކްލަބް، ކްލަބް ވެލެންސިއާ، ވިކްޓަރީ ސްޕޯޓްސް ކްލަބް އަދި ހުއްރިއްޔާ ސްޕޯޓްސް ކްލަބް (ހުރާ) އެވެ.
Comment