18 ޑިސެންބަރު 2024 - 15:57 0
18 ޑިސެންބަރު 2024 - 15:57 0
ދިވެހި ޔޫތު ލީގުގައި އިއްޔެ ކުޅުނު މެޗުތައް ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އިން ކާމިޔާބު ކޮށްފި އެވެ.
އިއްޔެ 12 އަހަރުން ދަށުގައި ދެ މެޗު ކުޅުނުއިރު, ފުރަތަމަ މެޗުގައި ޔުނައިޓެޑް ވިކްޓަރީ އިން ކްލަބް އީގަލްސް ބަލިކުރީ 1-0 ގެ ނަތީޖާ އަކުންނެވެ. މި މެޗުގެ ހަމައެކަނި ގޯލު މެޗުގެ ފުރަތަމަ ހާފުގައި ޔޫވީ އަށް ޖަހާދިނީ ލުހާން އަހުމަދު ޖަލީލް އެވެ.
އިއްޔެ 12 އަހަރުން ދަށުގައި ކުޅުނު ދެވަނަ މެޗު މާޒިޔާއިން ކާމިޔާބުކުރީ ޓީސީ ސްޕޯޓްސް 2-1 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ.
މި މެޗުގެ ހަވަނަ މިނެޓުގައި މާޒިޔާ އަށް ލީޑު ނަގާދިނީ އުސައިމިން އިބްރާހީމް ޖެހި ގޯލުންނެވެ. އެކަމަކު ދެވަނަ ހާފު ފަށައިގެން ފަސްވަނަ މިނެޓުގައި ޓީސީގެ އާދް އަލީ ވަނީ ގޯލު ޖަހާ ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. އެކަމަކު މެޗު ނިމެން ދެ މިނެޓަށްވެފައި ވަނިކޮށް އުސައިމިން ވަނީ އިތުރު ގޯލެއް ޖަހާ މާޒިޔާ މެޗުން މޮޅުކޮށްދީފަ އެވެ.
މި ނަތީޖާތަކާއެކު 12 އަހަރުން ދަށުގެ ލީގު ތާވަލުގެ އެއްވަނައިގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އޮތީ ކުޅުނު ހަތަރު މެޗުން 12 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް މާޒިޔާ އަށް ހަތަރު މެޗުން ނުވަ ޕޮއިންޓް ލިބިފައިވާއިރު, ތިންވަނައިގައި ވިކްޓަރީ އޮތީ ހަތަރު މެޗުން ހަތް ޕޮއިންޓް ހޯދައިގެންނެވެ.
މީގެ އިތުރުން އިއްޔެ ވަނީ 14 އަހަރުން ދަށުގެ މެޗުތައް ވެސް ކުޅެފަ އެވެ. 14 އަހަރުން ދަށުގެ ފުރަތަމަ މެޗުގައި ޔޫވީއާ އީގަލްސް ބައްދަލުކުރިއިރު, މި މެޗު ނިމުނީ 0-0 ގެ ނަތީޖާ އަކުން އެއްވަރުވެގެންނެވެ.
14 އަހަރުން ދަށުގެ ދެވަނަ މެޗުގައި ޓީސީން މާޒިޔާއާ ދެކޮޅަށް ނުކުތްއިރު, މި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާ އަކުންނެވެ.
މި މެޗުގައި ފުރަތަމަ ގޯލު ޖަހާ ލީޑު ނެގީ ޓީސީ އިންނެވެ. މެޗުގެ 50 ވަނަ މިނެޓުގައި ޓީސީ އަށް ގޯލު ޖަހާދިނީ ޝާދިން ރައްޒާގު އެވެ. އެކަމަކު އޭގެ ސިކުންތުކޮޅެއް ފަހުން މާޒިޔާގެ ޖިހާދު އަލީ ވަނީ ގޯލު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.
14 އަހަރުން ދަށުގެ ލީގު ތާވަލުގެ އެއްވަނައިގައި ވެސް އޮތީ ސަސް އެވެ. އެ ޓީމަށް ހަތަރު މެޗުން 10 ޕޮއިންޓް ލިބިފައިވާއިރު ދެވަނައިގައި އޮތް ވިކްޓަރީ އަށް ވެސް ހަތަރު މެޗުން 10 ޕޮއިންޓް ވަނީ ލިބިފަ އެވެ. ސަސް އަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ. ތިންވަނައިގައި އޮތް ޓީސީ އަށް ހަތަރު މެޗުން އަށް ޕޮއިންޓް ލިބުނުއިރު, ހަތަރުވަނައިގައި އޮތް މާޒިޔާ އަށް ހަތަރު މެޗުން ލިބެނީ ހަތް ޕޮއިންޓް އެވެ.
Comment