Advertisement

ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރަން ގޮވާލައި ޕީއެންސީން މަޖިލިސް ދޮށަށް އެއްވެއްޖެ

20 ނޮވެންބަރު 2024 - 11:55 1

އަމަން ހަލީމް

އަމަން ހަލީމް

ޕީއެންސީގެ އެކްޓިވިސްޓުން މަޖިލިސް ކުރާ ސަރަހައްދުގެ ކައިރީގައި: އެ ޕާޓިން ބޭނުން ވަނީ ވީހާ ވެސް އަވަހަކަށް ގާނޫނު އަސާސީ ބަދަލުކުރަން -- ފޮޓޯ: މިރާޝް ނާޝިމް/އަދަދު


ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރަން ގޮވާލައި ޕީއެންސީން މަޖިލިސް ދޮށަށް އެއްވެއްޖެ

20 ނޮވެންބަރު 2024 - 11:55 1

ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެފައިވާ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީ ބަދަލުކުރަން ހުށަހަޅާފައިވާ ގާނޫނު ފާސްކުރުން އަވަސް ކުރަން ގޮވާލައި، ވެރިކަން ކުރާ އަދި މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ޕީއެންސީގެ މެންބަރުން މަޖިލިސް ދޮށަށް އެއްވާން ފަށައިފި އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ގޮތުގައި މަޖިލިސް ހުންނަ ސަރަހައްދުގައި ޕީއެންސީގެ އެކްޓިވިސްޓުންތަކެއް ދަނީ ހަރަކާތްތެރިވަމުންނެވެ. މަައުލޫމާތު ލިބިފައިވާ ގޮތުގައި މި މީހުން އެ ސަރަހައްދަށް އެއްވަމުން ދަނީ ގާނޫނުއަސާސީ ބަދަލުކުރަން ހުށަހަޅާފައިވާ ބިލުގެ މަސައްކަތް ވީހާ ވެސް އަވަހަށް ނިންމާލަން ޕްރެޝަރު ކުރުމުގެ ބޭނުމުގަ އެވެ.

ޕީއެންސީން ނިންމާފައި ވަނީ ގާނޫނު އަސާސީ ބަދަލުކުރުމުގެ މަސައްކަތް 24 ގަޑިއިރުގެ ތެރޭގައި ނިންމާލުމަށެވެ. މިކަން އަވަސް އަރުވާލައިގެން ކުރަން އުޅޭ ސީދާ ސަބަބެއް އެ ޕާޓީން ނުބުނި ނަމަވެސް ބައެއް މެންބަރުން ބުނަނީ މިއީ ސަރުކާރާ ދެކޮޅަށް ބަސް ބުނުމުގެ ހައްގު ނިގުޅައިގަނެ، މެންބަރުގެ މިނިވަން ހިޔާލަށް ހުރަސް އެޅުމުގެ ގޮތުން ސަރުކާރުން ބޭނުން ވެގެން ކުރަމުންދާ މަސައްކަތެކެވެ.

ގާނޫނު އަސާސީ ބަދަލުކުރަން ހުށަހަޅާފައިވާ ބިލާ މެދު އޮތް މައިގަނޑު ކަންބޮޑުވުމަކީ ޕާޓީން އަޅާ އިދާރީ ފިޔަވަޅަކާ ގުޅިގެން ޕާޓީން ވަކިކުރުމުން މެންބަރުކަން ގެއްލޭ ގޮތަށް އޮތުމެވެ. މި ގޮތަށް ގާނޫނު އަސާސީއަށް ބަދަލު ގެނެސްފި ނަމަ ޕާޓީގެ ވެރިން ހިތްހަމަނުޖެހޭ ގޮތަށް މަޖިލީހުގެ ތަޅުމުގައި ޝުއޫރު ފާޅުކުރުމުން ނުވަތަ ޕާޓީގެ ލައިނާ ހިލާފަށް ވޯޓު ދޭ ކޮންމެ ހާލަތެއްގައި މެންބަރުކަން ގެއްލުމުގެ ފުރުސަތު އޮންނާނެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވާއިރު، މިހާރު ކުރިއަށް ދަނީ މި ބިލު ބަލައިގަތުމާ މެދު ގޮތެއް ނިންމަން ބާއްވާ އިބްތިދާދީ ބަހުސެވެ. މި ބަހުސްގައި އިދިކޮޅު މެންބަރުންނާއި މިނިވަން މެންބަރުން ދެކޮޅަށް ވާހަކަ ދެއްކި ނަމަވެސް ޕީއެންސީގެ ގިނަ މެންބަރުންގެ ވާހަކަތައް ހުރީ ބިލަށް ތާއީދުކޮށް، ބިލު ފާސްކުރާ ގޮތަށެވެ.