Advertisement

ފުލުހުންގެ ވެލްފެއާ ސްކީމު ރީސްޓްރަކްޗާ ކުރިޔަސް އެއްވެސް އެލަވަންސެއް ނުކެނޑޭނެ: ޝިފާން

12 ނޮވެންބަރު 2024 - 19:18 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ފުލުހުންގެ ތަރުޖަމާނު، އޭސީޕީ ޝިފާން: އޭނާ ވިދާޅުވީ ފުލުހުންގެ ވެލްފެއާ ސްކީމު ރީސްޓްރަކްޗާ ކުރިޔަސް އެއްވެސް އެލަވަންސެއް ކަނޑާ ނުލާނެ --- ފޮޓޯ: ފުލުހުން


ފުލުހުންގެ ވެލްފެއާ ސްކީމު ރީސްޓްރަކްޗާ ކުރިޔަސް އެއްވެސް އެލަވަންސެއް ނުކެނޑޭނެ: ޝިފާން

12 ނޮވެންބަރު 2024 - 19:18 0

ފުލުހުންނާއި ސިފައިންނަށާއި އެ މީހުންގެ އާއިލާތަކަށް މިހާރު ލިބޭ ވެލްފެއާގެ ސްކީމުގެ ބަދަލުގައި ޕްރައިވެޓް އިންޝުއަރެންސެއް ހަމަޖައްސަން އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގައި ހިމެނި ނަމަވެސް، މި ފިޔަވަޅުތަކާ ގުޅިގެން ފުލުހުންގެ އެއްވެސް އެލަވަންސަކަށް ބަދަލެއް ނާންނާނެ ކަމަށް އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވެއްޖެ އެވެ.

ފުލުހުންނާއި ސިފައިންގެ ވެލްފެއާ ސްކީމާ ގުޅުވައި ބަޖެޓުގައިވާ ތަފުސީލުތަކާ ގުޅިގެން އެކި ނޫސްތަކުން ގެނެސްދިން ހަބަރުތަކާއެކު އާންމުންނާއި ފުލުހުންވެސް ވަނީ އެތައް ސުވާލެއް އުފައްދާފަ އެވެ.

މިކަމާ ގުޅިގެން ފުލުހުންގެ ތަރުޖަމާނުގެ މަގާމުވެސް އަދާކުރައްވާ ޝިފާން ސޯޝަލް މީޑިއާގައި ދެ ޕޯސްޓެއް ކުރައްވާފައިވާއިރު، އެއް ޕޯސްޓުގައި ވިދާޅުވީ ފުލުހުންގެ ވެލްފެއަރގެ ނިޒާމު އުވާލަން ނިންމާފައި ނުވާކަމަށެވެ.

ދެން ކުރެއްވި ޕޯސްޓުގައި އޭނާ ވަނީ އެ ސްކީމުގެ ރިވިއުއެއް ކޮށް އިސްރާފު މަދުކޮށް ހަރަދުނާ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

"ފުލުހުންނަށް ލިބޭ އެއްވެސް އެލަވަންސެއް ކަނޑާލުމުގެ ވިސްނުން މި ހިދުމަތުގެ ލީޑަޝިޕަކު ނެތް. ނަމަވެސް، ހިދުމަތް ހަރުދަނާ ކުރުމަށް މި ސްކީމް ރީސްޓްރަކްޗާ ކުރެވިގެންދާނެ،" ޝިފާން ލިޔުއްވާފައިވެ އެވެ.

ފުލުހުންނާއި ސިފައިންގެ ވެލްފެއާ ސްކީމަށް ބަދަލު ގެންނަން ނިންމާފައި ވަނީ އާސަންދަ އާއި މެޑިކަލް ވެލްފެއާގެ ނިޒާމު ހަރުދަނާ ކުރުމަށް އަޅަން ރާވާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ހިމަނައިގެން، އަންނަ އަހަރުގެ ކުރީކޮޅެވެ. ނަމަވެސް ސީދާ ތާރީހެއް ބަޔާންކޮށްފައި ނެތެވެ.

ބަޖެޓު ފޮތުގައިވާ ގޮތުގައި ސިފައިންނާއި ފުލުހުންނާއި އެމީހުންގެ އާއިލާތަކަށް ދޭ މެޑިކަލް ވެލްފެއާ މިހާރު ބައްޓަންވެފައި އޮންނަނީ އާސަންދަ ފަދަ އިތުރު ސްކީމެއް ގޮތަށް ކަމަށެވެ. އަދި އެ ފަރާތްތަކަށް ލިބޭ މެޑިކަލް ވެލްފެއާގައި ވަކި ލިމިޓެއް ކަނޑައެޅިފައި ނޯންނައިރު، އޭގެ ދަށުން ކޮސްމެޓިކް ޕްރޮސީޖާތަކާއި ބައެއް ބޭސްތައް ވެސް ލިބޭކަން ފާހަގަކޮށްފައިވެ އެވެ.

އެ ގޮތުން މިއަހަރުގެ ނިޔަލަށް ފުލުހުންނާއި ސިފައިންގެ ބޭސްފަރުވާއަށް އާސަންދައިގެ ބޭރުން 321.7 މިލިއަން ހަރަދުވާނެ ކަމަށް ބަޖެޓުގައި އަންދާޒާކޮށްފައިވެ އެވެ.