Advertisement

ލައްކައަކަށް ވުރެ މަތިން އާސަންދައިން ހަރަދުކުރަނީ 2817 މީހުންނަށް

12 ނޮވެންބަރު 2024 - 14:03 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ދަރުމަވަންތަ ހޮސްޕިޓަލްގެ ނަން ބޯޑު: މެޑިކަލް ވެލްފެއާގެ ހަރަދު 393 މިލިއަން ރުފިޔާއަށް އަރާނެ --- ފޮޓޯ: އަދަދު ފައިލް


ލައްކައަކަށް ވުރެ މަތިން އާސަންދައިން ހަރަދުކުރަނީ 2817 މީހުންނަށް

12 ނޮވެންބަރު 2024 - 14:03 0

ދައުލަތުގެ ހަރަދުގައި ހިލޭ ބޭސްފަރުވާ ކުރެވޭ އާސަންދަ ނިޒާމުގެ ތެރެއިން އެއް ލައްކަ ރުފިޔާއަށް ވުރެ އިތުރަށް ހަރަދު ކުރަން ޖެހެނީ މިދިޔަ އަހަރުގެ ތެރޭގައި 2,817 މީހުންނަށް ކަމަށް ފިނޭންސް މިނިސްޓްރީން ހުށަހެޅި އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ކޮންމެ އަހަރަކު އާސަންދައަށް ކުރާ ހޭދަ އެވްރެޖުކޮށް 9.2 ޕަސެންޓު އިތުރުވަމުންދާއިރު އެ ހަރަދުތައް ކޮންޓްރޯލް ކުރުމަށް ފިޔަވަޅުތަކެއް އެޅުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައި ވެ އެވެ. މި އަހަރުގެ ނިޔަލަށް އާސަންދައިން ކުރާ ހޭދަ 2.3 ބިލިއަން ރުފިޔާއާ ގާތްކުރާނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ.

ފިނޭންސުން ހިއްސާކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު އާސަންދަ ސްކީމުގެ ހޭދައިގެ ބޮޑު ބައެއް ހިއްސާކުރަނީ ނިސްބަތުން މަދު މީހުންނެވެ. އެގޮތުން, 2023 ގައި އާސަންދަ ސްކީމުގެ ދަށުން ފަރުވާ ހޯދި 374,349 މީހުންގެ ތެރެއިން 87 އިންސައްތަ މީހުން ހަރަދުކުރީ 16,000ރ. އަށްވުރެ މަދުންނެވެ.

އާސަންދައިން ވަކިވަކި ފަރުދުންނަށް ހަރަދު ކުރި މިންވަރު

  • 1,000ރ. އަށްވުރެ މަދުން - 72,531 މީހުން
  • 1,000-2,000ރ. އާ ހަމައަށް - 58,327 މީހުން
  • 2,000-4,000ރ. އާ ހަމައަށް - 72,766 މީހުން
  • 4,000-8,000ރ. އާ ހަމައަށް - 70,344 މީހުން
  • 8,000-16,000ރ. އާ ހަމައަށް - 53,858 މީހުން
  • 16,000-32,000ރ. އާ ހަމައަށް - 30,488 މީހުން
  • 32,000-64,000ރ. އާ ހަމައަށް - 10,632 މީހުން
  • 64,000-100,000ރ. އާ ހަމައަށް - 2,586 މީހުން
  • 100,000-200,000ރ. އާ ހަމައަށް - 2,105 މީހުން
  • 200,000ރ. އަށްވުރެ އިތުރަށް - 712 މީހުން

އަންނަ އަހަރު އާސަންދަ ނިޒާމަށް ގެންނަ ބަދަލުތަކާ އެކު 600 މިލިއަން ރުފިޔާއާ ގާތްކުރާ އަދަދަކަށް ހަރަދު ސަލާމަތް ކުރެވޭނެ ކަމަށް ސަރުކާރުން ވަނީ އަންދާޒާކޮށްފަ އެވެ.

އާސަންދަ އެންމެ ފުރަތަމަ ވުޖޫދުވެގެން އައި އިރު، އެ ނިޒާމުގެ ދަށުން ބޭސް ފަރުވާ ކުރެވެނީ އެއް ލައްކަ ރުފިޔާއާ ހަމައަށެވެ. މިކަން ބަދަލުކޮށް، ހުސްނުވާ އާސަންދަ ތައާރަފުކުރެވުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި، 2014 ގަ އެވެ.