about 3 hours 0
އަހުމަދު އާއިދު
ރައީސް ޑރ. މުހައްމަދު މުއިއްޒު: ޒުވާނުން ދުންފަތާ އިތުރުކުރަން ކަމަށް ބުނެ ސިނގިރޭޓުން ޑިއުޓީ ބޮޑުކުރީ އާމްދަނީ އިތުރުކުރަން ކަމަށް ސަރުކާރުން ބަޖެޓުގައި ވަނީ ބުނެފަ ---- ފޮޓޯ: ރައީސް އޮފީސް
about 3 hours 0
ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓް ޑިއުޓީ ބޮޑުކުރަން ނިންމީ ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށް ހުށަހެޅި ސިޔާސަތެއްގެ ގޮތުގައި ކަމަށް ސަރުކާރުން އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓުގައި ބުނެފި އެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަށް ފިނޭންސް މިނިސްޓްރީން އެކުލަވާލި ލުއި ފޮތުގައިވާ ގޮތުން، އާމްދަނީ އިތުރުކުރުމަށް އަންނަ އަހަރަކުން ސަރުކާރުން ހުށަހަޅަނީ މައިގަނޑު ހަ ސިޔާސަތެކެވެ.
އޭގެތެރެއިން، ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓް ޑިއުޓީ 3ރ. އިން 8ރ. އަށް މަތިކުރަން ގާނޫނަށް ގެނައި ބަދަލާއެކު އަންނަ އަހަރު ދައުލަތަށް އާމްދަނީގެ ގޮތުގައި އިތުރު 1.1 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ސަރުކާރުން ވަނީ ލަފާކޮށްފަ އެވެ.
މީގެއިތުރުން، އެއާޕޯޓުން ފުރާ މީހުންގެ އަތުން ނަގާ ފީ ބޮޑުކޮށްގެން އިތުރަށް 1.6 ބިލިއަން ރުފިޔާ، އަދި ގްރީން ޓެކްސްއާއި ޓީޖީއެސްޓީ ބޮޑުކޮށްގެން ޖުމްލަ 1.2 ބިލިއަން ރުފިޔާ އިތުރަށް ދައުލަތަށް ލިބޭނެ ކަމަށް ބަޖެޓުގައި ލަފާކޮށްފައިވެ އެވެ.
ސަރުކާރުން ޓޫރިޒަމް ދާއިރާގެ ޓެކްސްތަކާއި ފީތައް ބޮޑުކުރަން ނިންމާ އެކަން މަޖިލީހަށް ހުށަހެޅީ އާމްދަނީ އިތުރުކުރުމުގެ ސިޔާސަތުގެ ދަށުން ކަމަށް ސާފުކޮށް ބުންޏެވެ.
ނަމަވެސް ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓް ޑިއުޓީ ބޮޑުކުރަން ހުށަހެޅީ ދުންފަތުގެ އިސްތިއުމާލުކުރުމާ މީހުން ދުރުކުރުމަށް ކަމަށް ސަރުކާރުންނާއި ސަރުކާރަށް ތާއީދުކުރާ މަޖިލިސް މެންބަރުންވެސް ބުންޏެވެ. އަދި މި އިސްލާހާއެކު ދުންފަތުގެ ބާވަތްތައް ވިއްކޭ މީހުންގެ އުމުރުވެސް 21 އަށް އިތުރުކުރި އެވެ.
ގާނޫނުތަކަށް ބަދަލުގެންނަން ނިންމެވީ "ޒުވާނުން ދުންފަތުގެ ގޯސް އާދައިން ދުރުކުރުމަށްޓަކާ" ކަމަށް ސީދާ ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވެފައިވެ އެވެ.
ސަރުކާރުން ގާނޫނަށް ގެނައިި މި ބަދަލުތަކާއެކު ސިނގިރޭޓު ފޮށްޓެއްގެ އަގު 250ރ. އަށް ވަނީ އަރާފަ އެވެ.
ރާއްޖޭގެ ފިހާރަތަކުން މިވަގުތު ސިނގިރޭޓު ފޮށްޓެއް ލިބެން ހުރީ 250ރ. އާއި 240ރ. އާ ދެމެދުގެ އަގެއްގަ އެވެ. އެންމެ ފުޅާދާއިރާއެއްގައި ރާއްޖެއަށް ސިނގިރޭޓު އެތެރެކޮށް ވިއްކާ ރޫޓު ފިހާރައިން މީގެ ކުރިން 995ރ. އަށް ވިއްކަމުން އައި ސިނގިރޭޓު ކާޓަނެއްގެ އަގު މިހާރު ހުރީ 2240ރ. އަށެވެ.
މީގެއިތުރުން، އިތުރުން ސަރުކާރުން ވަނީ ވޭޕާއި އިލެކްޓްރޯނިކް ސިނގިރޭޓު އަދި އެފަދަ ތަކެއްޗާ ބެހޭ އެހެން ތަކެތި ވެސް ރާއްޖެ އެތެރެކުރުން މަނާކޮށްފަ އެވެ. އަދި އެ ބަދަލުތަކާ ހިލާފުވާ މީހުންނާއި ވޭޕު ކުރާ މީހުންނަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަންވެސް ސަރުކާރުން ގާނޫނަށް ވަނީ ބަދަލުގެނެސްފަ އެވެ.
ސަރުކާރުން ގެނައި މި ބަދަލުތަކާ ގުޅިގެން ވޭޕުގެ ވިޔަފާރި ކުރަމުންދިޔަ މީހުންނާއި އިދިކޮޅު ސިޔާސީންގެ އިތުރުން އާންމު ގިނަ ފަރާތްތަކެއްގެ ފާޑުކިޔުންވެސް ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ. ނަމަވެސް ސަރުކާރުން ތަކުރާރުކޮށް ބުނަމުން ދިޔައީ ބަޖެޓަށް ދިން މައުލޫމާތާ ހިލާފަށް މިއީ ދުންފަތާ ދެކޮޅަށް އެޅި ފިޔަވަޅުތަކެއް ކަމަށެވެ.
Comment