about 13 hours 0
އަހުމަދު އާއިދު
އައި ކޭމްޕަށް އައިސް އުޅޭ ޗައިނާގެ ލޮލުގެ ޑޮކްޓަރުންގެ ޓީމާއި ފަރުވާ ހޯދި ބައެއް މީހުންނާ އެކު ހެލްތު މިނިސްޓަރު ނާޒިމް އަދި ޗައިނާގެ ސަފީރު -- ފޮޓޯ: ހެލްތު މިނިސްޓްރީ
about 13 hours 0
ޗައިނާ ސަރުކާރުގެ އިސްނެގުމުގެ މަތިން މިހާރު ރާއްޖެއަށް ޒިޔާރަތްކުރަމުންދާ އެ ގައުމުގެ ލޮލުގެ ޑޮކްޓަރުންގެ ޓީމުން ވޭތުވެދިޔަ ތިން ދުވަހުގެ ތެރޭގައި ފަސްދޮޅަހަކަށް ސާޖަރީ ކޮށްފައިވާ ކަމަށް އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވާން ލިޖިން މިއަދު ވިދާޅުވެއްޖެ އެވެ.
ޑޮކްޓަރުންގެ ޓީމުގެ މަސައްކަތާ ގުޅޭ ގޮތުން ހެލްތު މިނިސްޓްރީ ކުރި ސޯޝަލް މީޑިއާ ޕޯސްޓެއް ހިއްސާކުރައްވާ ލިޖިން ވިދާޅުވީ، ފަރުވާ ހޯދި ފަރާތްތަކާ ދިމާވެ އެ މީހުންގެ އުފާވެރިކަމުގައި ހިއްސާވުމަކީ ލިބުނު އުފަލެއް ކަމަށެވެ.
"ވޭތުވެދިޔަ ތިން ދުވަހުގެ ތެރޭ ޗައިނާގެ ޓީމުން ވަނީ ފަސްދޮޅަހަކަށް ސާޖަރީކޮށް ދިވެހިންނަށް ފަރުވާ ދީފަ. ރާއްޖެ-ޗައިނާ ގުޅުމުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ފައިދާވާތަން ފެންނާތީ ވަރަށް އުފާވޭ،" އޭނާ ލިޔުއްވާފައިވެ އެވެ.
ހެލްތު މިނިސްޓްރީގެ ޕޯސްޓުގައި ހިއްސާކޮށްފައި ވަނީ ޗައިނާ ސަފީރު އަދި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމު، ޗައިނާގެ ޓީމު އަދި ފަރުވާ ހޯދި ބައެެއް މީހުންނާ ބައްދަލުކުރައްވާ މަންޒަރު ފެންނަ ފޮޓޯތަކެކެވެ.
އެ މިނިސްޓްރީން ބުނީ، މި ޓީމުން ކުރިއަށް ގެންދާ އައި ކޭމްޕުގައި ލޮލުގެ އެކި ބަލިތަކަށް ފަރުވާ ދިނުމުގެ އިތުރުން ލެންސު ނުސާފު ވެފައިވާ މީހުންނަށް ހާއްސަ ސާޖަރީތަކެއް ހެދުމުގެ ހިދުމަތް ދޭނެ ކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، 2016 އިން ފެށިގެން ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންދާ މި އައި ކޭމްޕްގެ މިފަހަރުގެ ހަރަކާތް ފެށީ މި މަހު ފަހެއްގަ އެވެ.
ވޭތުވެދިޔަ އަހަރުތަކުގައި މި ކޭމްޕުތައް މެދުވެރިކޮށް 5،000 އަށްވުރެ ގިނަ މީހުންނަށް ފަރުވާދީ 600 އަށްވުރެ ގިނަ މީހުންގެ ލޮލުގެ ސާޖަރީ ކޮށްފައިވާ ކަމަށް އެ ދުވަހު ޗައިނާގެ ސަފީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.
Comment