Advertisement

ދެކެން ބޭނުންވަނީ ސިންގަޕޫރު ފަދައިން މަހުޖަނުން އަތުން ރިޝްވަތު ނަގާ ވަޒީރުންނަށް ދައުވާ ކުރާ ދުވަސް: އަޒާން

ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން: އޭނާ ވިދާޅުވީ ރާއްޖޭގައި ދެކެން ބޭނުންވަނީ ސިންގަޕޫރު ފަދައިން މަހުޖަނުން އަތުން ރިޝްވަތު ނަގާ މިނިސްޓަރުންނަށްވެސް ދައުވާ ކުރާ ދުވަސް ކަމަށް --- ފޮޓޯ: މަޖިލިސް އިދާރާ


ދެކެން ބޭނުންވަނީ ސިންގަޕޫރު ފަދައިން މަހުޖަނުން އަތުން ރިޝްވަތު ނަގާ ވަޒީރުންނަށް ދައުވާ ކުރާ ދުވަސް: އަޒާން

ރާއްޖޭގައި ދެކެން ބޭނުން ވަނީ ސިންގަޕޫރު ފަދަ ގައުމުތަކުގައިހެން މަހުޖަނުން އަތުން ރިޝްވަތު ނަގާ ދައުލަތުގެ ވެރިންނާއި ރިޝްވަތު ދޭ ފަރާތްތަކުގެ މައްޗަށް ވެސް ދައުވާކުރާތަން ކަމަށް ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ވިދާޅުވެއްޖެ އެވެ.

ނުހައްގު މުއްސަނދިކަމުގެ ކުށް ހުއްޓުވާ ވެރިންގެ މައްޗަށް ދައުވާ ކުރުން ފަސޭހަކުރުމަށް ކަމަށް ބުނެ ގާނޫނުލްއުގޫބާތަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހަށް ބަހުސްކުރައްވަމުން އަޒާން ވިދާޅުވީ، އޮފީސްތަކުން ކޮފީ ގެއަށް ގެންދިޔައިމަ އާދައިގެ މުވައްޒަފަށް ދައުވާ ކުރުމުގެ ބަދަލުގައި ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބަވާ ފަރާތްތަކުން ހޯދާ ނުހައްގު މުއްސަނދިކަމުގެ ކުށަށް ދައުވާ ކުރަން ޖެހޭ ކަމަށެވެ.

"ދާދި ފަހުން އަޅުގަނޑުމެންނަށް ފެނިގެންދިޔައީ ސިންގަޕޫރުގެ ކުރީގެ ޓްރާންސްޕޯޓު މިނިސްޓަރަކަށް ކޮރަޕްޝަންގެ ދައުވާ ކުރިތަން، މިކިޔާ މާބޮޑު ނުހައްގު މުއްސަނދިކަމެއް ހޯދީއެއް ވެސް ނޫން، މުއްސަނދި މަހުޖަނެއްގެ އަތުން ހޮޓެލް ސްޓޭއަކާ، ފުލައިޓު ޓިކެޓަކާ ފޯމިއުލާ ވަން ބަލާލަން ޓިކެޓެއް ހޯދީ،" ވެރިކަންކުރާ ޕީއެންސީގެ މެންބަރު އަޒާން ވިދާޅުވި އެވެ.

"ރާއްޖޭގަ މި ހިނގާ ކޮރަޕްޝަނާ ބަލާއިރު ޒައްރެއްގެ މިންވަރެއް އެއީ، އެކަމަކު އެ ގައުމުން ވަނީ އޭނާގެ މައްޗަށް ދައުވާ އުފުލާފަ، ރިޝްވަތު ދިން މަހުޖަނަށް ވެސް ދައުވާ ކޮށްފަ، އަޅުގަނޑު ރާއްޖޭގަ ދެކެން ބޭނުންވަނީ އެ ދުވަސް،"

އަޒާން ވިދާޅުވީ އަދުގެ ސަރުކާރަކީ ވައްކަމާއި ކޮރަޕްޝަނަށް ފުރުސަތު ދޭނެ ސަރުކާރެއް ނޫން ކަމަށާއި 20 ވަނަ މަޖިލީހުން ވެސް އެ ފުރުސަތު ނުދޭނެ ކަމަށެވެ.

ބަހުސްގައި ވާހަކަދެއްކި ޕީއެންސީގެ އިތުރު މެންބަރުން ވެސް ވަނީ ނިމިދިޔަ ވެރިކަންތަކުގައި ރިޝްވަތު ދިން މީހުންނާއި ރިޝްވަތު ހިފި މީހުން އަދި ކޮރަޕްޝަނަށް ޖާގަދިން މީހުންނަށް ދައުވާކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.