about 3 hours 0
ލީވާން އަލީ ނާސިރު
ރައީސް ޑރ. މުހައްމަދު މުއިއްޒު: ދުންފަތުގެ ބާވަތްތަކާއި ވޭޕް ޑިއުޓީ ބޮޑުކުރާ ބިލު ވަނީ ތަސްދީގު ކުރައްވާފައި -- ފޮޓޯ: ރައީސް އޮފީސް
about 3 hours 0
ވޭޕާއި އިލެކްޓްރިކް ސިނގިރޭޓު އަދި ދުންފަތުން ނަގާ އިމްޕޯޓު ޑިއުޓީ ބޮޑުކުރުމަށް އެކްސްޕޯޓު އިމްޕޯޓުގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ތަސްދީގު ކުރައްވައިފި އެވެ.
މައްޗަންގޮޅި އުތުރު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް މުހައްމަދު ހުށަހެޅުއްވި އެ ބިލު މަޖިލީހުން ފާސްކުރީ ސަރުކާރުން ހުށަހެޅި ގޮތަށް އެއްވެސް ބަދަލެއް ނުގެނެ އެވެ.
އެ ބިލު މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވި 71 މެންބަރުންގެ ތާއިދާއެކު އެވެ. ބިލާ ދެކޮޅަށް ވޯޓު ދެއްވީ އެމްޑީޕީގެ އަށް މެންބަރުންނެވެ.
އެ ބިލުން ގެނައި ބަދަލުތަކުގެ ތެރޭގައި އިލެކްޓްރޯނިކް ސިނގިރޭޓަށް ނުވަތަ ދުންފަތުގެ އިސްތިއުމާލު ކުރުމަށް ބޭނުންކުރާ އެ ނޫން ވެސް އާލާތްތަކަށް އަޅާ ފްލޭވާ އާއި ކެމިކަލުން ނަގާ ޑިއުޓީ 50 ޕަސެންޓަށް އަދި މިލިލީޓަރަކަށް 8ރ. އަށް ވަނީ ބޮޑުވެފަ އެވެ.
އަދި ހީޓެޑް ޓޮބެކޯ ޕްރޮޑަކްޓްސް ނުވަތަ ރޯ ކުރުމަކާ ނުލައި ހޫނުކޮށްގެން ބޭނުންކުރެވޭ ގޮތައް އުފައްދާފައި ހުންނަ ދުންފަތުގެ އުފެއްދުންތަކުން ނަގާ އިމްޕޯޓު ޑިއުޓީ 50 ޕަސެންޓު އަދި ސްޓިކަކުން 8ރ. އަށް ވަނީ ބޮޑުވެފަ އެވެ.
އޭގެ އިތުރުން، އެ އިސްލާހާ އެކު ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓު ޑިއުޓީ ވެސް ރައީސްގެ ނިންމެވުމާ އެއްގޮތަށް ސިނގިރޭޓަކުން އަދި ބިޑިއަކުން 8ރ. އަށް ވަނީ ބޮޑުވެފަ އެވެ.
ސަރުކާރުން ގެނައި މި ބަދަލުތަކާ އެކު މި އަހަރު އެކަނިވެސް ދައުލަތަށް އާމްދަނީގެ ގޮތުގައި 180.3 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވާއިރު، މި އަންނަ އަހަރު ދައުލަތަށް ހަމައެކަނި ސިނގިރޭޓުގެ އިމްޕޯޓު ޑިއުޓީން ވެސް އާމްދަނީގެ ގޮތުގައި 1،058.7 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާ ކޮށްފައިވެ އެވެ.
ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް ގެނެވުނު އިސްލާހުތަކާ ގުޅިގެން އެކުލަވާލަންޖެހޭ ނުވަތަ އިސްލާހު ކުރަންޖެހޭ ގަވާއިދުތަކާއި އުސޫލުތައް، އެ ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ހަދައި، ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރަން ޖެހެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment