1 ނޮވެންބަރު 2024 - 11:27 0
ރައީސް މުއިއްޒު: ވިދާޅުވީ ނޮވެމްބަރު 30، ގެ ނިޔަލަށް 228 ސިޔާސީ މުވައްޒަފުން މަދު ކުރައްވާނެ ކަމަށް -- ފޮޓޯ: ރައީސް އޮފީސް
1 ނޮވެންބަރު 2024 - 11:27 0
އޮކްޓޯބަރު 30، ގެ ނިޔަލަށް ސަރުކާރުން 228 ސިޔާސީ މުވައްޒަފުން ވަކި ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް އެ ނިންމުމަށް އަމަލު ކުރިކަން ސަރުކާރުން އިއުލާނެއް ނުކުރި އެވެ.
އޮކްޓޯބަރު 15، ގައި ރައީސް ވިދާޅުވީ އެމަނިކުފާނު ގެންގުޅުއްވާ އިގްތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން ކުރިއަށް އޮތް 15 ދުވަހުގެ ތެރޭގައި ސަރުކާރުން 228 ސިޔާސީ މުވައްޒަފުން ވަކި ކުރައްވާނެ ކަމަށެވެ.
އޭގެ ތަފުސީލަށް ވަޑައިގަންނަވަމުން ރައީސް ވިދާޅުވެފައި އޮތީ ވަކި ކުރައްވާނީ 109 ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުންނާއި 69 ޕޮލިޓިކަލް ޑިރެކްޓަރުންނާއި 43 ޑެޕިއުޓީ މިނިސްޓަރުންނާއި ހަތް ސްޓޭޓް މިނިސްޓަރުން ކަމަށެވެ.
ރައީސް އެހެން އިއުލާނު ކުރެއްވި ފަހުން ބައެއް ސިޔާސީ ވަޒީފާތަކުން މީހުން ވަކި ކުރި އެވެ. އަދި އޭގެ ފަހުން ސިޔާސީ މަގާމުތަކަށް މީހުން އައްޔަންކޮށްފައި ވެސް ވެ އެވެ. ނަމަވެސް ބެލެވޭ ގޮތުގައި ރައީސް ވިދާޅުވި ގޮތަށް 228 ސިޔާސީ މުވައްޒަފުން ސަރުކާރުން މަދެއް ނުކުރެ އެވެ.
"އަދަދު" ނޫހާ ވާހަކަ ދެއްކި ބައެއް މިނިސްޓްރީތަކުން ބުނެފައި ވަނީ އެއްވެސް މުވައްޒަފަކު ވަކި ކުރަން ސަރުކާރުން އަންގާފައިނުވާ ކަމަށެވެ. އެހެންކަމުން، މުވައްޒަފުން މަދު ކުރަން އެއްވެސް ފިޔަވަޅެއް އަޅާފައިނުވާނެ ކަމަށް އެ މިނިސްޓްރީތަކުން ބުންޏެވެ.
ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ 228 މުވައްޒަފުން ސަރުކާރުން މަދު ކުރުމުން 5.7 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ކޮންމެ މަހަކު ވެސް ސަލާމަތް ކުރެވޭނެ ކަމަށެވެ.
ރާއްޖޭގެ މާލީ ހާލަތު ދަށް ކަމަށް އެއްބަސްވެވަޑައިގެން ސިޔާސީ މުވައްޒަފުން މަދު ކުރަން ނިންމާފައިވާ ކަމަށް ރައީސް މުއިއްޒު އެންމެ ފުރަތަމަ އިއުލާނު ކުރެއްވީ ޖޫން 27، 2024، ގަ އެވެ. އިގްތިސާދީ ގޮތުން ބައެއް ފިޔަވަޅުތައް އަޅުއްވާނެ ކަމަށް ވެސް އެއިރު ވިދާޅުވި އެވެ. ނަމަވެސް މިހާތަނަށް އިސްލާހީ ފިޔަވަޅުތައް ނުފެންނާތީ ވޯލްޑް ބޭންކުން ވެސް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
"ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އެޅުމަށްވަނީ ނިންމާފައި. އެގޮތުން، ސަރުކާރުގެ ރިކަރަންޓް ހަރަދު ކުޑަކުރުމަށް އެކި ފިޔަވަޅުތައް އެޅުން ހިމެނޭ. މީގެ ތެރޭގައި، ސިޔާސީ މަގާމުތަކުގެ އަދަދު މަދުކުރުމާއި، އެކި މުނާސަބަތުތަކުގައި ބާއްވާ ހަފްލާތަކަށް ކުރާ ހަރަދުތައް ކުޑަކުރުން ނުވަތަ ނުބޭއްވުން ހިމެނޭ،" ރައީސް ވިދާޅުވެފައިވެ އެވެ.
Comment