about 16 hours 0
އަހުމަދު އާއިދު
ރޭ ބޭއްވި ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ހަފުލާގައި މީޑިއާ ކައުންސިލްގެ ރައީސް އަހުމަދު މުސްތަފާ --- ފޮޓޯ: މިރާޝް ނާޝިމް / އަދަދު
about 16 hours 0
ނޮވެމްބަރު 13، ގައި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަދި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހާޒިރުކުރަން އެ ކޮމިޓީން ފާސްކޮށްފި އެވެ.
މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި މުގައްރިރު މާފުށީ ދާއިރާގެ މެންބަރު ހުސެއިން ރިޒާ ވިދާޅުވީ، މީޑިއާ ކައުންސިލާއި ބްރޯޑްކޮމްއާ ބައްދަލުކުރަން މީގެ ކުރިން ވެސް އެ ކޮމިޓީން ނިންމާފައިވާ ކަމަށެވެ. އެކަމަކު މިހާތަނަށް ވެސް އެ މަސައްކަތް ކުރެވިފައިނުވާ ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.
މަޖިލީހުގެ ގަވާއިދުގައި ބުނާ ރަސްމީ ފަސް ދުވަސް ދިނުމަށްފަހު އެ ދެ މުއައްސަސާ ހާޒިރުކުރަން ފެންނަ ކަމަށް ވެސް މުގައްރިރު ވިދާޅުވި އެވެ. އެ ހުށަހެޅުމާއެކު ނޮވެމްބަރު 13، ގައި މީޑިއާ ކައުންސިލާއި ބްރޯޑްކޮމް ހާޒިރުކުރަން ހުށަހެޅީ ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފެވެ. މި ހުށަހެޅުން ފާސްވީ މެންބަރުންގެ އަގުލަބިއްޔަތުންނެވެ.
މީޑިއާ ކައުންސިލާއި ބްރޯޑްކޮމް މަޖިލީހަށް ހާޒިކުރަން ނިންމާފައި މިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ "އަގުވައްޓާލަން ދޮގު ހަބަރު ފަތުރާ" ނޫސްތަކާ މެދު މީޑިއާ ކައުންސިލުން ފިޔަވަޅު ނާޅާ ކަމަށް ބުނެ ރައީސް އޮފީހުން ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ފޮނުވާފައި ވަނިކޮށެވެ. އަދި، އެ ކައުންސިލުން ބާއްވާ ނޫސްވެރިކަމުގެ ގައުމީ އިނާމުގެ ހަފުލާ ބޭއްވިތާ 24 ގަޑިއިރު ނުވަނީހެވެ.
އެކި މީޑިއާތަކުން ދޮގު ހަބަރު ފަތުރާ ކަމަށް ބުނެ ރައީސް އޮފީހުން މި އަހަރު ތެރޭ މީޑިއާ ކައުންސިލަށް 75 މައްސަލައެއް ހުށަހެޅި ކަމަށް އޯގަސްޓު 20، ގައި އެ ކައުންސިލުން ބުންޏެވެ.
އެމްއެމްސީއަށް މި އަހަރު އެންމެ ގިނަ މައްސަލަ ހުށަހެޅީ ދައުލަތުގެ އިދާރާތަކުން ކަމަށް އެ ކައުންސިލުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ބުނީ ޖުލައި 31، ގަ އެވެ.
އެއާއެކު ރައީސް އޮފީހުން ހުށަހަޅާފައިވާ މައްސަލަތަކުގެ އަދަދާއި ތަފުސީލު ހޯދުމަށް މި ނޫހުން، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އާރުޓީއައިއެއް ހުށަހެޅީމެވެ. އެ އާރުޓީއައިގެ ޖަވާބުގައި ރައީސް އޮފީހުން ބުނީ ޖުލައި 31، ގެ ނިޔަލަށް އެ އޮފީހުން އެމްއެމްސީއަށް 75 ޝަކުވާ ހުށަހަޅާފައިވާ ކަމަށެވެ.
Comment