about 3 hours 0
އަމަން ހަލީމް
ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގެ އެހެއް ބައްދަލުވުމެއްގެ ތެރެއިން: މި މައްސަލައިގައި ކޮމިޓީއަށް ހާޒިރުކުރި ހޯމް މިނިސްޓްރީ އާއި ކަސްޓަމްސްގެ ވެރިން -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
about 3 hours 0
ފުޅާ ދާއިރާއެއްގައި ތެލުގެ ވިޔަފާރިކުރާ ހޯކްސް ކުންފުނީގެ ތެޔޮ ބޯޓެއްގައި ވަގަށް ސިނގިރޭޓު އެތެރެކުރިކަމަށް ބުނާ މައްސަލައިގައި ހޯމް މިނިސްޓްރީ އާއި ކަސްޓަމްސް ހާޒިރުކޮށްގެން މިއަދު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) ސިއްރުކޮށްފި އެވެ.
މި ކޮމިޓީ ސިއްރުކޮށްދޭން އެދުނީ ހޯމް މިނިސްޓްރީންނެވެ. މިކަން ކޮމިޓީގެ މެންބަރުންނާ ހިއްސާކުރައްވަމުން އެ ކޮމިޓީގެ މުގައްރިރު، އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވީ، ކޮމިޓީ ސިއްރު ކުރީ މި މައްސަލައަކީ ވަރަށް "ވަރުގަދަ ތަހުގީގެއް" ހިންގަމުންދާ މައްސަލައަކަށް ވާތީ މިނިސްޓްރީން އެދިގެން ކަމަށެވެ.
މުގައްރިރުގެ މޭޒުން މިކަން ފާހަގަކުރުމުން ކޮމިޓީ ސިއްރުކޮށްގެން ކުރިއަށް ގެންދަން ހުށަހެޅުއްވީ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްގަފޫރު މޫސާ އެވެ. މި ހުށަހެޅުމަށް ތާއީދުކުރެއްވީ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދެވެ. އެ ހިސާބުން ކޮމިޓީގެ ލައިވް ކަނޑާލާފައިވާތީ މެމްބަރު ވޯޓުލީ ގޮތެއް ނޭނގެ އެވެ. މިހެން ނަމަވެސް މަޖިލީހުގެ އިދާރާއިން ވަނީ ކޮމިޓީ ސިއްރުކުރިކަން ކަށަވަރުކޮށްދީފަ އެވެ.
މި މައްސަލައިގެ ބައެއް ތަފުސީލުތައް ހިއްސާކުރަމުން ކަސްޓަމްސްއިން ބުނީ، މިދިޔަ ހުކުރު ދުވަހު ހިންގި އޮޕަރޭޝަނެގައި ތިލަފުށިން 8475 ސިނގިރޭޓު ކާޓޫން އަތުލައިގެންފައިވާ ކަމަށެވެ.
މި ސިނގިރޭޓުތައް ގެނައީ ހޯކްސް ޕްރައިވެޓް ލިމިޓެޑުގެ އެޖެންޓުކަމުގެ ދަށުން އެ ކުންފުނީގެ ބޯޓެއްގައި ކަމަށާާއި، ސިނގިރޭޓުތައް ތިލަފުއްޓަށް ގެންގޮސް އުފުލީ ހޯކްސްގެ އުޅަނދެއްގައި ކަމަށާއި މުދާ ބޭލީ ވެސް އެ ކުންފުނީގެ ގުދަނަކަށް ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
ވަގަށް ސިނިގިރޭޓު އެތެރެކުރި މައްސަލައިގައި ހޯކްސްއިން ނެރުނު ބަޔާޏެއްގައި ބުނީ އެ ކުންފުންޏަކީ ސިނގިރޭޓު ވިޔަފާރި ކުރާ ކުންފުންޏެއް ނޫން ކަމަށާއި މި މައްސަލައިގެ ތަހުގީގަށް އެއްބާރުލުން ދޭނެ ކަމަށެވެ. އަދި މި މައްސަލައިގައި އެ ކުންފުނީގެ 14 މުވައްޒަފަކު ސަސްޕެންޑުކޮށްފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
Comment