28 އޮކްޓޯބަރު 2024 - 16:02 0
28 އޮކްޓޯބަރު 2024 - 16:02 0
މިލާން (އޮކްޓޫބަރު 28) - އިޓާލިއަން ލީގުގައި ރޭ 4-4 އިން އެންމެ ފަހުގެ ޗެމްޕިއަން، އިންޓަ މިލާނާ އެއްވަރުވި މެޗަކީ ޔުވެންޓަސް އަށް ރަނގަޅު ޓެސްޓެއް ކަމަށް އެ ޓީމުގެ ކޯޗު ތިއާގޯ މޮޓާ ބުނެފި އެވެ.
އިންޓަ އާއި ޔުވެންޓަސް އެއްވަރުވުމުން އެއް ވަނައިގައި އޮތް ނަޕޯލީ އަށް ވަނީ ހަތަރު ޕޮއިންޓުގެ ލީޑެއް ލިބިފަ އެވެ. އެ ގޮތުން، ނަޕޯލީ އަށް ނުވަ މެޗުން 22 ޕޮއިންޓް ލިބިފައިވާއިރު، އިންޓަ ދެ ވަނައިގައި އޮތީ ނުވަ މެޗުން 18 ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި އޮތް ޔުވެންޓަސް އަށް ނުވަ މެޗުން ވަނީ 17 ޕޮއިންޓް ލިބިފަ އެވެ.
އިންޓަ އިން ރޭގެ މެޗުގައި، ޕިއޮޓްރޭ ޒިއެލިންސްކީގެ ޕެނަލްޓީން ލީޑުނެގިއިރު، ޑޫސާން ވްލާހޮވިޗް އާއި ޓިމޮތީ ވެއާ ޖެހި ލަނޑުތަކުން ޔުވެންޓަސް އިން ނަތީޖާ އަނބުރާލި އެވެ. އެކަމަކު، އިންޓަ އިން ތަފާތު ދައްކައި، ފުރަތަަމަ ހާފުގައި އިތުރު ދެ ގޯލު ޖަހައި، އަލުން ލީޑުނެގި އެެވެ. މި ލަނޑުތައް ޖެހީ ހެންރިކް މިކިތާރްޔަން އާއި ޒިއެލިންސްކީ އެވެ. މި ފަހަރު ވެސް ޒިއެލިންސްކީ ކާމިޔާބުކުރީ ޕެނަލްޓީ އެކެވެ. ދެ ވަނަ ހާފުގައި ޑެންޒެލް ޑަމްފްރީސް އިންޓަގެ ލީޑުފުޅާކޮށްދީފައިވަނިކޮށް، ޔުވެންޓަސްގެ ތުރުކީ ފޯވާޑް، ކޭނާން ޔިލްޑީޒް ދެ ގޯލު ޖަހައި އެއްވަރުކުރި އެވެ.
"މިއީ އަހަރެމެންނަށް ރަނގަޅު ޓެސްޓެއް. މި ކަހަލަ ޕްރެޝަރުތަކެއްގައި އުޅެގެން އަހަންނަށް ވެސް މި ޓީމު ދަސްވާނީ. އަހަރެމެން ކޮޅަށް ލީގުގައި މަދުވެގެން މެޗެއްގައި ގޯލެއް ވަދެފައި އޮއްވައި، ހާފެއްގައި ތިން ގޯލު ވަނުމުން ވެސް އަހަރެމެން ގެންގުޅޭ ޕޮޒިޓިވް ވިސްނުން ފެނިއްޖެ، ދެން ރަނގަޅުކުރަން ހުރި ކަންތައްތަކައިގެން ކުރިއަށްދާނީ،" މޮޓާ ބުންްޏެވެ.
ލީގުގައި ރޭ ފިއޮރެންޓީނާ އިން ވަނީ 5-1 އިން ރޯމާ ބަލިކޮށްފަ އެވެ. މި ނަތީޖާއާ އެކު، ފިއޮރެންޓީނާ އޮތީ ނުވަ މެޗުން 16 ޕޮއިންޓާ އެކު ހަތަރު ވަނައިގަ އެވެ. ފަސް ވަނައިގައި އޮތް އެޓަލަންޓާ އަށް ވެސް ނުވަ މެޗުން ވަނީ 16 ޕޮއިންޓް ލިބިފަ އެވެ. އެޓަލަންޓާ އިން މި ހަފްތާފައި ކުޅުނު މެޗުގައި ވަނީ ހެޔަސް ވެރޯނާ އަތުން 6-1 އިން މޮޅުވެފަ އެވެ.
Comment