Advertisement

ހާލަންޑް ގޯލު ޖަހައި ސިޓީ އެއް ވަނަ އަށް ގެންގޮސްދީފި

26 އޮކްޓޯބަރު 2024 - 21:28 0


ހާލަންޑް ގޯލު ޖަހައި ސިޓީ އެއް ވަނަ އަށް ގެންގޮސްދީފި

26 އޮކްޓޯބަރު 2024 - 21:28 0

މެންޗެސްޓާ (އޮކްޓޫބަރު 26) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އާލިން ބްރައުޓް ހާލަންޑް ޖެހި ގޯލުން ސައުތެމްޓަން އަތުން 1-0 އިން މޮޅުވެ، މެންޗެސްޓާ ސިޓީ ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

ލީގުގެ އެއް ވަނައިގައި ކުރިން އޮތް ލިވަޕޫލަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެން ސިޓީ އެއް ވަނަ އަށް އެރީ ދެ ޕޮއިންޠް އިތުރަށް ހޯދައިގެންނެވެ. އެ ގޮތުން، ސިޓީ އަށް ވަނީ ނުވަ މެޗުން 23 ޕޮއިންޓް ލިބިފަ އެވެ. ދެ ވަނައިގައި އޮތް ލިވަޕޫލަށް އަށް މެޗުން 21 ޕޮއިންޓް ލިބިފައިވާއިރު، މާދަމާރޭ އެ ޓީމުން ރަށުންބޭރުގައި ކުޅޭނީ ހަތަރު ވަަނައިގައި އޮތް އާސެނަލާ އެވެ. އާސެނަލަށް ވަނީ އަށް މެޗުން 17 ޕޮއިންޓް ލިބިފަ އެވެ.

އާސެނަލް ފަހަތަށް ޖައްސާލައި ތިން ވަނަ އަށް އެރީ މިރޭ ބޯންމައުތާ 1-1 އިން އެއްވަރުވި އެސްޓަން ވިލާ އެވެ. އެސްޓަން ވިލާ އަށް ވަނީ ނުވަ މެޗުން 18 ޕޮއިންޓް ލިބިފަ އެވެ.

ސައުތެމްޓަން ކޮޅަށް ސިޓީން ޖެހި ހަމައެކަނި ގޯލު މެޗުގެ ފަސް ވަނަ މިނިޓްގަ އެެވެ. މިއީ މަތެއުސް ނޫނޭޒް ދިން ބޯޅައަކުން ހާލަންޑް ޖެހި ގޯލެކެވެ. މި ގޯލާ އެކު ހާލަންޑް މި ވަނީ މި ފަހަރުގެ ސީޒަނުގައި 13 މެޗުން 14 ގޯލު ޖަހައިފަ އެވެ. މިއީ, ޕްރިމިއާ ލީގުގައި ޖެހި 11 ވަނަ ގޯލެވެ.

މި މެޗުން ނަތީޖާ ނެރެ ސިޓީން ވަނީ ލީގުގައި ބަލިނުވެ 32 މެޗު ހަމަކޮށްފަ އެވެ. އަންނަ ޑިސެމްބަރު މަހު ހަ ވަނަ ދުވަހާ ހަމައަށް ލީގުގައި ދެން އޮތް މެޗުތަކުން ސިޓީ ބަލިނުވެ ނިންމައިފިނަމަ، ލީގުގައި މެޗަކުން ބަލިނުވެ އެއް އަހަރު ފުރިހަމަކުރެވޭނެ އެވެ.

ލީގުގައި މިރޭ ކުޅުނު އެެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، ލެސްޓާ ސިޓީ ދަނޑުގައި ނޮޓިންހަމް ފޮރެސްޓް މޮޅުވީ 3-1 އިންނެވެ. ފަހު ވަގުތު ލަނޑު ޖަހައި، ބްރެންޓްފޯޑުން ވަނީ 4-3 އިން އިޕްސްވިޗް ޓައުން ބަލިކޮށްފަ އެވެ. އަދި ބްރައިޓަން އާއި ވުލްވްސް މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.