Advertisement

ހުލާސާކޮށް އިއްޔެ: އާސަންދަ ފޫވެއްޓި އިތުރަށް 565 މިލިއަން ރުފިޔާ ހަރަދުކުރުން

about 4 hours 0


ހުލާސާކޮށް އިއްޔެ: އާސަންދަ ފޫވެއްޓި އިތުރަށް 565 މިލިއަން ރުފިޔާ ހަރަދުކުރުން

about 4 hours 0

ދައުލަތުގެ ހެލްތު އިންޝުއަރެންސް ސްކީމް، އާސަންދައަށް މި އަހަރަށް ބަޖެޓު ކުރި ވަރަށް ވުރެ އިތުރަށް 565 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އާސަންދަ ކުންފުނިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައިފި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

މި އަހަރަށް ފާސްކުރި ބަޖެޓުގައި އާސަންދައަށް ކަނޑައެޅީ ގާތްގަނޑަކަށް ދެ ބިލިއަން ރުފިޔާ އެވެ. މިހެން ނަމަވެސް އަހަރުގެ ފުރަތަމަ ތިން ކުއާޓަރު ނިމުނުއިރު އާސަންދަ ކުންފުނިން 2.5 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އެ ކުންފުނިން އާންމުކޮށްފައިވާ ކުއާޓަލީ ތަފާސްހިސާބުތަކުގައި ހުރި އަދަދުތައް އެއްކޮށްލުމުން ދައްކަ އެވެ.

އާސަންދައިން އެންމެ ފަހުން އާންމުކޮށްފައިވާ މި އަހަރުގެ ތިން ވަނަ ކުއާޓަރު (ޖުލައި-ސެޕްޓެމްބަރު) ގެ ތަފާސްހިސާބުތަކުގައި، އާސަންދަ ސްކީމުގެ ދަށުން 903 މިލިއަން ރުފިޔާ ބްލޮކްކުރެވިފައިވާ ކަމަށް ބަޔާންކޮށްފައިވެ އެވެ. މިއީ ނިމުނު އަހަރުގެ ތިން ވަނަ ކުއާޓަރުގައި ހަރަދުވީ 833 މިލިއަން ރުފިޔާއަށް 8.4 ޕަސެންޓުގެ އިތުރުވުމެކެވެ.

އާސަންދައިގެ މި އަހަރުގެ ތަފާސްހިސާބުތައް

  • ފުރަތަމަ ކުއާޓަރު - 838 މިލިއަން ރުފިޔާ
  • ދެ ވަނަ ކުއާޓަރު - 823 މިލިއަން ރުފިޔާ
  • ތިން ވަނަ ކުއާޓަރު - 903 މިލިއަން ރުފިޔާ

އާސަންދައިގެ ހަރަދުތައް ކުރިއަށް ވުރެ ބޮޑުވެ، މި އަހަރަށް ބަޖެޓު ކުރި ވަރަށް ވުރެ އިތުރަށް ފައިސާ ހަރަދުކުރަން ޖެހުމަކީ މި ފަހުގެ ހުރިހާ ބަޖެޓަކުން ވެސް ފެނުނު މަންޒަރެކެވެ. އަދި މިހެން މިވީ، މި އަހަރުގެ ތެރޭގައި އާސަންދައިގެ ހަރަދުތައް ކުޑަކުރަން ސިޔާސަތުތައް ބަދަލުކޮށް، ބޭނުންޖެހިފައިވާ މީހުންނަށް އެކަނި ލިބޭ އެހީއަކަށް ހަދާނެ ކަމަށް ސަރުކާރުން ބުނުމަށް ފަހު، އެއްވެސް ކަމެއް ނުކޮށް އުޅެނިކޮށް ކަން ފާހަގަކޮށްލެވެ އެވެ.

މިހާރު އޮންނަ ގޮތުން އައިޑީ ކާޑު އޮންނަ ކޮންމެ ދިވެއްސަކަށް އާސަންދަ ހިދުމަތް ލިބެ އެވެ. މިހެން މި ނިޒާމު އޮތުމުން އިސްރާފު ހަރަދުތައް ބޮޑުވާތީ، އެކަން ބަދަލުކުރަން ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ލަފާދޭތާ އެތައް އަހަރެއް ވެއްޖެ އެވެ. އެކަމަކު މި ނިޒާމަކަށް މާނަވީ ބަދަލެއް އެއްވެސް ސަރުކާރަކަށް ނުގެނެވެ އެވެ.

އާސަންދަ ސްކީމުން ކުރެވޭ ހަރަދުތަކުގެ ތެރޭގައި ބޭސް ފަރުވާ އާއި ބޭސް ގަތުމާއި އިމަޖެންސީ ހާލަތްތަކުގައި ބަލި މީހުން އެއް ރަށުން އަނެއް ރަށަށް އުފުލުގެ އިތުރުން ރާއްޖެއިން ބޭރުން ވެސް ބޭސް ފަރުވާ ލިބެ އެވެ. މިގޮތުން މި އަހަރުގެ ތަފާސްހިސާބުތައް އެއްކޮށްލުމުން މި އަހަރުގެ ތެރޭގައި އެކަނި ވެސް 821,989 މީހުންނަށް، އެއީ އެއް ފަހަރަށް ވުރެ ގިނައިން އާސަންދަ ބޭނުންކުރި މީހުން ވެސް ހިމަނައިގެން، އެ ސްކީމުން ހަރަދުކޮށްފައިވެ އެވެ.

މުހިއްމު ބައެއް ހަބަރު