Advertisement

ފަލަސްތީން ޓެލެތޯން ފައިސާ ރައްދުކުރިތޯ ސާފުކުރަން ފޮރިން މިނިސްޓަރު މަޖިލީހަށް ހާޒިރު ކުރަނީ

ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް: ފަލަސްތީން ޓެލެތޯން ފައިސާ ރައްދު ކުރެވުނުކަން ސާފުކުރަން މިނިސްޓަރު ހާޒިރު ކުރަން ވަނީ އެދިފައި -- ފޮޓޯ: މަޖިލިސް


ފަލަސްތީން ޓެލެތޯން ފައިސާ ރައްދުކުރިތޯ ސާފުކުރަން ފޮރިން މިނިސްޓަރު މަޖިލީހަށް ހާޒިރު ކުރަނީ

ފަލަސްތީނުގެ ރައްޔިތުންނަށް އެހީވާން "ފަލަސްތީނާ އެކު ދިވެހިން" ނަމުގައި ކުރިއަށް ގެންދިޔަ ޓެލެތޯނަށް ލިބުނު ފައިސާ ރައްދު ކުރެވުނުކަން ސާފު ކުރަން ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކުރުމަށް އެދިއްޖެ އެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ހުށަހެޅުއްވި ނޯޓިސްގައި ސުވާލު ކުރައްވާފައި ވަނީ ޖޫން 13، ގައި ހިންގި ޓެލެތޯންގައި ލިބުނު 19.1 މިލިއަން ރުފިޔާ ފަލަސްތީން ރައްޔިތުންނަށް އެހީވާ ފަންޑާ ހަވާލު ކުރެވުނުކަން ކަށަވަރު ކޮށްދިނުމަށެވެ.

އޭގެއިތުރުން އެ ފައިސާ ހަވާލު ނުކުރެވޭނަމަ، އެކަމަށް ހަތަރު މަސް ދުވަހަށްވުރެ ދިގު މުއްދަތެއް ފާއިތުވެދިޔަ ސަބަބު ސާފު ކޮށްދިނުމަށާއި އެ ފައިސާ ފަލަސްތީން ރައްޔިތުންނަށް ރައްދު ކުރެވޭނެ ސީދާ ތާރީހެއް ސާފުކޮށްދިނުމަށް ވެސް މީކާއިލްގެ ސުވާލުގައި ވަނީ އެދިފަ އެވެ.

މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން މެންބަރަކަށް ވަޒީރަކާ ސުވާލު ކުރެވޭނީ، އެ ވަޒީރަކާ ކުރަން ބޭނުންވާ ސުވާލުގެ ނޯޓިސް މަޖިލީހުގެ ރައީސް މެދުވެރިކޮށް، އެ ވަޒީރަކަށް ލިޔުން ފޮނުވައި، ރަސްމީ ބަންދު ދުވަސް ހިމަނައިގެން 14 ދުވަހުގެ މުއްދަތު ދިނުނުމަށްފަހު، މަޖިލީހުގެ ޖަލްސާއެއްގަ އެވެ.

މިގޮތުން، ނޯޓިސް މުއްދަތަށް ފަހު ފޮރިން މިނިސްޓަރު ޑރ. ހަލީލް މަޖިލީހަށް ހާޒިރު ކުރެވޭނެ އެވެ. މިއީ ފޮރިން މިނިސްޓަރުކަމާ އޭނާ ހަވާލުވި ފަހުން މަޖިލީހަށް ހާޒިރު ކުރެވޭ ފުރަތަމަ ފަހަރެވެ.

އެ ފައިސާ ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ޕަލަސްޓައިން ރެފިއުޖީސް (އަންރުއާ) އާ ހަވާލުކުރި ކަމުގެ ލިޔުން ހޯދުމަށް އެދި "އަދަދު" އިން ފޮރިން މިނިސްޓްރީއަށް ހުށަހެޅި އާރްޓީއައިއަށް މިހާތަނަށް ވެސް އެއްވެސް ކުރިއެރުމެއް ލިބިފައެއް ނުވެ އެވެ.