20 އޮކްޓޯބަރު 2024 - 12:32 1
އަހުމަދު އާއިދު
އާޓް ވޯކް: އިސްމާއިލް އިމްދާދު / އަދަދު
20 އޮކްޓޯބަރު 2024 - 12:32 1
ރައްޔިތުން މަޖިލީހުގެ ރައީސްގެ ރަސްމީ ގެކޮޅު، މ. މުރައިދޫ މަރާމާތު ކުރަން ހިންގި މަޝްރޫއުގެ ރަސީދުތައް ހާމަކުރަން، އެ މަސައްކަތްކުރި ސަރުކާރުގެ ކުންފުނި، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ދެކޮޅު ހަދައިފި އެވެ.
މުރައިދޫ މަރާމާތުކުރީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެ ގެއަށް ބަދަލުވެވަޑައިގަތުމުގެ ތައްޔާރީތަކުގެ ތެރެއިންނެވެ. އެކަމަށް ދައުލަތުން ކުރި ހަރަދު ހޯދުމަށް މަޖިލީހުގެ އިދާރާއަށާއި ފިނޭންސް މިނިސްޓްރީ އަދި ވެމްކޯއަށް މި ނޫހުން ވާނީ ހުށަހަޅާފަ އެވެ.
މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހުށަހެޅި އާރުޓީއައި ތަކަށް ދިން ޖަވާބުގައި ފިނޭންސް އަދި މަޖިލިސް އިދާރާއިން މުރައިދޫ މަރާމާތަށް ހަރަދެއް ނުކުރާ ކަމަށް ބުންޏެވެ. ނަމަވެސް ވެމްކޯއިން ވަނީ މި މަސައްކަތަށް 3.5 މިލިއަން ބިލުކޮށްފައިވާނެ ކަމަށާއި އެ ފައިސާ ކެޕިޓަލް އެކްސްޕެންޑިޗާގެ ތެރޭގައި ހިމަނަން ފިނޭންސުގައި އެދިފައިވާނެ ކަމަށެވެ.
ނަމަވެސް މި 3.5 މިލިއަން ހަރަދުވީ ކޮން ކަންކަމަކަށް ކަމެއް ވެމްކޯއިން ނުބުނެ އެވެ. މަޝްރޫއުގެ ރަސީދުތަކަށް އެދުނު ނަމަވެސް އިތުރު ތަފުސީލު ދެވެން ނެތް ކަމަށް ލިޔުމުން ދިން ޖަވާބުގައި ބުނެފައިވެ އެވެ.
"މި މަސައްކަތަތަކީ ޕްރޮޖެކްޓު އުސޫލުން މި ކޯޕަރޭޝަނުން ނަގާފައިވާ މަސައްކަތަކަށް ވާތީ، މި މަސައްކަތްތަކާއި، ހަރަދުތަކުގެ ތަފުސީލު އަދި ރަސީދުތައް ކޯޕަރޭޝަންގެ ކަމާބެހޭ ޑިޕާޓްމަންޓުތަކުން ބޭރަށް ފޯރުކުރުމަކީ މި ކޯޕަރޭޝަނުގައި ގާއިމުކޮށްފައިވާ ޕޮލިސީ ހުއްދަ ކުރާ ކަމަކަށް ނުވާތީ، ހަރަދުތަކުގެ ތަފުސީލު ހިމެނޭ އެއްވެސް ލިޔެކިޔުމެއް ނުވަތަ ފައިސާގެ ރަސީތެއް ތިޔަފަރާތާ ހިއްސާކުރެވެން ނެތް،" ލިޔުމުން ދިން ޖަވާބުގައި ބުނެފައިވެ އެވެ.
މުރައިދޫގެ މަރާމަތައް ދިޔަ ހަރަދުތަކުގެ ރަސީދުތައް ސިއްރުކުރަން ވެމްކޯއިން ނިންމާފާވާއިރު، އެ ގޭގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތަފުސީލުތައް ހާމަނުކުރަން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) މިދިޔަ ހަފުތާ ވަނީ މަސައްކަތް ކޮށްފަ އެވެ.
ނަމަވެސް، އެގޮތަށް ނިންމި ނިންމުން ބަދަލުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިގެން ހަމަ އެ ދުވަހު ކޮމިޓީގެ ބައްދަލުވުމެއް ބާއްވާ، މުރައިދޫ ގައި މަސައްކަތްކުރާ މުވައްޒަފުންގެ ތަފުސީލު ހާމަކުރަން މަޖިލީހުގެ 241 ކޮމިޓީން ވަނީ ނިންމައިފަ އެވެ.
Comment