Advertisement

ޗެލްސީ އަކީ ލިވަޕޫލަށް ޗެލެންޖެއް: ސްލޮޓް

20 އޮކްޓޯބަރު 2024 - 10:21 0


ޗެލްސީ އަކީ ލިވަޕޫލަށް ޗެލެންޖެއް: ސްލޮޓް

20 އޮކްޓޯބަރު 2024 - 10:21 0

ލަންޑަން (އޮކްޓޫބަރު 20) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅެން ޖެހޭ މެޗުގައި ޗެލްސީއާ ބައްދަލުކުރުމަކީ ޗެލެންޖެއް ކަމަށް ލިވަޕޫލްގެ ކޯޗު އާނާ ސްލޮޓް ބުނެފި އެވެ.

ނުވަ އަހަރަށް ފަހު ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕަށް ފަހު، އެ ޓީމާ ހަވާލުވެ، މިހާތަނަށް ސްލޮޓް ކުރަމުން އަންނަނީ ރަނގަޅު މަަސައްކަތެކެެވެ. އެ ޓީމު މި ވަގުތު ލީގުގެ އެއް ވަނައިގައި އޮތްއިރު، އޭނާގެ ކޯޗުަކަމުގައި މި ސީޒަނުގައި ބަލިވީ އެންމެ މެޗަކުންނެވެ. އެއީ، ލީގުގައި ނޮޓިންހަމް ފޮރެސްޓް އަތުންނެވެ. އެ މެޗަކީ ވެސް އިންޓަނޭޝަނަލް ބްރޭކަކަށް ފަހު ކުޅުނު މެޗަކަށްވާއިރު، މިރޭ ލީގުގައި ޗެލްސީއާ ކުޅޭ މެޗަކީ ވެސް އިންޓަނޭޝަނަލް ބްރޭކެއް ނިމުމަށް ފަހު ކުޅެން ޖެހޭ ފުރަތަމަ މެޗެވެ.

ސްލޮޓް ބުނީ، ޗެލްސީއާ ދެކޮޅަށް ކުޅެން ޖެހޭ މެޗު ޗެލެންޖަކަށް ވާ އެކި ސަބަބުތަަކެއް އެބަހުރި ކަމަށެވެ.

"މެންޗެސްޓާ ޔުނައިޓެޑަކީ ވެސް ވަރަށް ރަނގަޅު ޓީމެއް. އިންގްލެންޑްގެ އެންމެ މޮޅު އެއް ޓީމު، ސްކޮޑު ރަނގަޅު ކުރަން ވަރަށް ބައިވަރު ފައިސާ ވެސް ހަރަދުުކުރި ޓީމެއް. ހަަމަ އެ ގޮތަށް ޗެލްސީ ވެސް. މި ސީޒަނުގައި ވަރަށް ހަރަދުކޮށްފި އަނެއްކާ ވެސް، އޭގެ ނަތީޖާ ވެސް ފެންނަމުން އެ ދަނީ،" ސްލޮޓް ބުންޏެވެ.

"ލީގު ތާވަލަށް ބަލާނަމަ ޗެލްސީ ވެދާނެ އަހަރެމެންނަށް މިއީ އެންމެ ބޮޑު ޗެލެންޖަށް މިހާ ހިސާބަށް ބަލާނަމަ. އެކަމަކު، އަބަދު ކަންކަން މި ހިނގަނީ ލީގު ތާވަލުގައި އޮތް ގޮތަކަށް ނޫން. އެ މެޗު ކުޅޭ ދުވަހެއްގައި އެ ޓީމެއްގެ ފޯމު އޮންނަ ގޮތް. އަހަރެމެންނަށް އުނދަގޫވި، ވުލްވްސް މެޗު، އެއީ ލީގުގެ އެންމެ ފުލުގައި އޮތް ޓީމެއް އޭރު،"

ސްލޮޓް ބުނީ، ލީގުގައި އެންމެ ރަނގަޅަށް ކުޅެމުން ޗެމްޕިއަންސް ލީގުގައި ވެސް އެ ފޯމު ދެމެހެއްޓުމަކީ އުނދަގޫ ކަމެއް ކަމަށާއި އެކަމަކު، މިދިޔަ ދެ އަހަރަށް ބަލާނަމަ، އެ ކަން މެންޗެސްޓާ ސިޓީ އާއި އާސެނަލުން ކޮށްފައިވާ ކަމަށެވެ.

ކުރިއަށް އޮތް ހަތަރު ހަފްތާގައި ލިވަޕޫލުން ގިނަ މެޗުތަކެއް ކުޅެންޖެހޭއިރު، އޭގެ ތެރޭގައި، ވަރުގަދަ ޓީމުތަކާ ކުޅޭ މެޗުތައް ގިނަ އެވެ. ސްލޮޓް ބުނީ، މިއީ ލިވަޕޫލްގެ ސީޒަން ބައްޓަން ކުރަން ބަލާއިރު މުހިންމު ދުވަސްތަކެއް ކަމަށެވެ.

ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ ބުނީ، ލިވަޕޫލްގައި މިހާރު އާ ކޯޗެއް ހުރި ކަމުގައި ވިޔަސް އެ ޓީމަކީ އަހަރުތަކެއް ވަންދެން އެކުގައި ކުޅެފައި އޮތް ރަނގަޅު ޓީމެއް ކަމަށެވެ. އެހެންކަމުން، މި ވަގުތު ޗެލްސީ އާއި ލިވަޕޫލްގެ އަޅާކިޔުންތަކަށް އޭނާ އަށް ދެވޭނެ މާގިނަ ޖަވާބުތަކެއް ނުހުންނާނެ ކަމަށެެވެ.

"މި ވަގުތު ޗެލްސީ މި އޮތީ މި ކަަހަލަ ކްލަބްތަކާ އެއް ހަމައެއްގައޭ ބުނަން އުނދަގޫ. އެއީ ބައިވަރު ސަބަބުތަކެއް ހުރީމަ. އެކަމަކު، ޔަގީންކަމެއް އަހަރެމެން ކޮންމެ ދުވަހަކު ވެސް މަސައްކަތް މި ކުރަނީ އެ ހިސާބަށް ދާން، އެކަން ކުރެވޭނީ މެޗުތަކުން މޮޅުވެގެން، ކަންތައްތަކެއް ހާސިލްކޮށްގެން،" މަރެސްކާ ބުންޏެވެ.

ޗެލްސީން އެންމެ ފަހުން ލިވަޕޫލް ދަނޑުގައި މޮޅުވީ 2021 ވަނަ އަހަރު އެވެ. މިރޭ، ޗެލްސީ މޮޅުވެއްޖެނަމަ، ލީގުގެ އެއް ވަނައިގައި އޮތް ލިވަޕޫލާ ޕޮއިންޓަކަށް ގާތަށް ޖެހިލެވޭނެ އެވެ. މިރޭގެ މެޗު ފަށާނީ، 20:30 ގަ އެވެ.