Advertisement

ޕޮގްބާ ބޭނުންވަނީ ޔުވެންޓަސްގައި މަޑުކުރަން

about 24 hours 0


ޕޮގްބާ ބޭނުންވަނީ ޔުވެންޓަސްގައި މަޑުކުރަން

about 24 hours 0

ޓިއުރިން (އޮކްޓޫބަރު 17) - މަނާ ބޭސް ބޭނުންކުރި މައްސަލައިގައި ސަސްޕެންޝަނުގައި ހުރި ފްރާންސްގެ ތަރި، ޕައުލް ޕޮގްބާ ޔުވެންޓަސްގައި މަޑުކުރަން ބޭނުންވާ ކަމަށް ބުނެފި އެވެ.

މަނާބޭހަށް ޕޮޒިޓިވްވުމުގެ މައްސަލައެއްގައި ޕޮގްބާ، 31، އެންމެ ފުރަތަމަ، ހަތަރު އަހަރަށް ސަސްޕެންޑްކުރި އެވެ. އެހެން ނަމަވެސް ދާދި ފަހުން، އިންޓަނޭޝަނަލް ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް) އިން ވަނީ ޕޮގްބާގެ ސަސްޕެންޝަން 18 މަހަށް ކުޑަކޮށްފަ އެވެ. އެހެންވެ، ޕޮގްބާ އަށް އެނބުރި ކުޅުމުގެ ތެރެއަށް އަންނަ އަހަރުގެ މާޗް މަހު އާދެވޭނެ އެވެ.

މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ޕޮގްބާ ބުނީ، ޔުވެންޓަސްގައި މަޑުކުރަން ބޭނުންވާ ކަމަށެވެ. އެކަމަކު، މި ވަގުތު ފޯކަސް ހުރީ ޓީމާއެކު, ޕްރެކްޓިސްތަކަށް ނުކުމެ ތަފާތު ދެއްކުމަށް ކަމަށް ޕޮގްބާ ވަނީ ބުނެފަ އެވެ.

ޕޮގްބާ ބުނީ އޭނާ ޔުވެންޓަސްގައި މަޑުކުރާނެތޯ ނުވަތަ ނޫންތޯ ނިންމާނީ އެ ކުލަބުން ކަމަށެވެ. އެކަމަކު، ޔުވެންޓަސްގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުން އެއީ އަދިވެސް އޭނާ އެންމެ ބޭނުންވާ ގޮތް ކަމަށް ބުންޏެވެ.

"އެކަނި ފާރަށް ޕާސްކޮށްގެން ޕްރެކްޓިސް ކުރާކަށް ބޭނުމެއް ނޫން. އެއީ ވަރަށް ފޫހި ކަމެއް. ބޭނުންވަނީ ޔުވެންޓަސްގެ ޕްރެކްޓިހަށް ނުކުންނަން. އަދިވެސް ޔުވެންޓަސް އަށް ކުޅެން ބޭނުން. އެކަމަކު ގޮތް ނިންމާނީ އެ ކްލަބުން" ޕޮގްބާ ބުންޏެވެ.

ޕޮގްބާ ބުނީ, ޔުވެންޓަސް އަށް ކުޅެން މުސާރައިން ބައެއް އުނިކޮށްގެން ވިޔަސް އެކަމާ ޝަކުވާ އެއް ނެތް ކަމަށެވެ.

ޔުވެންޓަސްގައި މަޑުކުރަން ބޭނުންވާކަން ހާމަކުރިއިރު, ފްރާންސްގެ މާސޭ އިން އަންނަނީ ޕޮގްބާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން، ސައުދީގެ ބައެއް ކްލަބްތަކުންނާއި އެމެރިކާގެ ލޮސް އެންޖެލްސް އެފްސީން ވެސް އަންނަނީ ޕޮގްބާ އަށް ފާރަލަމުން ކަމަށް ރިޕޯޓްތައް ބުނެ އެވެ.