Advertisement

ސްޓެލްކޯގެ އެންމެ ބޮޑު ހަކަތައިގެ މަޝްރޫއު ހިންގަން ޗައިނާ ކުންފުންޏަކާއެކީ އެމްއޯޔޫއެއްގައި ސޮއިކޮށްފި

ސްޓެލްކޯއިން ކަރަންޓު އުފެއްދުން އިތުރު ކުރަން ޗައިނާ ކުންފުންޏަކާއެކު އެމްއޯޔޫއެއްގައި ސޮއިކުރުން -- ފޮޓޯ: ސްޓެލްކޯ


ސްޓެލްކޯގެ އެންމެ ބޮޑު ހަކަތައިގެ މަޝްރޫއު ހިންގަން ޗައިނާ ކުންފުންޏަކާއެކީ އެމްއޯޔޫއެއްގައި ސޮއިކޮށްފި

މާލެ އިން ފެށިގެން ތިލަފުއްޓާ ހަމައަށް އެއް ގްރިޑަކުން ގުޅާލަން ސްޓެލްކޯއިން ހިންގާ ބިޔަ ހަކަތައިގެ މަޝްރޫއު ހިންގަން ޗައިނާގެ ޓީބީއީއޭ ގްރޫޕު ކޯ ލިމިޓެޑާ އެކީ އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފި އެވެ.

ސްޓެލްކޯއިން ބުނި ގޮތުގައި މިއީ އެ ކުންފުނީގެ ތާރީހުގައި ވެސް ހިންގޭ އެންމެ ބޮޑު މަޝްރޫއު އެވެ. މި އެމްއޯޔޫގެ ދަށުން އެ ކުންފުނިން ކަރަންޓް އުފައްދާ މިންވަރު އިތުރު ކުރުމަށް 150 މެގަވޮޓްގެ، ތެލާއި ނެޗުރަލް ގޭހުން ކަރަންޓު އުފައްދާ، ޑުއަލް-ފިއުލް ޕަވާ ޕްލާންޓެއް ގާއިމު ކުރުމަށް ހަމަޖެހިފައިވާ ކަމަށް ސްޓެލްކޯއިން ބުންޏެވެ.

މި ހަކަތަ އުފައްދާ ޕްލާންޓު ގާއިމުކުރެވުމުން ސްޓެލްކޯގެ ގާބިލުކަން އިތުރުވެ، ގްރޭޓާ މާލޭ ސަރަހައްދުގައި ކަރަންޓު ފޯރުކޮށްދިނުމަށް ފަސޭހަތައް ވެގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. މި އެމްއޯޔޫގެ ދަށުން މާލެ، ވިލިނގިލި، ގުޅީފަޅު އަދި ތިލަފުށި ގުޅުވާލުމަށް ހައި ކެޕޭސިޓީ ޓްރާންސްމިޝަން ލައިނެއް އަޅައި، ހަރުދަނާ ނެޓްވޯކެއް ގާއިމު ކުރެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މަގާމު ހަވާލުވިތާ ކައިރީގައި "އަދަދު" އަށް ދެއްވި އިންޓަވިއުއެއްގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވީ މިހާރު ހުރި ޕަވާ ޕްލާންޓުތަކުން މާލެ ސަރަހައްދުގެ ކަރަންޓު ޑިމާންޑާ އެއްވަރަށް ފޯރުކޮށްދެވެނީ ކިރިޔާ ކަމަށެވެ. ސްޓެލްކޯގެ މިހާރުގެ ކެޕޭސިޓީ ހުރީ 122 މެގަވޮޓުގަ އެވެ. އާ ޕަވާޕްލާންޓާ އެކީ އެ ކެޕޭސިޓީ ދެ ގުނައަށް ވުރެ އިތުރުވެގެން ދާނެ އެވެ.