Advertisement

ފަތުރުވެރިކަމަށް ދޫކުރާ ރަށްތަކުގެ ލިސްޓު ކަނޑައަޅާއިރު ސީދާ ރައީސްގެ މަޝްވަރާ އާއި ހުއްދަ ހޯދަންޖެހޭ ގޮތަށް ހަދަނީ

14 އޮކްޓޯބަރު 2024 - 00:09 0

ހަސަން މުހައްމަދު

ހަސަން މުހައްމަދު

ރައީސް ޑރ. މުހައްމަދު މުއިއްޒު: ލިސްޓު އެކުލަވާލާއިރު ކުރިން ހުއްދަ ހޯދަންޖެހެނީ ރައީސް އޮފީހުގެ -- ފޮޓޯ: ރައީސް އޮފީސް


ފަތުރުވެރިކަމަށް ދޫކުރާ ރަށްތަކުގެ ލިސްޓު ކަނޑައަޅާއިރު ސީދާ ރައީސްގެ މަޝްވަރާ އާއި ހުއްދަ ހޯދަންޖެހޭ ގޮތަށް ހަދަނީ

14 އޮކްޓޯބަރު 2024 - 00:09 0

ފަތުރުވެރިކަމަށް ރަށެއް ކުއްޔަށް ދޫކުރާއިރު ރައީސް އޮފީހުން ހުއްދަ ނަގަންޖެހޭ ގޮތަށް އޮންނަ އުސޫލު ބަދަލުކޮށް، ފަތުރުވެރިކަމަށް ދޫކުރާ ރަށްތަކާއި ފަޅުތަކުގެ ލިސްޓު ކަނޑައަޅާއިރު ސީދާ ރައީސުލްޖުމްހޫރިއްޔާގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ގާނޫނު ބަދަލު ކުރަން ސަރުކާރުން ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ތިން ވަނަ ދައުރުގެ ފުރަތަމަ ޖަލްސާ މާދަމާ ފަށާއިރު ޓުއަރިޒަމް ގާނޫނަށް ގެންނަ އެ އިސްލާހުތަކުގެ ފުރަތަމަ ކިޔުން އިއްވުން ވެސް އޮންނާނެ އެވެ. ސަރުކާރުގެ ފަރާތުން އެ ބިލު މަޖިލީހަށް ހުށަހަޅާނީ މައްޗަންގޮޅީ ދެކުނު ދާއިރާގެ މެންބަރު މުސްތަފާ ހުސެއިން އެވެ.

ޓުއަރިޒަމް ގާނޫނުގައި މިހާރު އޮންނަ ގޮތުން ފަތުރުވެރިކަމުގެ ބޭނުމަށް ރަށެއް، ފަޅެއް، ބިމެއް ކުއްޔަށް ދޫކުރުމުގެ ކުރިން ރައީސް އޮފީހުގެ ހުއްދަ ހޯދަންޖެހެ އެވެ. ނަމަވެސް ސަރުކާރުން މިހާރު ބޭނުން ވަނީ އެ މާއްދާ ބާތިލު ކުރާށެވެ.

ގާނޫނުގައި މިހާރު އޮންނަ ގޮތުން ކޮންމެ މާލީ އަހަރެއްގައި ވެސް ކުއްޔަށް ދިނުމަށް ކަނޑައަޅާ ރަށްތަކާއި ފަޅުތަކާއި ބިންތަކުގެ ލިސްޓެއް އެތަންތަނުގެ މައުލޫމާތާއެކު އާންމުން ކުރަންވާނެ އެވެ. އެ ލިސްޓު އާންމު ކުރަންޖެހެނީ ރައީސް އޮފީހުގެ މަޝްވަރާއާއެކު ޓުއަރިޒަމް މިނިސްޓްރީންނެވެ. އެ ލިސްޓަށް އުނިއިތުރު ގެނެވެނީ ވެސް ރައީސް އޮފީހުގެ ހުއްދައާއެކު އެވެ.

ސަރުކާރުން ބޭނުން ވަނީ އެ މާއްދާ ބަދަލުކޮށް، ފަތުރުވެރިކަމަށް ދޫކުރާ ތަންތަނުގެ ލިސްޓު އެކުލަވާލާއިރު ސީދާ ރައީސުލްޖުމްހޫރިއްޔާގެ ލަފާ ހޯދަންޖެހޭ ގޮތަށް ހެދުމަށެވެ. އަދި އެ ލިސްޓަށް އުނިއިތުރެއް ގެނެވޭނީ ރައީސުލްޖުމްހޫރިއްޔާގެ ސީދާ ހުއްދައެއް ލިބިގެން ކަމަށް ކަނޑައަޅަން ވެސް ސަރުކާރުން ބޭނުންވެ އެވެ.

އޭގެ އިތުރުން ވެސް ބައެއް އިސްލާހު އެ ގާނޫނަށް ގެންނަން ސަރުކާރުން ބޭނުންވެ އެވެ. އޭގެ ތެރޭގައި އަންނަ އަހަރުގެ ޖޫން މަހުން ފެށިގެން ޓީޖީއެސްޓީ 17 ޕަސެންޓަށް އުފުލުން ހިމެނެ އެވެ. މިހާރު ޓީޖީއެސްޓީގެ ގޮތުގައި ނަގަނީ 16 ޕަސެންޓެވެ. އޭގެ އިތުރުން ގްރީން ޓެކްސް ވެސް ބޮޑު ކުރަން ސަރުކާރުން ވަނީ އެ ގާނޫނު އިސްލާހު ކުރަން ނިންމައިފަ އެވެ.