13 އޮކްޓޯބަރު 2024 - 17:39 0
އަހުމަދު އާއިދު
13 އޮކްޓޯބަރު 2024 - 17:39 0
މިދިޔަ ސެޕްޓެމްބަރު 14، ގައި ހަސޯވާ ބިލްޑިންގުން ވެއްޓި މަރުވި ގއ. މާމެންދޫ، ބީޗްވިލާ، ވިފާގް އިބްރާހިމް އަދުނާނު ދިޔައީ ނަފުސާނީ ބައްޔަށް ބޭސް ކުރަމުން ކަމަށާއި އޭނާގެ މަރުގައި ޖިނާއީ ކުށަކަށް ޝައްކު ކުރެވޭ ފަދަ ކަމެއް ނެތް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ވިފާގުގެ މަރުގެ ހާދިސާއަށް ދާދި ފަހުން ބަޔަކު ޑޮކިއުމެންޓަރީއެއް ހަދާފައިވާއިރު އޭގައި އާއިލާގެ ބައެއް މެންބަރުންނަށް ތުހުމަތުތަކެއް ކޮށްފައިވެ އެވެ. ވިފާގުގެ ދޮން ބައްޕައަކީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމެވެ. ނާޒިމަށް ވެސް އެ ޑޮކިއުމެންޓަރީގައި ތުހުމަތުތަކެއް ކުރި އެވެ.
ނަމަވެސް ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ، ވިފާގަކީ 2016 ވަނަ އަހަރުން ފެށިގެން ނަފުސާނީ ބައްޔަށް ފަރުވާ ކުރަމުން އައި މީހެއް ކަމަށެވެ. އަދި ޕާސަނާލިޓީ ޑިސްއޯޑާގެ ބޯޑާލައިން ޓައިޕަށް އޭނާ ޑަޔަގްނޯސްކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ވިފާގު ނިޔާވި ފަހުން އޭނާގެ ހަށިގަނޑު ޗެކްކުރިއިރު، އޭނާއަކީ އެއްވެސް އިރެއްގައި ޖިންސީ ގުޅުމެއް ހިންގާފައިނުވާ މީހެއްކަން އެނގިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އެހެންކަމުން އޭނާއަކީ ޖިންސީ ގޯނާގެ ޝިކާރައަކަށްވެފައިވާ މީހެއް ނޫން ކަން ފުލުހުން ކަށަވަރުކޮށްފައިވާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.
"ވިފާގް ނިޔާވިއިރު އޭނާ ވަނީ ބިކުރުވެރި ހާލަތެއްގައިކަން ވިފާގްގެ މެޑިކަލް ރެކޯޑުތަކުން އެނގެން އޮތުމުން އޭނާއަކީ އެއްވެސް އިރެއްގައި ޖިންސީ ގޯނާގެ ޝިކާރައަކަށްވެފައިވާ މީހެއް ނޫންކަން ވަނީ ކަށަވަރުކުރެވިފަ،" ޝިފާއު ވިދާޅުވި އެވެ.
އެ މައްސަލައިގެ ތަހުގީގުގައި ވިފާގުގެ މެޑިކަލް ލިޔުންތަކާއި ނަފްސާނީ ބައްޔަށް ބޭސްކުރިއިރުގެ ލިޔުންތައް ހޯދިފައިވާ ކަމަށާއި އެއިން އެއްވެސް ލިޔުމެއްގައިވެސް ޖިންސީ ގޯނާއެއް ލިބުނު ކަމުގެ ވާހަކައެއް ނެތް ކަމަށް ފުލުހުން ބުންޏެވެ.
"އޭގެ ހިސްޓްރީއާއި މިކަންތައްތަކުގަ ވެސް. އެންމެ ރިޕޯޓަކުން ވެސް އަޅުގަނޑުމެންނަށް ފާހަގައެއް ނުވޭ ޖިންސީ ގޯނާގެ ނުވަތަ ޖިންސީ އަމަލެއް ހިންގައިގެން އެކަހަލަ އެއްވެސް ހިސްޓްރީއެއް ނުވަތަ އެކަހަލަ ކަމެއް ކުއްޖާގެ ފަރާތުން އެއްވެސް ގޮތަަކަށް ފާހަގަވެފައެއް ނުވޭ،" ޝިފާއު ވިދާޅުވި އެވެ.
އަދި، ވިފާގް އަކީ ނަފްސާނީ ބަލިތަކަކަށް ފަރުވާ ހޯދަމުންދިޔަ މީހެއްކަމާއި މި މައްސަލާގެ ތަހުގީގަށް އެއްވެސް ނުފޫޒެއް ފޯރާފައިނުވާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.
Comment