Advertisement

ޝާދިޔާގެ ބަންދުގެ މުއްދަތު އިތުރުކުރީ ގޯސްކޮށް ކަމަށް ވެސް ހައި ކޯޓުން ކަނޑައަޅައިފި

13 އޮކްޓޯބަރު 2024 - 13:16 0

މޫސާ ނާޝިއު

މޫސާ ނާޝިއު

ޝާދިޔާ އަދި އޭނާގެ ވަކީލު ޝަރީއަތުގެ މަޖިލީހުގައި---


ޝާދިޔާގެ ބަންދުގެ މުއްދަތު އިތުރުކުރީ ގޯސްކޮށް ކަމަށް ވެސް ހައި ކޯޓުން ކަނޑައަޅައިފި

13 އޮކްޓޯބަރު 2024 - 13:16 0

އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ނަސްލުހޭދުކުރުން ހުއްޓުވަން ގޮވާލައި ރާއްޖޭގައި ހުންނަ ބޭރުގެ އެމްބަސީތައް ކައިރީގައި އަޑުއުފުލަމުން ދަނިކޮށް ހައްޔަރުކޮށް ޖަލުގައި ބަންދުކުރި އައިޝަތު ޝާދިޔާގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިތުރުކުރި އަމުރަކީ ބާތިލު އަމުރެއް ކަމަށް ހައި ކޯޓުން މިއަދު ކަނޑައަޅައިފި އެވެ.

ޝާދިޔާގެ އިތުރުން ޑރ. ޝަޒްރާ އިބްރާހިމް ވެސް އެ މައްސަލާގައި ހައްޔަރުކުރި އެވެ. އެ ދެ މީހުން ހައްޔަރުކުރީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފަށް ޑިޕްލޮމެޓިކް މިޝަންތަކުގެ ކައިރިއަށް ތަކުރާރުކޮށް އެއްވެ، ވަކި ސަފީރަކަށް އުނދަގޫވާ ގޮތަށް އަމަލުކޮށް، ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމުން ކަމަށް ބުނެ އެވެ.

އެ މީހުން ހައްޔަރުކުރީ އޮގަސްޓު 28، ގަ އެވެ. ދެ ފަހަރެއްގެ މަތިން އެ މީހުންގެ ބަންދުގެ މުއްދަތު އިތުރުކުރި އެވެ. އެ ދެ އަމުރު ވެސް ޝާދިޔާގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފުކުރި އެވެ.

ފުރަތަމަ ބަންދުކުރަން ކްރިމިނަލް ކޯޓުން ނިންމީ ގޯސްކޮށް ކަމަށް ހައި ކޯޓުން ކަނޑައެޅީ އޮކްޓޯބަރު 8, ގަ އެވެ. އަދި ބަންދުގެ މުއްދަތު އިތުރުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރަކީ ވެސް ގޯސް އަމުރެއް ކަމަށް ކްރިމިނަލް ކޯޓުން މިއަދު ކަނޑައެޅި އެވެ.

މި މައްސަލަ ހައި ކޯޓުގައި ބެއްލެވީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެއީ ބެންޗުގެ އިސް ފަނޑިޔާރު ހުޒައިފާ މުހައްމަދު, ފަނޑިޔާރު ހަސަން ޝަފީއު އަދި ފަނޑިޔާރު އަބްދުލްމާނިއު ހުސައިން އެވެ. މި އަމުރު ނެރުނީ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

ޝާދިޔާ އާއެކު ޑރ. ޝަޒްރާ އިބްރާހިމް ވެސް ބަންދުކުރި އެވެ. އޯގަސްޓު 28، ގައި ހައްޔަރުކުރި އެ ދެ މީހުން މިއަދު ދޫކޮށްލީ ބަންދުކުރިތާ ނުވަ ދުވަސް ފަހުންނެވެ.