13 އޮކްޓޯބަރު 2024 - 09:42 0
ލަންކާގައި ކުރިއަށްދިޔަ ކާވާ 20 އަހަރުން ދަށުގެ މުބާރާތުގައި ރާއްޖޭން ކުޅުނު މެެޗެއްގެ ތެރެއިން.--- ފޮޓޯ: ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ)
13 އޮކްޓޯބަރު 2024 - 09:42 0
ސެންޓްރަލް އޭޝިއާ ވޮލީބޯލް އެސޯސިއޭޝަން (ކާވާ) އިން ސްރީ ލަންކާގައި ބޭއްވި، 20 އަހަރުން ދަށުގެ ކާވާ މެންސް ވޮލީބޯލް ޗެމްޕިއަންޝިޕްގައި ވާދަކުރި, ރާއްޖޭގެ ޒުވާން ވޮލީ ޓީމުން ކުޅުނު ހުރިހާ މެޗަކުން ބަލިވެއްޖެ އެވެ.
މި މުބާރާތައް ނެގި ޒުވާން ވޮލީ ޓީމުގައި ބޮޑު އަދަދެއް ހިމެނެނީ, ޕޮލިސް ކްލަބްގެ އެކަޑަމީ ކުޅުންތެރިންނެވެ. މީގެ ކުރިން ޒުވާން ވޮލީ ޓީމެއް އެކުލަވާލުމުގެ މަސައްކަތް ވީއޭއެމް އިން ކޮށްފައިވެ އެވެ. އެކަމަކު އެ މަސައްކަތް ފަހުން ހުއްޓުނެވެ. ޒުވާން ވޮލީ ޓީމް ޕޫލުގައި އޭރު ހިމެނުނު، ބައެއް ކުޅުންތެރިން މިހާރު އަންނަނީ ސީނިއާ ގައުމީ ޓީމުގައި ހިމެނެމުންނެވެ.
މި މުުބާރާތުގައި ރާއްޖެއިން ފުރަތަމަ ނުކުތީ ތުރުކިމިނިސްތާންއާ ދެކޮޅަށެވެ. އެ މެޗުން ރާއްޖެ ބަލިވީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް ދިޔައީ, 25-10, 25-13 އަދި 27-25 އިންނެވެ.
ދެ ވަނަ މެޗުގައި ރާއްޖެ އިން ނުކުތީ, ލަންކާއާ ދެކޮޅަށެވެ. އެ މެޗުން ވެސް ރާއްޖެ ބަލިވީ ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓުތައް ދިޔައީ, 25-14, 25-14 އަދި 25-11 އިންނެވެ.
ތިން ވަނަ މެޗުގައި ރާއްޖެއިން ނުކުތީ, ނޭޕާލާ ދެކޮޅަށެވެ. އެ މެޗުން ވެސް ރާއްޖެ ސީދާ ތިން ސެޓުން ބަލިވީ އެވެ. އެ މެޗުގެ ސެޓުތައް ނޭޕާލުން ކާމިޔާބުކުރީ, 25-05, 25-12 އަދި 25-20 އިންނެވެ.
ހަތަރު ވަނަ މެޗުގައި އުޒްބެކިސްތާންއާ ދެކޮޅަށް ރާއްޖެ ނުކުތްއިރު, މި މެޗު އުޒްބެކިސްތާން އިން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓުތައް ދިޔައީ, 25-12, 25-10 އަދި 25-16 އިންނެވެ.
ފަސް ވަނަ މެޗުގައި ރާއްޖެއިން ނުކުތީ ކިރްގިސްތާންއާ ދެކޮޅަށެވެ. މި މެޗު ކިރްގިސްތާން އިން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓުތައް ދިޔައީ, 25-15, 25-21 އަދި 25-19 އިންނެވެ.
ހަ ވަނަ މެޗަކީ ރޭންކިން މެޗެވެ. ރޭންކިން މެޗުގައި ރާއްޖެއިން ނުކުތީ ލަންކާއާ ދެކޮޅަށެވެ. ލަންކާ އިން ވަނީ މި މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށްފަ އެވެ. މި މެޗުގެ ސެޓުތައް ދިޔައީ, 25-12, 25-20 އަދި 25-20 އިންނެވެ.
ރާއްޖޭގައި ބޭއްވި ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) 20 އަހަރުން ދަށުގެ އަންހެން ވޮލީބޯލް މުބާރާތުގައި ވެސް ރާއްޖޭން ކުޅުނު ހުރިހާ މެޗަކުން ބަލިވީ ސެޓެއް ވެސް ނުލިބި އެެވެ. އެހެންކަމުން، ޒުވާން ވޮލީ ޓީމުތައް މި ފަަހަރު ވާދަކުރި ބައިނަލްއަގުވާމީ ދެ މުބާރާތުގައި ވެސް ކުރިމަތިލާން ޖެހިފައިވަނީ ދަށް ނަތީޖާތަކަކާ އެވެ.
Comment