ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު
ދަރަނި އަދާ ކުރުމާއި، އިންވެސްޓުކޮށް، ދައުލަތުގެ އާމްދަނީ އިތުރުކުރަން އުފައްދާފައިވާ ސޮވްރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އަށް ޖަމާކޮށްފައި ހުރި ފައިސާގެ ބޮޑު ބައެއް ސަރުކާރުން ބޭނުންކޮށްފި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، އެ ފަންޑުގައި ހުރީ ދެ މިލިއަން ޑޮލަރެވެ. ނޮވެމްބަރު 17، 2023 ގައި އެ މަނިކުފާނުގެ ވެރިކަން ފެށި ފަހުން އެ ފަންޑަށް ޖަމާކުރަމުން އައި ޑޮލަރާއެކު އެ ފަންޑުގެ ބެލެންސް 70 މިލިއަން ޑޮލަރަށް އެރި އެވެ.
ނަމަވެސް މާލީ ދަތިކަން ބޮޑުވެ، އެންމެ ފަހުން އެ ފައިސާއިން ބޮޑު ބައެއް ދާދި ފަހުން ވަނީ ނަގައިފަ އެވެ.
މައުލޫމާތު ހާމަނުކުރާތީ އެސްޑީއެފްގެ ޖުމުލަ ސައިޒެއް ނޭނގެ އެވެ. އަދި އެ ފަންޑުގައި ހުރި ފައިސާ މަދުވީ އިންވެސްޓުކޮށްގެން ކަމެއް ނުވަތަ ހަރަދެއް ކޮށްގެންކަން ވެސް ސަރުކާރުން އަދި ހާމައެއް ނުކުރެ އެވެ.
އިތުބާރު ކުރެވޭ ބައެއް މަސްދަރުތަކުން "އަދަދު" ނޫހަށް ބުނީ އިއްޔެގެ ނިޔަލަށް އެސްޑީއެފްގައި ހުރީ ގާތްގަނޑަކަށް ވިއްސަކަށް މިލިއަން ޑޮލަރު ކަމަށެވެ. އެހެންވެ، އެ ފަންޑުން ފަންސާހަކަށް މިލިއަން ޑޮލަރު އެ ވަނީ ނަގައިފަ އެވެ.
ފަންޑުން ނެގި ފައިސާގެ ތެރެެއިން އެޗްޑީސީގެ ލޯނަކަށް ފައިސާ ދައްކާފައިވާ ކަމަށް މައުލޫމާތު ދިން މީހުން ބުންޏެވެ.
"އެއީ ވަރަށް ބޮޑު ދެރަކަމެއް، އެހައި ހިސާބަށް [މާލީ ހާލަތު ދަށްވެގެން] ދިޔައީމަ،" މައުލޫމާތު ދިން އެކަކު ބުންޏެވެ.
މި ހާލަތަށް މާލީ ކަންކަން ގޯސްވެގެން ދިޔައިރު ވެސް، ހަރަދު ކުޑަކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެ އެވެ. ސިޔާސީ މުވައްޒަފުން ވެސް މަދެއް ނުކުރެ އެވެ.
އެސްޑީއެފްއަށް ޖަމާކުރަނީ އެއާޕޯޓު ޑިވެލޮޕްމަންޓް ފީ އާއި ކްރޮސް ސަބްސިޑީގެ ގޮތުގައި ލިބޭ ފައިސާ އާއި ސަރުކާރަށް އެހެން ގޮތްގޮތުން ލިބޭ ބައެއް އާމްދަނީ އެވެ.
އެ ފަންޑު އުފެއްްދީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، 2017 ވަނަ އަހަރު އެވެ.
ރައީސް ސޯލިހްގެ ސަރުކާރު ނިމުނު އިރު އެސްޑީއެފްގައި ދެ މިލިއަން ޑޮލަރު ހުރިއިރު، ކޮމާޝަލް ބޭންކުތަކުގެ ފިކްސްޑް ޑިޕޮސިޓްގެ ގޮތުގައި އަދި ޑޮލަރު ޓީބިލް އިންވެސްޓްމަންޓްގެ ގޮތުގައި އެ ފަންޑުގެ 139.1 މިލިއަން ޑޮލަރު ހުންނާނެ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެފައިވެ އެވެ.
Comment